ޕާކިން ފީވެސް ނަގަންވީ، އެކަމަކު ހައްލު ލިބޭނެތަ؟

މޭ 27، 2017: މަގުމަތީގައި ސައިކަލްތަކެއް ޕާކްކޮށްފައިވާ އިރު ބަޔަކު ޕޭމަންޓް މަތިން ހިނގާފައި ދަނީ: މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ނުހޯދޭ. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއަކީ މީހުނަށް ވުރެ ވެހިކަލް ގިނަ ތަނެކެވެ. މަގުމަތީގައި ފައި ޖައްސާލާނެ ތަންކޮޅެއް ނުލިބޭ ވަރަށް ދުއްވާ އެއްޗެހި މާލޭގައި ގިނަ އެވެ. އެންމެ ބޮޑު މައްސަލައަކީ މި ހުރިހާ ވެހިކަލް ޕާކް ކުރާނެ ތަނެއް ނެތުމެވެ. ނަތީޖާއަކަށް ވަނީ، އެއްވެސް ތަރުތީބެއް ނެތި އެކި ތަންތަނަށް ވެހިކަލްތައް އުކާލާފައި ބެހެއްޓުން މަޖުބޫރުވުމެވެ.

އެތައް އަހަރެއްވެފައިވާ މާލޭގެ ޕާކިން މައްސަލައަށް އެއްވެސް ވަރެއްގެ ހައްލެއް ނުލިބި އޮއްވައި، ސިޓީ ކައުންސިލުން އިއުލާނު ކުރީ މާލޭގައި އުޅަނދު ޕާކު ކުރުމަށް ފީ ނަގަން ވިސްނާކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވި ގޮތުގައި މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް މާލޭގައި ޕާކިން ސަރަހައްދުތައް ހަދައި އެތަންތަނުގައި ޕާކުކުރާ އުޅަނދުތަކަށް ފީ ނަގަން ޖެހެ އެވެ. އެއީ އެބޭފުޅުންގެ ނަޒަރުގައި ހައްލެކެވެ.

"އަޅުގަނޑުމެން ވިސްނާފައި ވަނީ، މަގުމަތީ ހުންނަ ޕާކިން ޒޯނުތައް މަދުކޮށް، ހިނގާމީހުންނަށް ފަސޭހަވާނެހެން ޕޭވްމެންޓު ފުޅާކުރުމަށް. މަގުމަތީގައި ޕާކު ކުރުމުގެ ސަބަބުން ދުއްވާއެއްޗެއްސަށާއި ހިނގާ މީހުންނަށް ވެސް އުނދަގޫވޭ. ޕާކިން ސަރަހައްދުތައް ކަނޑައަޅާ ހިސާބުތަކުގައި ހުންނަ ޕާކިން ޒޯނުތައް ނަގަން ވިސްނާފައި އޮތީ،" ޝަމާއު ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވަނީ، އެންމެ ފުރަތަމަ ޕާކިން ސަރަހައްދުތައް ހެދުމަށްފަހު އެ ފީ ނުނަގަން ނިންމާފައިވާ ކަމަށެވެ.

"އެތަންތަން ތަރައްގީކޮށް، ރައްކާތެރިކަމާ އެކު އުޅަނދު ޕާކު ކުރެވޭނެ ގޮތް ހެދުމަށް ފަހު، ފީ ނަގަން ފަށާނީ،" ޝަމާއު ވިދާޅުވި އެވެ.

މިހާރު ވެސް ޕާކިން ސަރަހައްދެއް މާފަންނު ސަހަރާ ކައިރި ވަނީ ތަރައްގީކޮށްފަ އެވެ. މަގުގެ އެތެރެއަށް ޕާކިން ސަރަހައްދު ދަމާލެވޭ ސަރަހައްދުތަކުގައި ޕާކިން ސަރަހައްދު ތަރައްގީކުރަން އިސްކަންދޭނެ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.

ރައްޔިތުން ރަތަށް!

ޕާކިން ފީ ނަގަން އުޅޭ ކަމަށް ވާހަކަ ދެކެވުމާއެކު ރައްޔިތުން ވަނީ ރުޅިގަދަވެ "ނަރުގަނޑު"ގައި ޖެހިފަ އެވެ.

އިތުރު ފީއެއް ނަގާތީ ރައްޔިތުންގެ މެދުގައި އެކަމާ ދެކޮޅު ހިޔާލުގެ އަޑު ގަދަވެފައިވާ މައިގަނޑު އެއްސަބަކީ އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ތަން ނެތި ސްޓިކާ ޖަހައި ޖޫރިމަނާ ކުރަމުން މިހާރުވެސް ދާތީ އެވެ. ސްޓިކާ ޖަހައިގެން ދައުކަތަށް ފައިސާ ނަގަމުން ދަނީ ޕާކިން މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ވައުދުގަ އެވެ. އެކަމަކު އެ ވަސީލަތުން އެތައް މިލިއަނެއްގެ އާމްދަނީ ދައުލަތަށް ވަތް ނަމަވެސް ޕާކިން މައްސަލަ އޮތީ ހައްލު ނުލިބި ހަމަ އޮތް ހިސާބުގަ އެވެ. އިތުރަށް ވިއްޔާ ވީ ގޯހެވެ. އެހެން ވީމާ، އެންމެން ވެސް އުފައްދާ ސުވާލަކީ އަނެއްކާ އިތުރު ފީއެއް ނަގައިގެން އެ މައްސަލަ ހައްލު ކުރެވޭނެ ހެއްޔެވެ؟

"ޕާކު ކުރާނެ ތަނެއް ނުދައްކާ ޕާކިން ސްޓިކާ ނުޖަހާނަމޭ ވެސް ބުނި! އެކަމަކު ޕާކު ކުރާނެ ތަނެއް ނެތް! އެ ޖޫރިމަނާ އާއެކު އަނެއްކާ އެބުނަނީ ޕާކު ކުރަން ލާރި ދައްކާށޭ!" ޕާކިން ފީ ނެގުމާގުޅޭ ގޮތުން މީހަކު އޭނާގެ ހިޔާކު ފާޅުކުރި އެވެ.

އަނެއް ބަޔަކު ދެކޭ ގޮތުގައި ޕާކިން މައްސަލަ ހައްލު ނުވަނީ ސަރުކާރުގެ ދޯހަޅު ސިޔާސަތުތަކުގެ ސަބަބުން އެވެ. މާލެއަށް އެތެރެ ކުރެވޭ ވެހިކަލްތައް ކޮންޓްރޯލް ކުރުމަކަށް ސަރުކާރަކުން ނުވިސްނަ އެވެ. އެ މީހަކު ހިތުހުރި ވަރަކަށް ވެހިކަލް އެތެރެކުރަނީ އެވެ. ޕާކިން ޒޯންތައް ތަރުތީބުކޮށް ހަމަ ގާއިމް ކުރުމަކަށް ސަރުކާރުން މަސައްކަތެއް ނުކުރެ އެވެ.

"އުޅަނދު ބޭނުންކުރާ މީހާ މާލެ ތޮއްޖެހުމުގެ ޒިންމާ ނަގާކަށް ނުޖެހޭނެ. ރަނގަޅު ކުރަންވީ ޕޮލިސީތައް. ބަލަންވީ އެތެރެކުރާ އުޅަނދުތައް. ނައްތާލަންވީ މަގުމަތީ ގިނަވެފައި ހުރި އުޅަނދުތައް. ޓެކްސް ދައްކާ ޖީއެސްޓީ އެވަރަށް ދައްކާ އިރު އަދި ވެސް ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ނުދެވޭ،" އިތުރު މީހަކު ހިޔާލުފާޅުކޮށްފައިވެ އެވެ.

މާލޭގެ ގޭގޭގެ ގަރާޖުތަކަށް ރަޖިސްޓްރީ ކޮށްފައިވާ ކާރުތައް މަގުތަކުން ނަގައި، ސައިކަލުތަކަށް ޕާކިން ޒޯނުތަކުގައި ޕާކު ކުރެވޭނެ ގޮތް ހަދައިދިނުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.

ރޯޑް ވާދިނަސް އާއި އިންޝުއަރެންސް، އަހަރީ ފީ ފަދަ ފީތައް ދެއްކުމަށް ފަހު އަލުން ޕާކު ކުރަން ފީ ދައްކަން ޖެހޭތީ ހިތްހަމަ ނުޖެހޭ ބަޔަކު ވެސް އެބަ ތިއްބެވެ. އެ ހުރިހާ ފީއެއް ދައްކަމުން ލިބޭ ކުޑަ މުސާރަކޮޅުން އިތުރު ފީއެއް ދެއްކުމަކީ އެއްބަޔަކު ދެކޭ ގޮތުގައި އުފުލޭވަރަށް ވުރެ ބޮޑު ތަކުލީފެކެވެ.

