"އިންތިގާލީ އަދާލަތު"ގެ ބިލު މަޖިލީހަށް ބަލައިގެންފި

އިންތިގާލީ އަދާލަތުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ --

ވޭތުވެ ދިޔަ ހަތް އަހަރު އިންސާނީ ހައްގުތަކާ ހިލާފަށް ހިނގާފައިވާ ކަންކަން ބެލުމަށް "އިންތިގާލީ އަދާލަތު"ގެ ނަމުގައި ކޮމިޝަނެއް އުފައްދައި އެ ކޮމިޝަނަށް ގާނޫނުން ބާރު ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލު ބަލައިގެންފި އެވެ.

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅި އެ ބިލުގައި ބުނެފައި ވަނީ އެކެއް ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަތުމަށް ހިންގާފައި ކަންކަން "އިންތިހާލީ އަދާލަތު" ކޮމިޝަނުން ބެލޭނެ ކަމަށެވެ.

އެ ބިލު މިއަދު މަޖިލީހަށް ބަލައިގެންފައި ވަނީ 42 މެމްބަރުންގެ ވޯޓުންނެވެ. ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ހައްގުތަކުން މަހުރޫމުވި ރައްޔިތުނަށް ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު ހޯދައި ދިނުމުގެ ކަންކަން އެ ކޮމިޝަނުން ބަލާނެ ކަމަށް މަޖިލީހަށް ހުށަހެޅި ބިލުގައި ވަނީ ބުނެފަ އެވެ.

އިންތިގާލީ އަދާލަތު ކޮމިޝަނުގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ފަސް މެމްބަރުން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެ ބިލު ފާސްވެ ގާނޫނަށްކަށްވާ ހިސާބުން އިންތިގާލީ އަދާލަތު ކޮމިޝަން ރައީސް އުފައްދަވަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

"މި ގާނޫނުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުލަތާއި ދައުލަތާއި ގުޅުންހުރި މުއައްސަސާތަކުން ނުވަތަ އިދާރާއެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން އެއްވެސް މީހެއްގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ އިހުތިސާސް މި ގާނޫނުގެ ދަށުން އެކުލަވާލާ ކޮމިޝަނަށް ލިބިގެންވޭ،"

ކޮމިޝަނު އުފެއްދުމަށް މަޖިލީހަށް ހުށަހެޅި ބިލުގައި ގާނޫނީ ބާރުތަކެއް ވެސް ކޮމިޝަނަށް ދޭން ވަނީ ހިމަނައިފަ އެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި، މީހުން ހާޒިރުކޮށް ސުވާލު ކުރުމާއި ބަންދުގައި ބަހައްޓައިގެން މީހުން ހާޒިރު ކުރުމަށް ކޯޓު އަމުރަށް އެދފުމުގެ ބާރު ވެސް އިންތިގާލީ އަދާލަތުގެ ކޮމިޝަނަށް ދޭން ބިލުގައި ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން އެ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތަންތަން ފާސްކުރަން ބޭނުން ވެއްޖެ ނަމަ އެކަމަށް ބޭނުންވާ ކޯޓު އަމުރަށް އެދުމުގެ ބާރު ވެސް ކޮމިޝަނަށް ދޭން ވަނީ ބިލުގައި ހިމަނައިފަ އެވެ. އަދި ޖިނާއީ އިޖުރާއަތު ގާނޫނުގެ ދަށުން ތަހުގީގީ އިދާރާއަކަށް ލިބިގެންވާ ހުރިހާ ބާރެއް އިންތިގާލަތު އަދާލުތުގެ ކޮމިޝަނަށް ދޭން ބިލުގައި ވަނީ ހިމަނައިފަ އެވެ.

އިންތިގާލީ އަދާލަތު ބިލުގެ ދަށުން އޮމްބުޑްސްމަންގެ ނަމުގައި އޮފީހެއް ހެދުމަށް ވެސް ލިޔެފައިވެ އެވެ. އެ އޮފީހަކީ އިންތިގާލީ އަދާލަތު ކޮމިޝަނުން ތަހުގީގުކޮށް ނިންމާ މައްސަލަތައް ބަލައި މަދަނީ މިންގަނޑުން އެ މައްސަލައެއް ސާބިތުވޭތޯ ބެލުމުގެ ބާރު ދީފައިވާ އޮފީހެކެވެ.

އޮމްބުޑްސްމަންގެ އޮފީހަށް އައްޔަން ކުރާ މެމްބަރުންނަކީ ސުޕީރިއާ ކޯޓެއްގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ހުންނަ މީހަކަށް ވާން ޖެހޭ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އިންތިގާލީ އަދާލަތުގެ ބިލު ގާނޫނަކަށް ވާ ހިސާބުން އެ އޮފީސް އުފެދުނީ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެ އޮފީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރުވެސް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

comment ކޮމެންޓް