އެކަހެރި ބައްދަލުވުމަށް އިތުރު ދެ އެޕާޓްމަންޓް މާފުށީ ޖަލުގައި ހަދައިފި

އެކަހެރި ބައްދަލުވުމަށް އިތުރު ދެ އެޕާޓްމަންޓް މާފުށީ ޖަލުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ކަރެކްޝަންސް

ގައިދީންނަށް ހާއްސަކޮށްގެން ލޯންޑްރީ އަކާއި، އެކަހެރި ބައްދަލުވުންތަކަށް ހާއްސަ އިތުރު ދެ އެޕާޓްމަންޓް މާފުށީ ޖަލުގައި މިއަދު ހުޅުވައިފި އެވެ.

މިއަދު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ތަންތަން ހުޅުވާދެއްވީ، މާފުށީ ޖަލުގެ ޑައިރެކްޓަރު، އެސިސްޓެންޓް ސުޕްރިންޑެންޓް އޮފް ޕްރިޒަންސް އަހުމަދު ރިޒާ އެވެ.

ކަރެކްޝަންސްއިން ބުނީ މިއަދު ހުޅުވި ލޯންޑްރީއަކީ، އަންހެން ގައިދީން ބައިތިއްބާފައި ތިބޭ ޔުނިޓް ގައި އަންހެން ގައިދީން ބޭނުންކުރުމަށް ހުޅުވި ލޯންޑްރީ އެއް ކަމަށެވެ.

އެ ލޯންޑްރީއަކީ، އޮފިސަރުންގެ ބެލުމުގެ ދަށުން އަންހެން ގައިދީން އެއްޗެހިދޮވުމަށް ހާއްސަކޮށްގެން ހުޅުވި ލޯންޑްރީއެކެވެ. އެ މަސައްކަތަކީ، ގައިދީންނަށް އުޖޫރަދީގެން ކުރުވުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށްވެސް ކަރެކްޝަންސްއިން ބުންޏެވެ.

ކަރެކްޝަންސްއިން ބުނީ ކައިރި މުސްތަގުބަލެއްގައި ފިރިހެން ގައިދީން ބޭނުންކުރުމަށް ފިރިހެން ގައިދީން ބައިތިއްބާފައި ތިބޭ ޔުނިޓްގައި ވެސް ލޯންޑްރީ އެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެކަހެރި ބައްދަލުވުންތަކަށް މިއަދު ހުޅުވި އެޕާޓްމަންޓާއެކު މިހާރު އެފަދަ ހަތަރުތަން މާފުށީ ޖަލުގައި ހުރެ އެވެ.

comment ކޮމެންޓް