ޕީއެންސީގެ ކޮންގްރެސް އިންތިޒާމް ކުރުން ޕީޕީއެމް އަށް

ޕީއެންސީ) އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން: އެޕާޓީގެ ކޮންގްރެސް އިންތިޒާމް ކުރަނީ ޕީޕީއެމް އިން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ލީޑާޝިޕަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ކޮންގްރެސްގެ ހުރިހާ ކަމެއް ކުރިއަށް ގެންދަވާނީ އެ ޕާޓީގެ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމް އިން ކަމަށް ކޮންގްރެސް ޕާޓީގެ ވަގުތީ ހިންގާ ކޮމެޓީ މެމްބަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ. އެ ޕާޓީގެ އިންތިހާބީ މަގާމުތަކަށް ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

މުންދު މިރޭ "ސަން" އަށް ވިދާޅުވީ، އެޕާޓީގެ ދައުވަތަކަށް ކޮންގްރެސްގެ ހުރިހާ ކަމެއް ކުރިއަށް ގެންދަވާނީ ޕީޕީއެމް އިން ކަމަށާއި އެގޮތުން އެކަމަށް ޓަކައި އިިިިލެކްޝަންސް ކޮމިޝަންގެ ހުއްދަ ވެސް ނަގާފައިވާ ކަމަށެވެ.

"ޕާޓީގެ ދާއިމީ މުއައްސަސާތަކެއް ނެތުމުން، އިލެކްޝަންސް ކޮމިޝަންގެ ހުއްދައާ އެކު ޕީޕީއެމްގެ ލީޑާޝިޕަށް ދެންނެވީ[ޕާޓީގެ ކޮންގްރެސް ކަންތަކުގައި] އެހީތެރިވުމަށް،" މުންދު ވިދާވި އެވެ.

މުންދު ވިދާޅުވީ، އެ ޕާޓީގެ ކޮންގްރެސްގައި މިހާރު ވަގުތީ ހިންގާ ކޮމެޓީގެ ގިނަ މެމްބަރުން ވާދަކުރައްވާ ކަމަށެވެ. އެހެން ކަމުން ޕީއެންސީގެ ކޮންގްރެސް އެންމެ ހާމަކަންބޮޑުގޮތަކަށް އިންސާފުވެރި ގޮތަކަށް ކުރިއަށް ދާނީ ޕީޕީއެމް އިން ކޮންގްރެސް ކުރިއަށް ގެންދިއުން ކަމަށް މުންދު ވިދާޅުވި އެވެ.

"[ޕީޕީއެމް އަށް ކޮންގްރެސް ކުރިއަށް ގެންދުމަށް ނިންމެވީ] އެއީ އެންމެ ހާމަކަންބޮޑު އަދި އިންސާފުވެރި ގޮތަކަށް ވާނެ މަގު ކަމަށް ފެންނާތީ. އޭރުން އަޅުގަނޑުމެން ވަގުތީ ހިންގާ ކޮމެޓީގެ މެމްބަރުން އެކަމުން އެއްކިބާވެ ތިބެވޭނީ،" މުންދު ވިދާޅުވި އެވެ.

ޕީއެންސީގައި މިހާރު އޮތީ އެ ޕާޓީ އުފެއްދުމަށް މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ބޭއްވި އާންމު ޖަލްސާއިން އިންތިހާބު ކުރި ވަގުތީ ލީޑާޝިޕެކެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ޕާޓީއެއް ރަޖިސްޓްރީ ވުމާ ގުޅިގެން ތިން މަސް ދުވަސްތެރޭ ޕާޓީގެ މަގާމުތަކަށް ދާއިމީ މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ.

އެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހަށެވެ.

comment ކޮމެންޓް