އައިއެސްގައި އިސްކޮށް އުޅުނު ދިވެހި އަންހެނަކު ހައްޔަރުކޮށްފައި

އައިއެސްގެ އަތްދަށުގައި ތިބި އަންހެނުންތަކެއް ---

ސީރިއާގެ ބައެއް ސަރަހައްދުތަކަށް ވެރިވެގަނެގެން އުޅޭ ޓެރަރިސްޓް ޖަމާއަތް، އައިއެސްގެ ކުރީސަފުގައި 23 އަހަރުގެ ދިވެހި އަންހެނަކު އުޅުނުކަން ހާމަވެއްޖެ އެވެ.

އެމެރިކާގެ މަޝްހޫރު، މެގަޒިންއެއް ކަމަށްވާ، "ދަ ނިއުޔޯކާ"ގެ ނޫސްވެރިއަކު ސީރިއާއަށް ޒިޔާރަތް ކުރުމަށް ފަހު ތައްޔާރުކުރި ރިޕޯޓެއްގައި ބުނީ އައިއެސްގައި އަންހެނުންގެ ދައުރު ފުޅާ ކަމަށާއި އެމީހުން އިސްވެތިބެ ނުރައްކާތެރި ހަމަލާތައް ދޭ ކަމަށެވެ.

އައިއެސް ގައި ހަމައެކަނި އަންހެނުން ހަރަކާތްތެރިވާ ޔުނިޓުތައްވެސް ހުންނަ ކަމަށާއި އެ ޔުނިޓުތަކަކީ އެންމެ އަނިޔާވެރި ހަނގުރާމަވެރިން އުޅޭ ޔުނިޓުތައް ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

އެގޮތުން "އަލް ޚަންސާ ބެޓޭލިއަން" ކިޔާ ބޮޑު ގްރޫޕެއްގައި އެތައް ބައިވަރު އަންހެން ހަނގުރާމަވެރިންނެއް ހަރަކާތްތެރިވާ ކަމަށާއި ގިނަ އަދަދެއްގެ ޔޫރަޕު އަންހެނުންވެސް އެ ގްރޫޕުގައި ހިމެނޭ ކަމަށް ދަ ނިއުޔޯކާގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން "އުއްމަހަތް އަލް މުއުމިނީން ބެޓެލިއަން" ކިޔާ އަންހެން އަންހެން ހަގުރާމަވެރި ގްރޫޕެއް ހިމެނޭ ކަމަށާއި މި ގްރޫޕުގެ އިސްމީހުންނަކީ އިރާގުގެ އަންހެނެއް ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެންމެ ނުރައްކާތެރި ގްރޫޕަކީ ސްޕެޝަލް އޮޕަރޭޝަންސް ބެޓެލިއަން ކަމަށާއި އެ ފޯސްގައި ހަރަކާތްތެރިވާ އަންހެނުންނަކީ ހަނގުރަމައިގެ މައިދާނުގައި އެންމެ ވަރުގަދަ ހަމަލާތައް ދޭ ގްރޫޕު ކަމަށް އެ ނޫހުން ބުންޏެވެ.

އެ ގްރޫޕްގެ ތެެރޭގައި ހަރަކާތްތެރިވާ ރާއްޖެއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ މަރިޔަމް ނަސީރުވެސް ހިމެނޭ ކަމަށް ދަ ނިއުޔޯކާގައި ބުނެފައިވެ އެވެ. ސީރިޔާގެ ޖަލެއްގައި ހައްޔަރުވެފައި ހުރި މަރިޔަމް ނަސީރާއާ އިންޓަވިއު ކުރުމަށް ފަހު އެ ނޫހުން ބުނީ، އެ އަންހެން މީހާ ސީރިޔާގައި އައިސްއެސްގެ ކުރީސަފުގައި ހަނގުރާމައިގައި އަމަލީ ގޮތުން އުޅުނީ ހަނގުރާމައިގެ ތަމްރީނު ލިބިގެން ކަމަށެވެ.

"އޭނާގެ ދެ ކުދިން ތިބޭ. ދެ ކައިވެންޏެއް ކުރި ކަމަށް މަރިޔަމް ނަސީރު ބުނި. ފުރަތަމަ ފިރިމީހާމަރުވީ. ފަހުން ކައިވެނި ކުރިމީހާ ހައްޔަރު ކުރީ ކަމަށް ވެސް އޭނާ ބުނި،" މަރިޔަމް ނަސީރުގެ ދިރިއުޅުން ސީރިޔާގެ އެ ނޫހަށް ކިޔައިދެމުން ބުންޏެވެ. އޭނާ އާ ހަވަލާދީ އެ ނޫހުން ބުނީ ހަނގުރާމަވެރި ގްރޫޕުތަކުގައި އުޅޭ އަންހެނުންނާއި ފިރިހެނުންވެސް އުޅެނީ ހަތިޔާރު ހިފައިގެން ކަމަށެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި މަރިޔަމް ނަސީރާ އަކީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ ސީރިޔާ އަށް ދިޔައީ މީގެ ތިން އަހަރު ކުރިން އޭނާގެ އޭރުގެ ފިރިމީހާ ފާރިސް ޒުހައިރު އާ އެކު އެވެ. ފާރިސް ވަނީ ސީރިޔާ ގައި މަރުވެފަ އެވެ.

ސީރިޔާގައި ހަނގުރާމައިގައި 60 އަށް ވުރެ ގިނަ ދިވެހިން މިހާރުވެސް ބައިވެރިވަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުން މަރުވެފައިވާ އިރު، ހާލުގައި ޖެހުނު ބައެއް މީހުން އެނބުރި ރާއްޖެ އަންނަން ވެސް އެދިފައިވާ ކަމަށް ސިފައިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް