ފަނޑިޔާރުންނާ ބެހޭ ވާހަކަ ދެއްކީ ވަކި ނަތީޖާއެއް ނެރެންތޯ ސުއޫދާ ސުވާލު ކޮށްފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިއަދު ކޯޓަށް ހާޒިރު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށް ބުނެ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވާހަކަ ދެއްކެވީ ވަކި ނަތީޖާއެއް ނެރެންތޯ ސުޕްރީމް ކޯޓުން ސުވާލުކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އިތުބާރެއް ނެތް ކަމަށާއި އެހުރިހާ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން، ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެޓީވީގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން ސުއޫދު ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދާއި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ ދަށުން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ރާއްޖެޓީވީގައި ދެއްކި ވާހަކަތާ ގުޅޭގޮތުން ސުއޫދުގެ ބަޔާނެއް ނަގަން އޭނާ މިއަދު ކޯޓަށް ހާޒިރު ކުރީ 1:15 އަށެވެ. ބަޔާން ނަގުމަށް ސުއޫދު ވަނީ ދެ ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަކޮށްފަ އެވެ.

ސުއޫދު މިއަދު ވިދާޅުވީ، އޭނާ ކޯޓަށް ހާޒިރުކުރުމަށް ފަހު ސުވާލު ކުރީ ރާއްޖެ ޓީވީގައި ދެއްކި ވާހަކަތަކީ ވަކި މަގުސަދެއް ހާސިލު ކުރަން ދެއްކި ވާހަކައެއްތޯ އެވެ.

"އަޅުގަނޑު އެ ވާހަކަ ދެއްކި ސަބަބު އޮޅުން ފިލުވަން ބޭނުންވީ. ވަކި ނަތީޖާއެއް ހާސިލު ކުރަން ދެއްކި ވާހަކައެއްތޯ ނުވަތަ ނޫންތޯ،" ސުއޫދު ވިދާޅުވި އެވެ.

ޖަވާބުގައި ސުއޫދު ވިދާޅުވި ކަމަށް އޭނާ ވިދާޅުވީ، ޓީވީގައި ވާހަކަ ދައްކާފައި ވަނީ ނަތީޖާއެއް ހާސިލު ކުރަން ނޫން ކަމަށެވެ. އަދި އޭނާ ވާހަކަ ދެއްކީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ތެރެއިން އޭނާ ދެކޭ ގޮތް ހާމަކުރުމުގެ ގޮތުން ކަމަށް ވެސް ތަހުގީގުގައި ވިދާޅުވި ކަމަށް ސުއޫދު ވިދާޅުވި އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިއަދު ކޯޓަށް ހާޒިރު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑުގެ ހިޔާލަށް ފެންނަ، ބުއްދިއަށް ފެންނަ އެއްޗެއް ގާނޫނު އަސާސީގެ ދަށުން ލިބިފަ އޮތީމަ ދެއްކި ވާހަކައެކޭ އެއީ. [އަޅުގަނޑު ދެންނެވިން] އެއީއޭ ސަބަބަކީ،" ސުއޫދު ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ޖުޑިޝަރީއަށް ފާޑުވިދާޅުވަން ޖެހިލުންވާނެތޯ "ސަން" އިން ސުވާލު ކުރުމުން ސުއޫދު ވިދާޅުވީ އަދިވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރައްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބެހޭގޮތުން ސުއޫދު ދެއްކެވި ވާހަކަތަކުގެ ސަބަބުން އޭނާގެ މައްސަލަ ބަލަން ފަށާފައިވާ އިރު، މީގެ ކުރިންވެސް އޭނާ ދައްކާފައިވާ ވާހަތަކާ ގުޅިގެން ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން އެނާގެ ވަކީލުކަމުގެ ހުއްދަވެސް މީގެ ކުރިން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

comment ކޮމެންޓް