ސިފައިންގެ ފްލެޓްތަކުގައި މިއަހަރުތެރޭ ދިރިއުޅެވޭނެ: ރައީސް

މިރޭ ގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ: ސިފައިންގެ ފްލެޓްތަކުގައި މިހަރުތެރޭ ދިރިއުޅެވޭނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ހާސަކޮށްގެން ހުޅުމާލޭގައި އިމާރާތްކުރަމުން ގެންދާ، ސިފްކޯ ހިޔާ ފްލެޓްތަކުގައި މިއަހަރު ތެރޭ ދިރިއުޅެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސިފްކޯ ހިޔާ ފްލެޓްތަކަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރުގެ ތެރޭގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންޓްސް އަދި ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ"އާ ގުޅިގެން އިމާރާތްކުރަން ފެށި ފްލެޓްތަކެކެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ، އެ މަޝްރޫ ދިޔައީ މަޑުޖެހެމުންނެވެ.

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އާންމު ރައްޔިތުންނެކޭ އެއްފަދައިން ސިފައިންނަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ، އެކަށީގެންވާ ބޯހިޔާވަހިކަން ނެތުން ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ހަދަމުން އަންނަ ސިފްކޯ ހިޔާ ފްލެޓްތަކަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި މިއަހަރު ތެރޭ އެ ފްލެޓްތަކުގައި ދިރިއުޅެވެން ފެށޭނެ ކަމަށެވެ.

"ސިފްކޯ ހިޔާ ފްލެޓްތަކަށް ބޭނުންވާ ފައިސާ މިހާރު ހުރީ ހަމަޖެހިފައި. އަޅުގަނޑު އުންމީދުކުރަނީ، އެ ފްލެޓްތައް ނިމި، މިއަހަރުގެ ތެރޭގައި ދިރިއުޅެން ފެށޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ތިން ޓަވަރު ހިމެނޭ ގޮތަށް އިމާރާތްކުރާ ސިފްކޯ ހިޔާގައި 330 ފްލެޓް ހިމެނޭއިރު، ކޮންމެ އެޕާޓްމަންޓެއްގައި 900 އަކަފޫޓު ހުރެއެވެ. އަދި ލަގްޒަރީ ފެންވަރުގެ ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި ހުރެއެވެ.

އެ މަޝްރޫއު މަސައްކަތް ކުރިއަށް ނުގޮސް ދިގު މުއްދަތަކަށް ހުއްޓިފައިވަނިކޮށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ވަނީ އެ މަސައްކަތް އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ ދެއަހަރު ދުވަހަށް ހަވާލުކޮށްފައެވެ.

މިރޭގެ ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިފައިންގެ ހިދުމަތްތަކުގެ ތެރެއިން، ކޯސްޓްގާޑަކީ ސިފައިންގެ ވަރަށް މުހިންމު ގުނަވަނެއް ކަމަށާއި ކޯސްޓްގާޑަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ، އުޅަނދުފަހަރު އަޅާނޭ ދާއިމީ ބަނދަރެއް ނެތުމާއި، ޑޮކްޔާޑެއް ނެތުން ކަމަށެވެ. އަދި އެފަދަ ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ސިފައިން އަމަލުކުރަންޖެހޭ އުސޫލަތަކެއް ބަޔާން ކުރާ ޑޮކްޓްރީންއެއް އިފްތިތާހުކޮށްފަ އެވެ.

ޑޮކްރީންއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސިފައިންގެ ޑޮކްޓްރީންގެ އެހީގައި، ސިފައިންގެ ހިދުމަތް، ޒަމާނީ ފެންވަރަށް ތަރައްޤީ ވެގެންދާނެ ކަން ޔަޤީން ކުރައްވާ ކަމަށެވެ. އަދި ޑޮކްރީންގެ ސަބަބުން،، ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، ދިމާވާ ގޮންޖެހުންތަކާއި ނުރައްކާތަކާ ކުރިމަތިލެވޭނެ ގޮތަށް، ދިވެހި އަސްކަރިއްޔާގެ އިސްތިރާޖީ ކުރިމަގުވެސް ބައްޓަންވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި އަސްކަރިއްޔާގެ ބާރުތައް އަލުން އެކުލަވާލައި ތަރުތީބުކުރެވިގެންދާނީ، ޑޮކްޓްރީންގެ އަސާސްތަކުގެ މައްޗަށް. އެ ޑޮކްޓްރީންއިން ގެނެސްދޭ ބަދަލުތަކާއެކު، ރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ވެގެންދާނީ، އަސްކަރިއްޔާއެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ، ހުނަރާއި ތަމްރީން ލިބިފައިވާ އަދި ވަސީލަތުގެ ގޮތުންވެސް ޤާބިލުކަން ލިބިފައިވާ ލަޝްކަރަކަށް،" މިރޭ ތައާރަފް ކުރެވުނު ޑޮކްރީންއާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި، ސިފައިން ފޯރުކޮށްދޭ އަވަސް އެހީތެރިކަން ރައްޔިތުން ހެޔޮހިތުން ބަލައިގަންނަކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ހިނގި އަލިފާނުގެ 80 އަށްވުރެ ގިނަ ހާދިސާގައި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، ސިފައިން ފޯރުކޮށްދިން ޚިދުމަތް، ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް