މުއައްސަސާއާ މެދު ނަފުރަތު އުފެދޭ ގޮތަށް ސިފައިން އަމަލުކޮށްގެން ނުވާނެ: ޝަމާލް

ސިފައިންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ކ-ވ) ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ -- ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ މުއައްސަސާއާ މެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ސިފައިން އަމަލުކޮށްގެން ނުވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ސިފައިންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަމާލް މިރޭ ވަނީ ދިވެހި ސިފައިންގެ ދައުރު ވަރަށް ފުޅާ ކަމަށް ވިދާޅުވެފައެވެ. އަދި ސިފައިންގެ ދައުރުގެ ތެރޭގައި ހިމެނޭ ކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ ސިފައިންނާއި ރައްޔިތުންނާ އޮންނަން ޖެހޭ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

"އަޅުގަނޑުމެން ސިފައިން ވާން ޖެހޭނީ ލޮބުވެތި ރައްޔިތުންގެ ހިތްތަކުގެ ހަމަޖެހުން ކަމުގައި. އެ ހިތްތަކުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ބައެއް ކަމުގައި،"

ފަޔާ އެންޑް ރެސްކިއު ކޯސްޓްގާޑް އަދި މެޑިކަލް ސާވިސް ވާން ޖެހޭނީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިގެން ކުރާ މަސައްކަތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް އެ ވިސްނުމުގައި ހުޅުވާލެވިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަމާލް ވިދާޅުވިއެވެ. އެކަމުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، ސިފައިންގެ ހިދުމަތަށް 127 އަހަރު ފުރިފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ސިފައިންގެ މުއައްސަސާއާ މެދު ނަފުރަތު އުފެދޭ ކަމެއް ސިފައިންނަށް ކުރެވިފައިވާނަމަ އެކަމުން މިއަދު އިބުރަތް ހާސިލު ކުރަން ޖެހޭ ކަމަށެވެ.

"ސިފައިންގެ ހިދުމަތަށް 127 އަހަރު ފުރިގެން ދިޔަ އިރު، ގައުމީ ހަޔާތުގައި ވަރަށް ގިނަ ތަޖުރިބާތަކެއް ސިފައިން ވަނީ ކޮށްފައި. މި ގަދަރުވެރި މުއައްސަސާއަށް އެއްވެސް ރައްޔިތެއްގެ ނަފުރަތުގެ ކަޅި އަމާޒުވާ ގޮތަށް އަޅުގަނޑުމެން ހަމަ ޔަގީނުންވެސް އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އެފަދަ ކަމެއް މާޒީގައި ހިނގާފައިވާ ނަމަ އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ އެކަމުން ފިލާވަޅާއި އިބުރަތް ހާލިލުކޮށް ކުރިމަގު އުޖާލާ ކުރުމަށް،"

ޝަމާލް މިރޭ އިތުރަށް ވިދާޅުވީ، ރައީސް ސޯލިހާއި ޑިފެންްްސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ލަފާފުޅުގެ މަތިން އެމްއެންޑީއެފްގެ ލީޑާޝިޕްގެ އިސްތިރާޖީ މަގު މިހާރު އިއުލާނުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ ވެލްފެއާގެ ކަންކަން ވަރުގަދަ ކުރުމާއި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލުކަން ވަރުގަދަ ކުރުމާއި، ސިފައިންގެ މެދުގައި އިންސާފާއި ހަމަހަމަކަމާއި އުސޫލުތަކުގެ ހަރުދަނާކަން މިހާރަށް ވުރެ ވަރުގަދަ ކުރުމާއި ސިފައިންނާއި ރައްޔިތުންނާ މެދު އޮންނަ ގުޅުން ވަރުގަދަ ކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

މިރޭ ކަޅުތުއްކަލާ ކޮށީގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝަރަފުވެރިކޮށްދެއްވައިފައެވެ. އަދި އެ ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ސިފައިންގެ ކެޕްސްޓޯން ޑޮކްޓްރީން ނެރެދެއްވައިފައެވެ.

comment ކޮމެންޓް