ފްލެޓު ދިނީ އިންސާފުން، ނުހައްގުންނޭ ބުނުމަކީވެސް ނުހައްގު ވާހަކައެއް: މުއިއްޒު

ހިޔާ ފޯމު ބަލައިގަންނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ވާހަކައަކީ އަދި ވެސް އެންމެ ހޫނު އެއް މައުލޫ އެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިމިދިޔަ ސަރުކާރުން ފެށި އެ މަޝްރޫއުގެ ދަށުން ފްލެޓު ހޯދުމަށް ހުށަހެޅި މީހުންގެ ތެރެއިން ފްލެޓު ލިބޭނެ މީހުން ކަނޑައަޅައި ސަރުކާރު ނިމުގެ ކުރިން ވަނީ އާންމުކޮށްފަ އެވެ.

ފްލެޓު ލިބުނު ކަމުގެ ލިޔުން ވެސް އެމީހުންނާ ހަވާލުކޮށްފައިވާ އިރު. ފްލެޓުތަކަށް ވަދެވޭނެ ދުވަހެއް ނޭނގެ އެވެ. ފްލެޓުތަކުގެ ސައިޒު ކުޑަ ވާހަކަ އާއި ނުހައްގު މީހުންނަށް ފްލެޓު ދީފައިވާ ކަމަށް އާ ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަން ބެލުމަށް ކޮމެޓީއެއް އެކުލަވާލާ މަސައްކަތްތައް ކުރިއަށްދާ އިރު، ފްލެޓު ލިބުނު މީހުން ތިބީ މާޔޫސްކަން މަތީ އެވެ.

ފްލެޓުލިބުނު ކަމުގެ ލިޔުން ލިބުނު މީހުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވިދާޅުވާ ގޮތުން ނަމަ ހިޔާ ފްލެޓު ދިނީ ނުހައްގުން ކަމަށް ބުނާ ނަމަ، އެ ވާހަކައަކީ ނުހައްގު ވާހަކައެކެވެ.

ސަން އޮންލައިންގެ "50 މިނެޓު" ޕްރޮޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ހިޔާ ފްލެޓުތަކާ ގުޅިގެން މުއިއްޒުއަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

"އެއްގޮތަކަށް ވެސް ނުބުނެވޭނެ [ފްލެޓު ދިނީ ނުހައްގުންނެކޭ]. އެބޭފުޅުން އެހެން ވިދާޅުވެއްޖެ ނަމަ ނުހައްގު ވާހަކައެއް އެ ވިދާޅުވެވެނީ. ހަގީގަތާ ހިލާފުވާހަކައެއް އެއީ. އެ މަޝްރޫއު ކުރިއަށް ގެންދިޔައިރު އަޅުގަނޑުމެން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންގޮސްފައި ހުންނާނީ ވަރަށް ދެފުށް ފެންނަގޮތަށް، ހުރިހާ މައުލޫމާތުތަކެއް މީޑިއާގައްޔާއި ގެޒެޓުގައި އިއުލާނު ކުރެވިފައި ހުންނާނީ. ކޮންމެ ގަވައިދެއް ވިޔަސް، ކޮންމެ އުސޫލެއް ވިޔަސް ޝަރުތެއް ވިޔަސް ހުރިހާ ކަމެއް ހުންނާނީ އިއުލާނު ކޮށްފައި، އެ މިންގަނޑުތަކަށް އަޅުގަނޑުމެން ކުރިއަށް ގެންގޮސްފައި ހުންނާނީ،" މުއިއްޒު ވިދާޅުވި އެވެ.

ފްލެޓު ދިނީ ވަކި ބަޔަކަށް ކަމަށް ބުނާ ވަހަކައަކީ ދޮގެއް!

