ލީގު ކަށަވަރުކުރަން ބާސެލޯނާ ބޭނުންވަނީ ބާކީ ތިން ޕޮއިންޓް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއާއި ޒުވާން މިޑްފީލްޑަރު ކާލޮސް އެލީނިއާ --- ފޮޓޯ/ޖޭމީ ސްމިތް

ރޭ ސްޕެނިޝް ލީގުގައި، ޑިޕޮޓީވޯ އަލަވެސް ފަސޭހަކަމާ އެކު ބަލިކޮށް ބާސެލޯނާއިން ލީގު ހޯދުމަށް ތިން ޕޮއިންޓާ ގާތަށް ޖެހިލައިފި އެވެ.

އަލަވެސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ބާސެލޯނާ ކުރި ހޯދާފައި ވަނީ 0-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާ އެކު ބާސެލޯނާ މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ 34 މެޗު ކުޅެ 80 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި އަލަވެސް އަށް 34 މެޗު ކުޅެގެން 46 ޕޮއިންޓް ލިބޭ އިރު އެ ޓީމު މިވަގުތު އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ.

ލީގުގައި ބާކީ ހަތަރު މެޗު ކުޅެން އޮތް އިރު އަންނަ ހޮނިހިރު ދުވަހު ލެވަންޓޭއާ ބައްދަލު ކުރާ މެޗު ބާސެލޯނާ އިން ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް ލީގު ކަށަވަރު ވާނެ އެވެ. ސަބަބަކީ އެ މެޗުން ބާސެލޯނާ މޮޅު ވެއްޖެ ނަމަ ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެމެދުގެ ފަރަގު ބޮޑުވެ ލީގު ނިމޭ އިރު ވެސް އަތު ނުވާނެތީ އެވެ.

ބާސެލޯނާ އިން ރޭ އަލަވެސްއާ ދެކޮޅަށް ނުކުތީ އެ ޓީމުގެ މުހިއްމު ބައެއް ކުޅުނތެރިން ޓީމުގައި ނުހިމަނައެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާއި މެދު ތެރެއަށް ކުޅެމުން އަންނަ އާތުރްގެ އިތުރުން ޖޯޑީ އަލްބާވެސް އެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިފައެއް ނުވެ އެވެ.

މެޗު ފެށިގެން ނިމެންދެން ވެސް މެޗު ޑޮމިނޭޓުކޮށް މޮޅަށް ކުޅުނީ ބާސެލޯނާއިންނެވެ. އެ މެޗުގައި ބާސެލޯނާއަށް ގޯލުތައް ޖަހައިދިނީ ރޭގެ ފުރަތަމަ އެގާރައިން ޖާގަ ލިބުނު މިޑްފީލްޑަރު ކާލޮސް އެލީނިއާ އާއި ލުއިސް ސުއަރޭޒް އެވެ.

ކުރިއަށް އޮތް މެޗުގައި ބާސެލޯނާއިން މޮޅުވެ ލީގު ކަށަވަރުކުރަން ފުރުސަތު އޮތް ނަމަވެސް ފުލް އެގާރައިގެ ކުޅުންތެރިން އެ މެޗުގައި ކުޅޭނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ މުޅި ސީޒަނުގައި ވެސް ބާސެލޯނާ މިހާތަނަށް ކުޅޭނެ އެންމެ މުހިއްމު މެޗު އަންނަ ހަފްތާގައި ކުޅެން ޖެހޭތީ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ފޯމުގައި އޮތް ލިވަޕޫލް މެޗަށް ބާސެލޯނާއިން ތައްޔާރު ވުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު މެޗުގައި ބާސެލޯނާއިން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދޭނެ ކަމަށް ބެލެވުނަސް އެ މެޗަކީ ވެސް މުހިއްމު މެޗެކެވެ.

comment ކޮމެންޓް