ރޯދަމަސް ފެށެން 11 ދުވަސް، އަވަހަށް ތައްޔާރުވޭ!

ކޮންމެ އަހަރަކު އެއް ފަހަރު މުސްލިމުންނާއި ބައްދަލުކުރާާ އެންމެ މާތް މައްސަރަކީ ބަރަކާތްތެރި ރަމަޟާން މަހެވެ. ރޯދަމަހު ގިނަ ވަގުތުތަކެއް އަޅުކަމަށް ހާއްސަކުރަން ޖެހޭ އިރު، ދުރާލާ ރޯދަމަހަށް ތައްޔާރުވެ، ގޭތެރެ ވަކި ގޮތަކަަށް ތަރުތީބުކޮށްލުމަކީ ރޯދަމަހުގެ މަސައްކަތްތައް ލުއިވެ، މި މާތް މަހުގެ ވަގުތުތައް ހެޔޮގޮތުގައި ލުއިކޮށް ހޭދަކޮށްލަން އެހީއަކަށްވާނެ އެވެ.

ރޯދަމަހަށް ތައްޔާރުވާން ގެތޭރެ ސާފުކޮށްލުން މުހިންމު..

ގޭތެރެ ސާފުކޮށް ތަރުތީބުކޮށްލުން

ރޯދަމަސް ފެށި، ރޯދައަށް ހުރެ، މިއީ ގައިމު ވެސް އެއްވެސް މީހަކު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. އެހެންކަމުން ދުރާލާ މުޅި ގޭތެރެ ސާފުތާހިރުކޮށް، ރޯދައަށް ބަދިގެތެރެ ތަރުތީބުކޮށްލުމަކީ ވަރަށް މުހިންމު އަދި ބޭނުންތެރިކަމެކެވެ. މިގޮތުން، ގޭތެރެ ހިރަފުސް ފޮޅާ ސާފުކޮށް އާކުރަން ބޭނުންވާ ފަރުނީޗަރުތަކެއް ހުރިނަމަ އަވަހަށް އެ ތަކެތި ބަދަލުކޮށްލާށެވެ.

ހަމައެޔާ އެކު، ރޯދަމަހަށް ބަދިގެތެރެ ތަރުތީބުކޮށްލުމަކީ ވެސް ފަހަށް ވިސްނާ ކޮށްލުން ރަނގަޅު ކަމެކެވެ. އާންމުކޮޮށް ބައެއް ގެތަކުގައި މިކްސަރާއި، އަވަން އަދި ބައެއް ވައްތަރުތަކުގެ ތެލި ބޭނުން ނުކުރިނަމަވެސް، ރޯދަމަހުގައި މިތަކެއްޗަކީ އެންމެ ގިނައިން ބޭނުންކުރާ ތަކެއްޗަށްވުމުން ވީހާވެސް ފަސޭހައިން އަތުޖެހޭނެ ހިސާބެއްގައި ބެހެއްޓުމުން ކޮންމެ ދުވަހެއްގެ މަސައްކަތް ލުއިވެ އަވަސްވާނެ އެވެ.

ޚަރަދުކުޑަކުރުމުގެ ގޮތުން ދުރާލާ ކަންކަން ރާވާލުމަކީ މުހިންމު

ރޯދަ މަހުގެ މެނޫ އަވަހަށް ތައްޔަރުކޮށްލާ

ސާފުކުރުމާއި ތަރުތީބުކުރުމުގެ މަސައްކަތްތަކަށް ފަހު ދެން އަވަސްވެގަންނަންވީ ރޯދަމަހުގެ މެނޫ ތައްޔާރުކުރުމަށެވެ. ގިނަ ގެތަކުގައި ރޯދަމަހު އެންމެން އެއްކޮށް އެއް ސުފުރާއެއްގައި ރޯދަ ވީއްލާ އަދި ތަރާވީހާ ހާރުކެއުމުގެ ވަގުތުތައް ހޭދަކުރާއިރު ދުރާލާ މެނޫ ތައްޔާރުކޮށް ޝޮޕިން ލިސްޓް ހެދުމަކީ ވަގުތު ސަލާމަތްވެ، ހަރަދުތައް ދާގޮތް ސާފުވެ އެންމެނަށް ވެސް ބޮޑު ލުޔެއް ލިބޭނޭ ކަމެކެވެ. އެހެންނަމަވެސް، މިކަމުގައި އާއިލާގެ އެންމެންގެ ޚިޔާލާއި މަޝްވަރާ ހޯދަންވާނެ އެވެ. އެހެންނޫން ނަމަ، ތައްޔާރުކުރާ ކާނާ ފަހަރެއްގައި ކަމުނުގޮސް އިސްރާފު ވެސް ވެދާނެ އެވެ.

އާންމުކޮށް ބޭނުންކުރާ ތަކެތި ގިނައިން ގަނެ ސްޓޮކް ކޮށްލާ

ގިނައިން ބޭނުންކުރަންޖެހޭ ތަކެތި ގަނެ ރައްކާ ކުރޭ!

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ކުރަންޖެހޭ ކަންކަން އެންމެ ފަހު ވަގުތު ކުރަން އާދަވެފައި ތިބޭ ބައެކޭ ބުންޏަސް ދޮގަކަށްނުވާނެ އެވެ. އެހެންނަމަވެސް މިފަހަރު މިކަމަށް ބަދަލެއް ގެނެސް ކުރީބައިގައި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މިއީ ކޮށްލުން މުހިންމު ކަމެކެވެ. ރޯދަމަހަށް ހަފްތާއަކާއި ދެތިން ދުވަހެއް ބާކީ އޮތްއިރު، އާންމުކޮށް ގޭގައި ބޭނުންކުރާ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށް، ބިސް، ކަދުރު، އަލުވި އަދި މަސްދަޅާއި ގެރިކިރު ފަދަ ބާވަތްތައް ގިނައިން ގަނެ ގޭގައި ރައްކާކުރުމަކީ ޚަރަދު ކުޑަވެ، މަސައްކަތް ލުއިވާނޭ ކަމެކެވެ. ގައިމުވެސް ކޮންމެ ދުވަހަކު ބޭނުންވާ ތަކެތި ގަދަ އަވީގައި ގޮސް ގަނެ ހެދުމަކީ ފަސޭހަކަމެއް ނޫންތާ އެވެ.

މި ލިސްޓުގައި ދެން ހިމަނާލުން އެންމެ މުހިންމީ ބަދިގޭގެ އެކި ކަންކަމަށް ބޭނުންކުރާ އެކި އައިޓަމްތަކެވެ. މިސާލަކަށް ފަނިގިރާ ޖަގުތަކާއި، ކާއެއްޗެހި ގިނަ ވަގުތު ބަހައްޓާ ރައްކާކުރާ ތަށި، ފޮއިލް، އަދި ތެލި ތަށި ސަމްސާ ފަދަ ތަކެއްޗެވެ. ގިނަ ފިހާރަތަކުގައި މިހާރު ސޭލް ވެސް ފަށާފައިވާ އިރު ސްޓޮކް ހުސްވުމުގެ ކުރިން އަވަސްކުރާށެވެ.

ވަގުތު އޮވެ، މިފަދަ ކަންކަން ދުރާލާ ކުރުުމުން ވަގުތު ސަލާމަތްވެ ޖީބަށްވެސް ލުއިވާނެ އެވެ.

comment ކޮމެންޓް