މުއިއްޒު ވިދާޅުވީ ފްލެޓު ލިބުނީ ކޮންބަޔަކަށް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިސާލެއްގެ ގޮތުން ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލްގެ އާއިލާގެ ގިނަ ބަޔަކަށް ފްލެޓު ލިބުނު ކަމަށް ބުނާ ވާހަކަ ވެސް އެނގުނީ މީޑިއާ އިން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ކޮންމެވެސް އެމްޕީއެއްގެ އާއިލާގެ އެގާރަ ބާރަ މީހަކަށް ފްލެޓު ލިބުނު ވާހަކަ ނޫހެެއްގައި ޖެހި. އަޅުގަނޑަށް ވެސް ނޫހުން ފެނުނީ. އަޅުގަނޑު ހަނދާންވަނީ އެއީ އެމްޕީ ހަލީލް ކަމަށް. އަޅުގަނޑު ހަލީލަށް މެސެޖުކޮށްފައި ދެންނެވީ މިއީ ކޮންވާހަކައެއްހޭ ތިޔަ ބޭފުޅާ އާއިލާގެ އެތައް ބަޔަކަށް ފްލެޓު ލިބުނު ކަމަށް އެބައޮތޭ. އަޅުގަނޑު އެހެން ދެންނެވީމާ ހަލިލް ވިދާޅުވީ މަޑު ކުރައްވާށޭ. ނޫސް ބަޔާނެއް އެބަ ނެރެމޭ. ހަލީލް ނޫސް ބަޔާން ނެރުއްވި. އޭތީގެ ކޮޕީއެއް އަޅުގަނޑަށް ވެސް ދެއްވި. އޭގައި އެބޭފުޅާ ވިދާޅުވެފައި އެ އޮންނަނީ އަޅުގަނޑުގެ އާއިލާއޭ މުޅި ރަށުގައި ވެސް އޮންނާނީ. ރަށުގެ 37 މީހަކަށް އެބައޮތޭ ފްލެޓު ލިބިފައި، ތިމަންނަގެ އާއިލާ އަކީ މުޅި ރަށުގެ އެންމެ ބޮޑު އާއިލާ އަށްވީމާ، ކޮންމެ މީހަކަށް ލިބުނަސް ތިމަންނަގެ އާއިލާ އަށޭ މި ލިބެނީ،" ހަލީލްގެ އާއިލާގެ އެއްވެސް މީހަކަށް ފްލެޓު ލިބުނުކަން އެނގިވަޑައި ނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

https://sun.mv/116367

"އަޅުގަނޑުމެން ނުބަލަމޭ ކާކުގެ އާއިލާއެއްގެ ކޮން ބަޔެއްތޯ މިއީ. އަޅުގަނޑުމެން ބަލަނީ ހުށަހަޅާފައި ހުރި މައުލޫމާތުން އޭނައަށް ޕޮއިމްޓް ލިބޭވަރު. ޕޮއިންޓް ލިބޭނަމަ އެންމެ މަތިން ޕޮއިންޓް ލިބޭ މީހުން ހޮވާއިރު ހޮވިގެން ދަނީ. އެއްގޮތަކަށް ވެސް މިވެނި މީހެއްތޯ އެއީ ބަލާނެ ކަމެއްވެސް ނޫން. ބެލޭނެ ކަމެއްވެސް ނޫން،" މުއިއްޒު ވިދާޅުވީ މަދުން ޕޮއިންޓް ލިބުނުމީހުންނަށް ފްލެޓު ދިނުން ފަދަ ކަމެއް ހިޔާ މަޝްރޫއުގެ ތެރެއިން ހިނގާފައި ނޯންނާނެ ކަމަށެވެ.

"އޮބްޖެކްޓިވްލީ ބައްލަވައިފިނަމަ ފްލެޓު ކޮމެޓީ އަކަށް ވެސް ދެވަނަ ކޮންކްލޫޝަނެއް ނުނެރެވޭނެ. ހަމައެކަނި ނެރެވޭނެ ކޮންކްލޫޝަނަކީ އިންސާފުވެރިކޮށް ހައްގުވެރިންނަށް ކަން ފްލެޓު ދީފައި ހުރީ،"

މުއިއްޒު ވިދާޅުވީ މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލެޓުގެ ހައްގުވެރިންނަށް އެ ތަންތަން ނުދީފާނެ ކަމުގެ ކަންބޮޑުވުން ކަމަށެވެ.

