ލަމް އެންމެ ދާ ހިތްވަނީ މި ފަސް ގައުމަށް

ލަވަކިޔުންތެރިޔާ ލަމްހާ އަދި އޭނާގެ ފިރިމީހާ--- ފޮޓޯ/ލަމް

ދިވެހި މިއުޒިކީ ދުނިޔޭގައި މިވަގުތު ގުނާލެވޭ ހުނަރުވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ތަރިއަކީ ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް)އެވެ. މިއުޒިކީ ދުނިޔޭގައި ފިޔަޖަހަމުން އަންނަ ލަމް ވަނީ މޯލްޑިވިއަން އައިޑަލްގެ ޕްލެޓް ފޯމްގެ ތެރެއިން މާ ބޮޑަށް މަޝްހޫރުކަން ހޯދައިފަ އެވެ.

މި ފަހަރު މި ސެގްމަންޓުގައި ގެނެސްދޭނީ ލަމް އެންމެ ދާން ބޭނުންވާ ފަސް ގައުމުގެ ލިސްޓެވެ.

ގްރީސް

ލިސްޓުގެ އެންމެ ކުރީގައި ލަމް ހިމަނަނީ ގްރީސް އެވެ. އަބަދު ވެސް އެންމެ ދާހިތްވާ އެކަމަކު އަދި މިހާތަނަށް ވެސް ނުދެވި އޮތް ގްރީސް ލަމް އަށް ކަމުދަނީ އެ ގައުމުގެ ތާރީހާއި ސަގާފަތުގެ ސަބަބުންނެވެ. އަދި އެ ގައުނުގެ ރަށްތަކާއި ފަރުބަދަ އަދި މޫދު ވެސް ލަމްއަށް ކަމުދެ އެވެ. ގްރީސް އިން ލަމް އެންމެ ދާން ބޭނުންވަނީ ސެންޓޮރީނީ އަށެވެ.

ގްރީސް---

މޮރޮކޯ

މޮރޮކޯގެ ހިތްގައިމު މިސްކިތްތަކާއި ލޭންޑްސްކޭޕްތަކަކީ ލަމް އަބަދުވެސް ބަލައިލަން ބޭނުންވާ ތަންތަނެވެ. މޮރޮކޯގެ ކެއުން ވެސް ތަޖުރިބާ ކޮށްލަން ބޭނުންވެފައި ހުރި ލަމް ބުނީ އެ ގައުމަކީ ލަމް އަބަދުވެސް ދާން ބޭނުންވާ ގައުމެއް ކަމަށެވެ.

މޮރޮކޯ---

މިސްރު

ލިސްޓުގެ ތިންވަނައިގައި ލަމް ހިމެނީ އިޖިޕްޓް، ނޫނީ މިސްރެވެ. މިސްރުގެ ތަރީހާއި ސަގާފަތް ނުހަނު މުއްސަނދި ކަމަށް ލަމް ފާހަގަ ކުރެ އެވެ. ލަމް ބުނާ ގޮތުގައި އޭނާ މިސްރަށް ދާން އެންމެ ބޮޑަށް ހިތް ޖެހިފައި ވަނީ މިސްރުގެ ފިރުއައުނުން ވެރިކަން ކުރި ދުވަސްވަރުގެ އަހުރާމްތައް ބަލައިލަންށެވެ.

އިޖިޕްޓް---

ޖަޕާން

ސްޕްރިންގްގައި ޖަޕާނުގެ ވިއު ވަރަށް ސަޅިވާނެ ކަމަށް ލަމް ބުންޏެވެ. އަދި އެތަނުގެ ކެއުމަށް ވަރަށް ލޯބިކުރާ ކަމަށްވެސް އޭނާ ބުންޏެވެ. އެއީ ލަމް ޖަޕާނަށް ދާން ބޭނުންވާ ސަބަބުތަކެވެ.

ޖަޕާން--

ފްރާންސް، ޝަމޮނީ

ލިސްޓުގައި ކޮންމެހެން ހިމަނާލަންޖެހޭ އަދި ގަދަ ފަހެއްގެ ލިސްޓުން ޖާގަ ހޯދި ފްރާންސްގެ ޝަމޮނީ އަކީ ދެ ފަރުބަދައިގެ ދެމެދުގައިވާ ކުޑަ އަވަށެކެވެ. ގައިމުވެސް ލަމް އަކީ ފަރުބަދަތަކުން އުފެދިފައިވާ ގުދުރަތީ ރީތި ކަމަށް ހިތް ދޫވެފައިވާ މީހެކެވެ.

ފްރާންސް، ޝަމޮނީ--

މީގެ ކުރިން ވެސް ދުނިޔޭގެ އެކި ގައުމުތަކަށް ގޮސްފައިވާ ލަމް މިހާރު ޕްލޭން ކުރަމުން އެ ދަނީ މި ފަސް ގައުމުގެ ތެރެއިން އޭނާ އެންމެ ފުރަތަމަ ދާނެ ގައުމެއް ކަނޑައަޅައިށެވެ. އޭނާގެ ދަތުރު ޕްލޭން މިހާރުވެސް ފެށިއްޖެ އެވެ.

comment ކޮމެންޓް