ބީއެމްއެލް ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފަށައިފި

ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމި ބައިވެރިއަކަށް ސެޓްފިކެޓް ދެނީ ---

ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު ފެށި ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމައި ދެވަނަ ބުރު ފަށައިފިއެވެ. މިއީ ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ހޯދައި ބީއެމްއެލްގެ އިތުރުން މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

މިރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ފުރިހަމަ ކުރި 14 ބައިވެރިއަކަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. އަދި މީގެ އިތުރުން މި ޕްރޮގްރާމްގެ ދެވަނަ ބުރަށް ހޮވުނު 15 ބައިވެރިއަކަށްްވެސް ވަނީ އެޕޮއިންޓްމަންޓް ލެޓާ ދީފައެވެ. މި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ ބޭންކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އާއިޝަތު ނޫރައްދީނެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އާއިޝަތު ނޫރައްދީން ވިދާޅުވީ މެދުކެނޑުމެއްނެތި މި އިންޓާންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފެށޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމި ބައިވެރިއަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

"ގައުމީ ޔުނިވާސިޓީ އާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ހިންގާ ގްރެޖުއޭޓް އިންޓަރންޝިޕްގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، މެދުކެނޑުމެއްނެތި މި އިންޓަރންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފެށޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕްރޮގްރާމްގެ ދަށުން ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ. އަދި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ ފަހި ފުރުސަތު މިވަނީ ހުޅުވާލެވިފައި،" އާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

މިއީ 'ބީއެމްއެލް ޕްރޮސްޕެކްޓް' ގައި ބައިވެރިވެފައިވާ މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް، 12 މަސްދުވަހުގެ މުއްދަތަކަށް ހިންގާ ޕްރޮގްރާމެކެވެ. މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ވަނީ ކަނޑއެޅިފައެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ އަށް އެދި ހުށަހެޅުމުގެ ފަހި ފުރުސަތު ލިބޭނެއެވެ.

މުވައްޒަފުންގެ ކަންކަމުގައި ބޭންކުން ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުން ބިނާކުރުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ބީއެމްއެލް އިން ވަނީ ޖެހިޖެހިގެން ދެ އަހަރު ހޯދާފައެވެ.

comment ކޮމެންޓް