"ފްލެޓު ނުލިބުނު ފަރާތްތަކަކީ ވެސް ހަމަ ހައްގުވެރިން. އެކަމަކު އެ ބޭފުޅުންނަށް ވުރެ ގިނައިން ޕޮއިންޓް ލިބުނު ބޭފުޅުންނަށް ފްލެޓު މި ލިބުނީ،"

މުއިއްޒު ވިދާޅުވީ އޭރުގެ ސަރުކާރުން އޮބްޖެކްޓިވްލީ ކުރިއަށް ގެންގޮސްފައި އޮތް މަސައްކަތަކާ މެދު މި ސަރުކާރުން ކަން ކުރާނެ ގޮތް ނޭނގޭ ކަމަށެވެ.

މައުލޫމާތު ފުރިހަމަ ނުވާނަމަ ފޯމު ބަލައިވެސް ނުގަންނަން: މުއިއްޒު

ހަމައެކަނި ނަންޖަހާފައި ހުރި މީހުންނަށް ފްލެޓު ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފްލެޓު ދިން ގޮތް ބަލަން މި ސަރުކާރުން އެކުލަވާލި ކޮމެޓީ އިން ދެއްކި ވާހަކައަށް މުއިއްޒު ވަނީ ރައްދު ދެއްވައިފަ އެވެ. މުއިއްޒު ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ހިޔާ ފޯމުތައް ހައުސިން މިނިސްޓްރީ ތެރެއަށް އުކާފައި ހުރި ކަމަށް ބުނެ ދެއްކި ވާހަކަ އަކީ އެގޮތަށް ވާހަކަ ދެއްކުމަށް ބުނި ބުނުމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

https://sun.mv/116496

ހިޔާ ފޯމުތައް ހުރީ ހައުސިން މިނިސްޓްރީ ތެރެއަށް އުކާފައި ކަމަށް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމެޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

https://sun.mv/115415

ނަމަވެސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ނިމުނު އިރު، ފްލެޓު ފޯމުގައް ހުންނާނީ ރަނގަޅަށް ފޮށިފޮއްޓަށް އަޅާ ބަންދުކޮށްފައި ކަމަށެވެ.

https://sun.mv/115487

"ގައިމު ވެސް ފޯމެއް އެޕްލައިކުރަން އަންނައިރު ބަލައިވެސް ނުގަންނާނެ ފޯމުގައި މައުލޫމާތު ފުރިހަމަ ނުވަނީހެއް. އެއީ މުސްތަހީލު ކަމެއް. ކޮންމެ މީހެއްގެ ފޯމުވެސް ފުރިހަމަތޯ ބަލާފައި ނޫނީ ފޯމު ބަލައި ވެސް ނުގަންނަން،"

މުއިއްޒު ވިދާޅުވީ ފޯމާއެކު ހުށަހަޅަން ޖެހޭ ބައެއް ތަކެތި ހުށަނާޅާނަމަ އެ ފޯމު އެއް ފަރާތުގައި ބާއްވާފައި، އެ މަދުވާ ޑޮކިޔުމެންޓް ހުށަހެޅުމަށް ހަތް ދުވަސް ދިން ކަމަށެވެ. އަދި އެ މުއްދަތުގައި ޑޮކިޔުމެންޓު ހަމަނުވެއްޖެނަމަ ފޯމުނައްތާލީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ފޯމު ބަލައިވެސް މި ގަންނަނީ ފުރިހަމަވީމާ. ހަމައެކަނި ނަމެއް ނޫން. ބައިވަރު ބައިތައް ހުންނާނެ. އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ ފޯމުތައް ނަގާ އުކާލާފައި، ސްޓޭޖެއް ކްރިއޭޓްކޮށްފައި މި ބޭފުޅުން ބޭނުންވާ ކަހަލަ ގޮތްގޮތަށް ބަދަލުކޮށްފައި އަޅުގަނޑުމެން ބޮލުގައި އިލްޒާމު އަޅުވަނީ ކަމަށް ގަބޫލު ކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގައި ފްލެޓު ދިން އިރު ހާލަތު ވަޒަން ކުުރުމަށް ގޭގެ އަށް ނުދިޔައީ، ފްލެޓު ފޯމުގައި ފްލެޓަށް އެދޭމީހާގެ ބަޔާނެއް ހިމަނަން ހަމަޖައްސާފައިވާތީ ކަމަށެވެ. އެ ބަޔާނަކީ ގާނޫނީ ގޮތުން ޝަރީއަތަށް ގޮސްފި ނަމަވެސް އެ މީހަކު ޒިންމާނަގަން ޖެހޭ މައުލޫމާތު ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެގޮތަށް ކަންކުރީ އެތައް އަހަރެއްގެ ތަޖުރިބާގެ އަލީގައި،"

