ބްރައިޓޮން ބަލިކޮށް ޓޮޓެންހަމް ތިންވަނައިގައި ހަމަޖެހިލައިފި

ޓޮޓެންހަމްގެ މިޑްފީލްޑަރު ކްރިސްޓެން އެރިކްސަން --- ފޮޓޯ/ ރަޔާން ބެންސަން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓޮން އެންޑް ހޯވް އަލްބިއަން ބަލިކޮށް ޓޮޓެންހަމްއިން ތާވަލުގެ ތިންވަނައިގައި ހަމަޖެހިލައިފި އެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމު ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު އެ ޓީމު ތާވަލުގެ ތިންވަނައިގައި އޮތީ 35 މެޗު ކުޅެ 70 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމާ އެންމެ ގާތުން ދެން ވާދަ ކުރާ ޗެލްސީއަށް ލިބިފައި ވަނީ 67 ޕޮއިންޓެވެ.

ލީގުގައި ބާކީ ތިން މެޗު ކުޅެން އޮތް އިރު ގަދަހަތަރެއްގެ ވާދަވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ގަދަހަތަރެއްގެ ދެ ޖާގަ ދެ ޓީމަކުން މިހާރު ކަށަވަރު ކޮށްފައިވާ އިރު އިތުރު ހަތަރު ޓީމަކުން ދަނީ އެ ޖާގަ ހޯދުމަށް ބުރަ މަސައްކަތް ކުރަމުންނެވެ. އަދި އެ ޓީމުތަކުގެ ދެމެދުގައި ކުޑަ ކުޑަ ފަރަގެއް އޮތުމުން އެންމެ މެޗަކުންވެސް ނަތީޖާ އެއްކޮށް ބަދަލުވެދާނެ އެވެ.

ޓޮޓެންހަމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ހެރީ ކޭން މިވަގުތު އަނިޔާގައި ހުރި އިރު އެ ޓީމު މިވަގުތު އޮތީ އެއް ކޮޅުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގަ އެވެ. އަދި ޕްރިމިއާ ލީގުގައި ވެސް ސަލާމަތުގެ އައްސޭރިއަކަށް އައުމާ ގާތް ވެފައިވާ އިރު އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކައި ކޭން ނެތްތަން ފޫ ބައްދަމުންނެވެ.

ރޭގެ މެޗުގައި ޓޮޓެންހަމްއަށް މެޗު ކާމިޔާބުކޮށްދިން ގޯލު މެޗު ނިމެންދަނިކޮށް ކާމިޔާބު ކޮށްދިނީ ކްރިސްޓަން އެރިކްސަންއެވެ. މި ސީޒަން ނިމުމަށްފަހު ޓޮޓެންހަމް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައިވާ އެރިކްސަން އަންނަ ސީޒަނުގައި ވެސް ޓޮޓެންހަމްގައި މަޑު ކުރާނެ ކަމަށް ނުސީދާގޮތަކަށް ރޭގެ މެޗަށް ފަހު އޭނާ ބުނެފައި ވެއެވެ.

ޓޮޓެންހަމްގެ އާ ސްޓޭޑިއަމް ހުޅުވިފަހުން ހަތަރު މެޗު މިހާތަނަށް ކުޅެފައިވާ އިރު އެ ޓީމު އެ ދަނޑުގައި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އަދި އެ ހަތަރު މެޗުގައި ބައި ކޮޅަށް އެއްވެސް ގޯލެއް ވެސް ވަދެފައި ނުވާ އިރު ޖުމްލަ އަށް ގޯލު ވަނީ އެ މެޗުތަކުގައި ޓޮޓެންހަމް އިން ޖަހާފަ އެވެ.

comment ކޮމެންޓް