ސަރުކާރު ހިއްސާާ ކުންފުނިތަކަށް ފަހު ކުއާޓަރުގައި 7.55 ބިލިއަން ލިބުނު

އެސްޓީއޯގެ 2017 ވަނަ އަހަރީ އާންމު ޖަލްސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 7.55 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ޕްރައިވަޓައިޒެޝަން އެންޑް ކޯޕަރައިޓޭޒޭޒަން ބޯޑުން އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ ސަރުކާރު ކުންފުނިތަކުގެ މާލީ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ލިބުނު އާމްދަނީ ވަަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 ޕަސެންޓް އިތުރުވެފައެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އަށެވެ. އެ މުއްދަތުގައި އެސްޓީއޯ އަށ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 541 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެސްޓީއޯ އަށްފަހު ދެން އެންމެބޮޑު އާމްދަނީއެއް ލިބުނީ އެމްއޭސީއެލް އަށެވެ. އެމްއޭސީއެލް އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ މަތިންދާބޯޓަށް އަޅާ ތެޔޮ ވިއްކައިގެންނެވެ. އެ މުއްދަތުގައި އެމްއޭސީއެލް އަށް 1.4 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނެވެ.

މީގެ އިތުރުން ދިރާގު، ބީއެމްއެލް ، އައިލެންޑް އޭވިއޭޝަން އަދި ފެނަކަ އަށްވެސް މިދިޔަ އަހަރު ވަނީ 200 މިލިއަން ރުފިޔާ އަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. 2017 ވަނަ އަހަރާ އަޅާބަލާއިރު ބީއެމްއެލް އަދި އެމްޓީސީސީ އަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދަށަށް ގޮސްފައެވެ.

އަހަރުން އަހަރަށް ބަލާއިރު ލިބުނު އާމްދަނީ އެންމެ އިތުރުވީ ވެމްކޯ އަށެވެ. އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރާ އަޅާބަލާއިރު 44 ޕަސެންޓް އިތުުރުވެފައެވެ. 2017 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ވެމްކޯ އަށް 44,546,800 ރުފިޔާ ލިބުނުއިރު 2018 ވަނަ އަހަރުގެ އެމުއްދަތުގައި ވެމްކޯ އަށް ލިބުނީ 64,169,066 ރުފިޔާ އެވެ.

comment ކޮމެންޓް