އެކަމަކު އެންމެން ވެސް އިއްތުފާގުވާ ކަމަކީ، މާލޭގެ މަގުތަކަކީ ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް އެކަށީގެންވާ ތަނަކަށް ހަދަން ޖެހެ އެވެ. މަގުތައް ފުޅާކޮށް މަގުމަތިން ދުއްވާ އެއްޗެހި ޕާކު ކުރަން ހާއްސަ ޖާގަ ހަދައިގެން ނޫން ގޮތަކަށް އެ މަގުސަދު ހާސިލްވާކަށް ނެތެވެ.

މާލޭގެ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއަށް ވެހިކަލްތައް މާ ގިނަ

މާލޭގެ އޭރިޔާ އަކީ 6.8 ކިލޯ މީޓަރެވެ. ކުޑަކުޑަ މާލެއަށް ވެހިކަލްތައް ވަނީ ތޮއްޖެހިފަ އެވެ. ސައިކަލާ ކާރު ތަކެވެ. ހުޅުމާލެ އާއި މާލެ ގުޅުވައިދޭ ބްރިޖާއެކު މި އަދަދު އިތުރުވެއްޖެ އެވެ. މީގެ އިތުރުން ސައިކަލު ގަންނަން ފަސޭހަ ގޮތްތަކެއް ފަހިވެފައިވާތީ، ސައިކަލު ގަންނަ މީހުންގެ އަދަދު އަންނަނީ އިހުނަށް ވުރެ މަތިވަމުން އެވެ. މި ހުރިހާ ވެހިކަލެއްގެ ބުރަ އުފުލަން ޖެހެނީ މިކުޑަކުޑަ މާލެއެވެ. އޭގެ ދުއްތުރާ އޮތީ، މާލޭގައި ދިރިއުޅެން ޖެހިފައި ތިބި މީހުންނަށެވެ.

މާލޭގެ ގިނަ މަގުތަކުގެ އެއް ފަރާތް އެކީ އޮންނަނީ ޕާކިންއަށް ނަގަން ޖެހިފަ އެވެ. ހުއްދަ ނެތަސް، ބައެއް މަގުތަކުގެ ދެފަރާތުގައިވެސް ދުއްވާއެއްޗެހި ޕާކު ކުރެ އެވެ. މިއީ މަގުގައި ދުއްވާ މީހުންނަށާއި މަގު ހިނގާ މީހުންނަށް ތަކުލީފެކެވެ.

ހިނގާ މީހުންނަށް ހާއްސަ ޕޭވްމެންޓް ނުވަތަ ދުވާރު މައްޗަށް އަރައިފިނަމަ، މަގު ހުރަސް ކުރުމަށް ނޫނީ ދުވާރުން ފޭބުމަށް ހުސްތަންކޮޅެއް ހޯދަން އަލުން ޖެހެނީ އައިކޮޅަށް އެނބުރި ދާށެވެ. ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ގިނަކަމުން ޖާގަ ނުހޯދެނީ އެވެ. ޕާކިން ޒޯނުން ބޭރުގައިވެސް އެތައް ބައިވަރު ވެހިކަލެއް އޮންނަނީ ޕާކު ކުރަން ޖެހިފަ އެވެ.

"ބައެއްފަހަރު ދުވާރު މަތީގައިވެސް އެބަހުރޭ ދުއްވާ އެއްޗެހި ޕާކުކޮށްފައި. މިހެން ހުންނައިރު ދެން ޖެހެނީ ހިނގާފައި ދަމުން މަގުމައްޗަށް ފައިބާން. ކާރޫ ބާރު މަގުތަކުގައި މިއީ އުނދަގޫ ކަމެއް. ބައެއް މަގުތަކުގައި އެބަހުރޭ ކައިރި ކައިރީ ދެތިން އުޅަނދު މިހެން ޕާކު ކޮށްފައި،" ފައިމަގުގައި އާންމުކޮށް އުޅޭ މީހަކު ބުންޏެވެ.

