އެމިރޭޓްސްގެ ފަހުގެ ބޯޓުގެ ދަތުރުތައް ރާއްޖެއަށް

އެމިރޭޓްސްގެ ފްލައިޓެއް --

ދުބާއީގެ އެއާލައިން އެމިރޭޓްސް އިން އެންމެ ފަހުން ގަތް ބޯޓު އީއާރު 300-777 އެއާކްރާފްޓުގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެއެވެ.

އެމިރޭޓްސް އިން ބުނީ އެ ބޯޓުގެ ދަތުރުތައް ރާއްޖެއަށް ފަށާނީ ޖޫންމަހުގެ ފުރަތަމަ ދުވަހު ކަމަށެވެ. ރާއްޖެއަކީ އެ ބޯޓުގެ ޝެޑިއުލް ދަތުރުތައް ފަށާ އޭޝިއާ ސަރަހައްދުގެ ފުރަތަމަ ގައުމު ކަމަށްވެސް އެމިރޭޓްސް އިން ބުންޏެވެ.

އެމިރޭޓްސްގެ އާ ބޯޓަކީ މަތީ ފަންތީގެ މީހުންނަށް ހާއްސަ ޕްރައިވެޓް ސޫޓްތައްވެސް ހިމެނޭ ބޯޓެކެވެ. އެ ބޯޓުގެ ފްސްޓް ކްލާހާއި ބިޒްނަސް ކްލާސް އަދި އިކޮނޮމީ ކްލާހަކީވެސް ފަސިންޖަރުންނަށް ފަސޭހަވާނެހެން ބޮޑު ހުސްޖާގައާއެކު ޑިޒައިންކޮށްފައިވާ ކެބިން ތަކެކެވެ.

އެމިރޭޓްސް އިން ވެސްޓް އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޚޫރީ ވިދާޅުވީ އެމިރޭޓްސްގެ ފަސިންޖަރުންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެއް ކަަމަށާއި ހާއްސަކޮށް ހަނީމޫނު ދަތުރު ކުރާ ފަސިންޖަރުންނާއި އާއިލާތަކުގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ބޮޑު ކަމަށެވެ.

އެމިރޭޓްސް އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލާ އެއް އެއާލައިނެވެ. އެ އެއާލައިނުން މިހާރުވެސް މާލެ އާއި ދުބާއީ އާ ދެމެދު ސީދާ ދަތުރުތައް ބާއްވައެވެ. މީގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯ އާއި މާލެ އާ ދެމެދުވެސް އެމިރޭޓްސް އިން އުދުހެއެވެ.

އާ އެއާކްރާފްޓުގެ ދަތުރުތައް ރާއްޖެއަށް ކޮންމެ ދުވަހަކު ބާއްވަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް