ސީ ސްޕޯޓްސް ރާޅު ސީސަން އަންނަ މަހު ފަށަނީ

ރާޅާއެޅުންތެރިޔަކު ރާޅާ އަޅަނީ --- ފޯޓޯ/ މޯލްޑިވިއަން ސާފް އެސޯސިއޭޝަން

މޯލްޑިވް ސާފިން އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ "ސީ ސްޕޯރޓްސް ރާޅު ސީސަން އޯޕަނިންގް 2019" ރާޅާ އެޅުމުގެ މުބާރާތް އަންނަ މަހު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުރިން ވަރަށް ފޯރިއާ އެކު މާލޭގައި ބާއްވަމުން އައި ރާޅާ އެޅުމުގެ މުބާރާތް އަހަރުތަކަކަށް މެދު ކެނޑިގެން ދިޔައީ މުބާރާތް ބާއްވަމުން ދިޔަ މާލޭ އިރުމަތީ ފަރާތު ވަރުނުލާ ރާޅުގަނޑު، ބުރިޖު އެޅުމަށް ޓަކައި ބަންދު ކުރުމުގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން މާލޭގައި ރާޅާ އެޅުމުގެ މުބާރާތެއް ނުބާއްވާތާ މިހާރު ފަސް އަހަރު ވެއްޖެ އެވެ.

ރާއްޖޭގެ ބައެއް ރާޅާއެޅުންތެރިން --- ފޯޓޯ/ މޯލްޑިވިއަން ސާފް އެސޯސިއޭޝަން

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 4 ވަނަ ދުވަހަށް ކުރިއަށް ގެންދާ ގޮތަށް ހަމެޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވި އިރު، ޖުމަލަ 44 ރާޅާ އެޅުންތެރިން ވަނީ ރަޖިސްޓަރީ ވެފަ އެވެ.

މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ޑިވިޝަނަކަށެވެ. އެއީ ޝޯރޓްބޯރޑް ޑިވިޝަންއާއި ބޮޑީ ބޯރޑިން ޑިވިޝަން އެވެ. އެގޮތުން ޝޯރޓްބޯޑިންގްގައި ބައިވެރިވުމަށް 23 ފަރާތަކުން އެދިފައިވާ އިރު ބޮޑީ ބޯރޑިން ޑިވިޝަނުގައި 21 ފަރާތަކުން ވަނީ ބައިވެރި ވެފަ އެވެ.

ވަރުނުލާ ރާޅުގަނޑު ގައި ކުރިޔައްދާ މި މުބާރާތުގެ ސޮޕްންސަރުންގެ އެއްބަސްވުމުގައި ރޭ ސޮއެ ކުރިއިރު މި ފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސީ ސްޕޯރޓްސް އެވެ. ކޯ ސްޕޮންސަރަކީ ލިޒީ އެވެ. އަދި ޕާޓނާ ސްޕޮންސަރުންނަކީ ސީ ގިއަރ އަދި ދިރާގެވެ.

ގިނަ އަދަދެއްގެ ރާޅާއެޅުންތެރިން ބައިވެރިވާ މި މުބާރާތުގައި މާލޭގެ އިތުރުން އެކި އަތޮޅުތަކުގެ ޒުވާން އެތްލީޓުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މުބާރާތުގައި އެންމެ ގިނައިން ބައިވެރިވެފައި ވަނީ ލާމު އަތޮޅާއި ފުވައްމުލަކުގެ އެތުލީޓުންނެވެ.

މުބާރާތް ބާއްވާ ސަރަހައްދަކީ ބްރިޖު އަޅަން ބޭނުންކުރި ބައެއް ސާމާނުގެ ސަބަބުން ވަރަށް ބޮޑަށް ތަގައްޔަރުވެފައިވާ ސަރަހައްދެކެވެ. ބްރިޖު އަޅަން ބޭނުންކުރި ދަގަނޑު ހޮޅިފަދަ ތަކެތި އެ ސަރަހައްދުގެ މޫދަށް އެޅިފައި ވުމުން މާލޭގައި ތިބި ރާޅާ އެޅުންތެރިންނާއި ފުލުހުންގެ އެހީތެރިކަމާ ވެސް އެކު ވަނީ އެ ސަރަހައްދު ކޮންމެސް ވަރަކަށް ސާފު ކޮށްފަ އެވެ.

comment ކޮމެންޓް