ޕާކިން ސްޓިކާ ޖެހުމުގެ ޝަކުވާ

ޒޯނުން ބޭރުގައި ޕާކުކުރާ މީހުންނަށް އޮންނަ އެންމެ ބޮޑު ބިރަކީ ޕާކިން ސްޓިކާ އާއެކު ޖޫރިމަނާއެއް އައުމެވެ. އެކަމަކު، ޕާކު ކުރާނެ ޖާގަ ޕާކިން ޒޯނުގައި ނުހުންނަ ޝަކުވާ އާއެކު ޕާކު ކުރާނެ ތަނެއް ނުދައްކައި ޕާކިން ސްޓިކާ ނުޖަހަން ސަރުކާރުން މީގެ ކުރިން ނިންމި އެވެ. މިއާއެކު ޕާކިންގެ ކަންތައް ހައްދުފަހަނަ އަޅައި ދިޔައީ އެވެ. ގޭގޭގެ ދޮރުމައްޗާއި ސްކޫލު ތަކާއި މިސްކިތްތަކުގެ ދޮރުމަތީ މީހުންނަށް ވަދެ ނިކުމެ އުޅެން އުނދަގޫވާ ގޮތައް ޕާކު ކުރުން އާންމު ކަމަކަށް ހެދީ އެވެ. މިއާއެކު ފުލުހުން ނިންމީ ވަކި ސަރަހައްދުތަކެއްގައި ޕާކު ކުރާނަމަ ޕާކިން ސްޓިކާ ޖަހައި ޖޫރިމަނާ ކުރާށެވެ.

ޓްރެފިކް ވަޔަލޭޝަން ސްޓިކާ ޖަހާނެ ސަރަހައްދުތައް:

މިސްކިތްތައް ކައިރިކަފިހި ހުރަސް/ ދުވާރުމަގު/ ގޯޅި ތަކުގެ ކަންމަތިސްކޫލުތައް ކައިރިހޮސްޕިޓަލުތައް ކައިރިބޭންކުތައް ކައިރިބޮޑުތަކުރުފާނުމަގުގެ ތާރު އެޅި ސަރަހައްދުފުލުހުންގެ ކޯނު/ ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދުޑަބަލް ލައިން ދަމާފައިވާ ސަރަހައްދު

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިމަހުގެ 13 އިން 19 ގެ ނިޔަލަށް ގަވައިދާ ހިލާފަށް ޕާކުކޮށްގެން 1061 އުޅަނދުގައި ޕާކިން ސްޓިކާ ޖަހާފައިވެ އެވެ.

ޕާކިން ސްޓިކާ ޖެހުމަށް ނިންމި ނިންމުމާ ގުޅިގެން ޓްވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ، ޕާކިން މައްސަލައަށް ހައްލު ލިބޭނީ ހަރުދަނާ ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ގާއިމްކޮށްގެން ކަމަށެވެ. މަގުމަތީ ދުއްވާ އުޅަނދުތަކުގެ އަދަދު މަދުކުރަން އޮތް ގޮތަކީ އެއީ އެވެ. ބަހުގެ ހިދުމަތް ފަދަ އާންމު ދަތުރުފަތުރުގެ ހިދުމަތް މާލޭގައި ނެތޭ ބުނެވިދާނެ އެވެ. އެކަމަކު އެކަމާ ވިސްނަނީ ކޮން ބައެއް ހެއްޔެވެ؟

މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު ޝަމާއު ޝަރީފްވެސް މިކަމާ އެއްބަސްވެލައްވައެވެ. ޝަމާއު ވިދާޅުވީ މާލޭގައި އެކަށީގެންވާ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭން ފެށުމުން މަގުމަތީ ދުއްވާ އުޅަނދުތައް މަދުވާނެ ކަމަށެވެ. އެންމެ ލަސްވެގެން އަންނަ ޖެނުއަރީ ގައި މާލޭގައި ބަހުގެ ހިދުމަތް ދޭން ފެށޭނެ ކަމަށް ޝަމާއު ޔަގީންކުރައްވަ އެވެ.

"މިހާރުވެސް އަޅުގަނޑުމެން މިދަނީ މާލޭގައި ހުރި ހުސް ސަރަހައްދުތަކުގައި ޕާކިން އޭރިޔާތައް ހަދަމުން،" ޝަމާއު ވިދާޅުވިއެވެ. މަޖީދިއްޔާ ސްކޫލު ކުރިމަތިން އޮންނަ ހުސް ސަރަހައްދުވެސް ދާދިފަހުން ވަނީ ޕާކިން ސަރަހައްދަކަށް ބަދަލުކޮށްފަ އެވެ. މީގެ އިތުރުން ޕާކިން ޒޯނުތަކުގައި ހުރި ޕެލެޓުތައް ނަގައި ޕާކު ކުރަން ޖާގަ ހެދުމުގެ މަސައްކަތްވެސް ޓްރާންސްޕޯޓު މިނިސްޓްރީ އާއި ސިޓީ ކައުންސިލް ގުޅިގެން ވަނީ ކޮށްފަ އެވެ.

އެހެން ވިއްޔާ ހައްލަކީ ކޮބާ؟

ސިޓީކައުންސިލްގެ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވަނީ، މާލޭގެ މަގުތަކުގެ ޖުމްލަ ބޮޑު މިނަކީ، 390،000 ސްކޮޔާ މީޓަރެވެ. އޭގެ ތެރެއިން 163،749 ސްކޮޔާ ކިލޯމީޓަރު ހިފާފައި ވަނީ އެއްގަމު އުޅަނދުތަކެވެ. އެއީ މަގުތަކުގެ ޖުމްލަ ސަރަަހައްދުގެ 41.99 ޕަސެންޓެވެ. ބާކީ އޮތް ބަޔަކީ ދުއްވާއެއްޗެހި ދުއްވުމަށް އޮތް ބަޔެވެ. އެ 60 ވަރަކަށް ޕަސެންޓުގެ ތެރެއިން ހިނގާ މީހުން ބޭނުންކުރަން މިލިބެނީ ކުޑަ މިންވަރެކެވެ.

އެންމެންނަށް ވެސް އެއްބަސްވެވޭ ހިޔާލަކީ، ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމެއް މާލޭގައި ގާއިމްކުރުމެވެ. އޭރުން އަމިއްލަ ވެހިކަލަށް ބަރޯސާވުން ކުޑަކުރެވޭނެ އެވެ. މަގުމަތީ ދުއްވާއެއްޗެހި މަދުކޮށް ގެން ނޫނީ، ގެއިން ނިކުންނަ އިރު، ދޮރުމަތީ އިންނަ ސައިކަލު އެތަނުން ނެގޭނެ ގޮތެއް ނޯންނާނެ އެވެ. ގިނަ ދުވަސްތަކެއް ވަންދެން މަގުމަތީ ޕާކުކޮށްފައި އޮންނަ އުޅަނދުތައް ނެގުން ނޫން ގޮތެއް ނެތެވެ.

މާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ނިމިދިޔަ ސަރުކާރުން ޕާކިން ސިސްޓަމްތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި އެވެ. އެކަމަކު އެ މަޝްރޫއު ފެއިލްވެ، އެ ތަންތަން ވަނީ ބާ ދަގަނޑަށް ވެފަ އެވެ.

މިހާރު އޮތް އަނެއް ހިޔާލަކީ ޕާކިން ބިލްޑިންތައް އަޅައި، އިމާރާތްތަކުގެ ފުރަތަމަ ދެ ފަންގި ފިލާ ޕާކިން އަށް ހާއްސަ ކުރުމެވެ. ހުޅުމާލޭގެ އަމީން އެވެނިޔު އަކީ ރާއްޖޭގައި މިކަން ކުރެވިދާނެ ކަމުގެ ހެއްކެކެވެ. އަމީން އެވެނިޔުގެ ފުރަތަމަ ދެ ފަންގިފިލާ ހާއްސަކޮށްފައިވަނީ ޕާކިން އަށެވެ.

މި ހައްލުތައް ގެނެސްގެން ނޫން ގޮތަކަށް މާލެ ތެރެ ތަރުތީބު ކުރެވޭނެ މަގެއް ނެތެވެ. ބަހުސް ކުރަންވީ؛ ރާއްޖެއަށް މުހިއްމީ ޕާކިން ފީ ނަގައިގެން ޕާކު ކުރެވޭނެ ނިޒާމެއްހެއްޔެވެ؟ ނޫނީ ދުއްވާ އެއްޗެހި މަދުކޮށް، ހަރުދަނާ ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމެއް ހެއްޔެވެ؟

comment ކޮމެންޓް