'ސޫރިޔަވަންޝީ'ގައި އަކްޝޭއާ އެކު ކެޓްރީނާ!

ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކުރިއަށް އޮތް ފިލްމު 'ސޫރިޔަވަންޝީ'ގެ އަންހެން ލީޑަކަށް ބަތަލާ ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.

ފިލްމުގައި އަކްޝޭ ކުމާރުއާ އެކު ކެޓްރީނާ ފެނިގެންދާނެ ކަން ރޯހިތު ވެސް ޔަގީންކޮށްދީފައި ވާއިރު، އެންމެ ފުރަތަމަ ވެސް ފިލްމުގެ އަންހެން ލީޑަކީ ކެޓްރީނާ ކަމަށް ޚަބަރުތައް ބުންޏެވެ. އެހެން ނަމަވެސް އޭރު ރޯހިތު ވަނީ އެ ޚަބަރުތައް ދޮގުކޮށްފަ އެވެ.

މިހާރު ފިލްމުގެ ކާސްޓް މުޅިން ފައިނަލް ވެފައި ވާއިރު، ފިލްމުގެ ޝޫޓިން ވެސް ގޯއާ ގައި ފެށިގެން ކުރިއަށް އެބަދެ އެވެ. ކެޓްރީނާ ފިލްމުގެ ޝޫޓިން އާ ގުޅިފައި ވަނީ އަލީ އައްބާސް ޒަފަރުގެ 'ބާރަތު'ގެ މަސައްކަތް ނިންމާލުމަށްފަހު އެވެ.

މިއީ އަކްޝޭ އާއި ކެޓްރީނާ އެކުގައި މަސައްކަތް ކުރާ ނުވަ ވަނަ ފިލްމެވެ. ދެމީހުން އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައި ވަނީ 2010 ވަނަ އަހަރު ރިލީޒްކުރި 'ތީސް މާރް ޚާން' އިންނެވެ.

'ސޫރިޔަވަންޝީ' އަކީ އަޖޭ ދޭވްގަންގެ 'ސިންގަމް' އަދި ރަންވީރު ސިންގގެ 'ސިމްބާ'ގެ ސްޕިން-އޯފް އެކެވެ. އަދި އެއީ ވެސް 'ސިންގަމް' ސީރީޒްގެ ފިލްމެއް ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ.

އަންނަ އަހަރުގެ އީދު ބަންދާ ދިމާކޮށް ރިލީޒްކުރަން ނިންމައިފައިވާ އެ ފިލްމުގައި އަކްޝޭ ފެނިގެންދާނީ "އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ" ކިޔާ ފުލުހެއްގެ ރޯލުންނެވެ.

comment ކޮމެންޓް