އައްޑޫގައި 1500 ހައުސިން ޔުނިޓް އަޅަނީ

މިނިސްޓަރު އާތިފާ އައްޑޫއަށް ކުރައްވާ ދަތުރުގެ ތެރެއިން -- ފޮޓޯ އައްޑޫ ސިޓީ ކައުންސިލް

މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20،000 ހައުސިން ޔުނިޓް އަޅާނެ ކަމަށާއި އޭގެ ތެރެއިން 1500 ހައުސިން ޔުނިޓް އަޅާނީ އައްޑޫ ސިޓީގައި ކަމަށް ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާތިފާ މިހާރު އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ސިޓީގެ ކައުންސިލާ ބައްދަލު ކުރައްވާ ވިދާޅުވީ އައްޑޫ ސަރަހައްދުގައި 5.3 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެއީ މާލެ ތޮއްޖެއްސުން ކުޑަކޮށް ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރުމަަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ތެރެއިން 5000 ހައުސިން ޔުނިޓް އެޅުމަށް ހަތަރު މަސް ތެރޭ ސޮއި ކުރެވޭނެ. އޭގެ ފްރޭމް އެގްރިމަންޓުގައި އިއްޔެ ވަނީ ސޮއި ކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާތިފާ ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުދޫގައި މިހާރު ނިމިފައިވާ ހައުސިން ޔުނިޓްތަކަށް ބޭނުންވާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައް ގުޅުމަށް ފެނަކައާ ހަވާލުކޮށްފައިވާ ކަމަށާ އެ މަސައްކަތް ކުރިއަށް އޮތް ދެ މަސްތެރޭ ނިންމާލެވޭނެ ކަމަށެވެ. މިނިސްޓަރު ވަނީ އައްޑޫގައި މިހާރު ހަދާ ނިމިފައިވާ ހައުސިން ޔުނިޓުތައް ބައްލަވާލައްވައިފައެވެ.

މިބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ އައްޑޫ ސިޓީގައި އެންމެ ބޮޑު މައްސަލައަކީ ބިމުގެ މައްސަލަ ކަމަށެވެ.

އެގޮތުން އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުން ކުރިން ދޫކޮށްފައިވާ ބިންތައް އަލުން ދިނުމަށް ބަލާއިރު ބައެއް ގޯތިތައް އިސީސީ ހުރި އިމާރާތާއި އިމުގެ ތެރެއަށްގޮސްފަހި ހުރުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން ބިންދޫކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށް މޭޔަރު ވިދާޅުވިއެވެ.

މިމައްސަލަތައް ހައްލުކުރުމަށް މިހާރު ހަދާފައިހުރި ލޭންޑްޔޫސް ޕްލޭން ރިވިއުކުރުމަށްޓަކައި ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށާއި އެއާއެކު އައްޑޫގައި މިވަގުތު ބޭނުންކުރާ ގޯތިތަކާއި ފަޅަށްހުރި ގޯތިތައް ދެނެގަތުމަށް ސާވޭގެ މަސައްކަތްވެސް ފަށާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

comment ކޮމެންޓް