ފްލެޓު ލިބުނު މީހުންގެ ފައިނަލް ލިސްޓުގައި ހިމެނިފައިވާ މީހަކަށް ފްލެޓު ނުލިބިއްޖެ ނަމަ އެއީ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނޭކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަން ކޮށްފައި އެވަނީ ވަރަށް ޒިންމާދާރުކޮށް ހަރުދަނާ ކަމާއެކީ. އިދިކޮޅުގައި ތިބެގެން އަޅުގަނޑުމެން މަސައްކަތްކުރާ އިރު، އެފަދަ ކަންތައް ޒިންމާދާރު ކުރަން މަސައްކަތް ކުރާނަން،"

އާ ސަރުކާރުން ނިންމީ އެޕާޓްމެންޓުތައް ބޮޑުކުރަން

މި ސަރުކާރުގެ ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓަށް ޝަރުތު ހަމަވާކަމަށް ލިސްޓުކޮށްފައިވާ ފަރާތްތަކަށް، ސަރުކާރުން އިތުރަށް ފްލެޓު އަޅަން ޖެހިއްޖެ ނަމަ އެކަން ކޮށްގެން ވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ފުލެޓުތަކުގެ ސްޓުރަކްޗާއަށް ބަދަލު ނާންނަ ގޮތަށް ދެ ކޮޓަރިން ތިން ކޮޓެރިއަށް ފްލެޓުތައް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތަށް ހެދުމުން ފުލެޓުތަކުގެ އަދަދު 3،588 އަށް ބަދަލުވެގެން ދާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"މި ގެނައި ބަދަލާ އެކު ފްލެޓުތަކުގެ އަދަދު މަދުވި ކަމުގައި ވީ ނަމަވެސް މި ޕްރޮގްރާމްގެ ދަށުން ލިބޭނެ ކަމަށް ހޮވިފައިވާ ޝަރުތު ފުރިހަމަވާ ހައްގުވެރިންނަށް ފްލެޓް ދިނުމަށްޓަކައި ސަރުކާރުން އިތުރު ފްލެޓު އިމާރާތްކޮށް އެ ފަރާތްތަކަށް ހައްގުވާ ފްލެޓުތައް އެ ފަރާތްތަކަށް ދޭނެ،" ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އާތިފާ ވިދާޅުވި އެވެ.

ނަމަވެސް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ބޮޑުމިނަކީ 550 އަކަފޫޓު ކަމަށާއި އެއީ މާލެ ސަރަހައްދަށް ބަލާއިރު ކުޑަ މިންވަރެއް ނޫން ކަމަށެވެ. ހިޔާ ފްލެޓުތަކުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމެންތުތަކުގެ ކޮޓަރިއެއްގައި ހުންނާނީ 10 ފޫޓު 11 ފޫޓު ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މާލޭގައި ގޭގޭގައި އެވްރެޖުކޮށް ހުންނާނީ އެވަރަށް. އެއީ މާލެ ސަރަހައްދާ އަޅާބަލާއިރު ކުދި ކޮޓަރިއެއް ނޫން. އެތަންތައް ޑިޒައިން ކުރީ އިމިޑިއޭޓް ފެމެލީ އަށް ހާއްސަކޮށް،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓުތަކާމެދު ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމެޓީ އިން އަދި ގޮތެއް ނުނިންމަ އެވެ. ކޮމެޓީއަށް ހުށަހެޅޭ ޝަކުވާތަކަށްބަލާ، ފްލެޓު މައްސަލާގައި ގޮތް ނިންމުމަށް ރައީސް އަށް ލަފާ އަރުވާނީ މި ކޮމެޓީ އިންނެވެ.

comment ކޮމެންޓް