އެފްއޭއެމްގެ ދެ މަގާމަކަށް އަސްލަމްއާއި ކުޑަ ހީނާ ހަމަޖައްސައިފި

އެފްއޭއެމްގެ ދެ މަގާމަކަށް މިއަދު ހަމަ ޖެއްސި ދެ ބޭފުޅުން، އިސްމާއިލް އާސިފް (ކުޑަހީނާ) އާއި އަސްލަމް އަބްދުލްރަހީމް --

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ "ޓޮވާޑްސް ފިއުޗަރ" ޕްރޮގްރާމްގެ ދަށުން ގޯލް ކީޕަރުންނާއި އިންސްޓްރަކްޓްރުން ތަމްރީނު ކުރުމުގެ ބަޔާއި ކުޑަ ކުދިން ތަމްރީނު ކުރުމުގެ ބައި ހިންގުމަށް ދެ ބޭފުޅަކު އެފްއޭއެމްއާ ގުޅިއްޖެ އެވެ.

މިއަދު އެފްއޭއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްމާއިލް އާސިފް (ކުޑަހީނާ) އާއި އަސްލަމް އަބްދުލްރަހީމް ވަނީ އެ އެސޯސިއޭޝަނުގެ ޓެކްނިކަލް ޑިޕާޓްމަންޓުގައި މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ ދެ ބޭފުޅުންނަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ކުޅެ މަޝްހޫރުކަން ހޯދުމަށްފަހު މިހާރު ކޯޗިންގް ދާއިރާގައި ވެސް ތަޖުރިބާތަކެއް ކޮށްފައިވާ ދެ ބޭފުޅުންނެވެ.

އެފްއޭއެމްގެ ރައީސް އެ އިދާރައިގެ ޓެކްނިކަލް ޑިޕާޓްމަންޓުގައި މަސައްކަތްކުރުމުގެ އެއްބަސްވުން އަސްލަމްއާ ހަވާލު ކުރަައްވަނީ ---

ކުރިން ގައުމީ ޓީމުގެ ކީޕަރުކަން ކޮށްފައިވާ، އަދި މިހާރުގެ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު ކަން ކުރަމުން އަންނަ އަސްލަމް މިއަދު އެފްއޭއެމްއާ ގުޅިވަޑައިގަތީ އެފްއޭއެމްއިން ރާވާ ހިންގާ ކީޕަރުންނާއި ކީޕަރު އިންސްޓަރަކްޓަރުން ރާއްޖޭގައި ތަމްރީނު ކުރުމުގެ އިތުރުން ގޯލް ކީޕިންގް އެކަޑަމީއެއް ހިންގުމުގެ އިސްވެރިޔެއްގެ ގޮތުގަ އެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އިސްމާއިލް އާސިފް (ކުޑަހީނާ) އެފްއޭއެމްއާ ގުޅުނީ 13 އަހަރުން ދަށުގެ ކުޅުންތެރިން ތަމްރީން ކުރުމަށާއި 16 އަހަރުން ދަށުގެ ފެންވަރު ރަނގަޅު ގައުމީ ޓީމެއް ދެ އަހަރު ދުވަހުގެ ތެރޭގައި ބިނާކުރުމުގެ ޕްރޮޖެކްޓް ހިންގުމަށެވެ.

ނަމަވެސް މިއަދު މި ދެ ބޭފުޅުން ހަވާލުވި މަގާމާ އެކު ދެން ރާއްޖޭގެ ކުލަބު ތަކުން އެ ދެ ބޭފުޅުން ނުފެންނާނެ އެވެ. އަސްލަމް މީގެ ކުރިން އަހަރުތަކުގައި ކްލަބް އީގަލްސްގައި މަސައްކަތް ކުރަމުން އައި އިރު ކުޑަހީނާ އައީ ވެލެންސިއާ އަށް ކޯޗުކަން ކޮށްދެމުންނެވެ.

އެފްއޭއެމްގެ ރައީސް އެ އިދާރައިގެ ޓެކްނިކަލް ޑިޕާޓްމަންޓުގައި މަސައްކަތްކުރުމުގެ އެއްބަސްވުން ކުޑަހީނާއާ ހަވާލު ކުރަައްވަނީ ---

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަސްލަމް އާއި ކުޑަ ހީނާގެ ފަދަ ފުޓުބޯޅައިގެ ތަޖުރިބާ ހުރި ދެ ބޭފުޅުން އެފްއޭއެމްގެ މަސައްކަތުގައި ބައިވެރިވުމަކީ އެ އިދާރާގެ ހިންގުން އިތުރަށް ރަނގަޅުވެގެންދާނެ ކަމެއް ކަމަށެވެ.

"ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ ހިތްވަރެއް މިއީ،" ބައްސާމް ވިދާޅުވި އެވެ. "އަސްލަމަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރު. ކުޑަހީނާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަދި މިހާރު މޮޅު ޓްރެއިނަރެއް،"

މީގެ އިތުރުން މި ދެ ބޭފުޅުންނާ އެކު އިތުރަށް މަސައްކަތް ކުރާނެ ކޯޗުންނާއި ޓްރޭނަރުން ހޯދާނެ ކަމަށާއި މި ކަމުގެ ސަބަބުން ފުޓުބޯޅައިގެ ރަނގަޅު ޖީލެއް ކައިރި މުސްތަގުބަލެއްގައި ބިނާ ވެގެންދާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް