ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ހިނގާލުމުގައި ރައީސް ބައިވެރިވެވަޑައިގެންފި

ޔާމީން ރަޝީދާއި ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މަލޭގައި ކުރިއަށްގެންދާ މުޒާހަރާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ އެމްޑީޕީ

ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ބްލޮގަރު ޔާމީން ރަޝީދާއި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ އަށް އިންސާފު ހޯދައިނުމަށް ގޮވާލައި މާލޭގެ މަގުތަކުގައި މިއަދު ހަވީރު ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.

ޔާމީން ރަޝީދާއި ރިލްވާންގެ އާއިލާގެ މީހުން ވެސް ބައިވެރިވި އެ ހިނގާލުމުގެ ބައިވެރިން ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލައިފައެވެ.

އެ ހިނގާލުމުގައި ބައެއް ނޫސްވެރިންނާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއި އެ ކޮމިޝަންގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

އެ ހިނގާލުމުގައި ވާހަކަ ދައްކަމުން ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު ބުނީ އޭނާގެ ދަރިފުޅަށް އިންސާފު ހޯދައިދުނުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ އެއްބާރުލުންދޭ ހުރިހާ މީހުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

އެ ހިނގާލުމުގައި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންގެ މަންމަ ދެއްކި ވާހަކައިގައި ވަނީ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ.

"ކޮން ބައެއްތޯ ވަގަށް ގެންދިޔައީ. ކޮން ކުށެއް ކޮށްގެންތޯ ވަގަށް ގެންދިޔައީ،" ރިލްވާންގެ މަންމަ ސުވާލު ކުރިއެވެ.

ރިލްވާންގެ މަންމަ ބުނީ ރިލްވާން މަރާލާފައިވާ ކަމަށް ބައެއް މީހުން ބުނާ ކަމަށާއި ނަމަވެސް އެ ވާހަކަތައް އޭނާ އަޑުހާނެ ކަމަށެވެ. މަރާލިއްޔާ މަރާލީ ކިހިނެތްކަން އެނގެން ޖެހޭނެ ކަމަށް ރިލްވާންގެ މަންމަ ބުންޏެވެ.

ޔާމީން ރަޝީދާއި ރިލްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުންނެވެ.

އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ރޭ ވިދާޅުވީ އެ ދެ މައްސަލައިގެ ވެސް އަޑީގައި ތިބި މީހުން އެނގިއްޖެ ކަމަށާއި އެމީހުން ހައްޔަރުނުކުރެވިގެން އުޅެނީ ކުށް ސާބިތުކުރެވޭ ވަރުގެ ހެކި ނެތުމުން ކަމަށެވެ.

comment ކޮމެންޓް