ފިލިޕީންސަށް ދެ ބިންހެލުން އައިސް، 11 މީހުން މަރުވެއްޖެ

އިއްޔެގެ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައި ތިބިތޯ ބެލުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އޭއެފްޕީ

މެނީލާ (އޭޕްރިލް 23): ފިލިޕީންސްއަށް އިއްޔެ އާއި މިއަދު ދެ ބިންހެލުން އައިސް، 11 މީހުން މަރުވެއްޖެ އެވެ.

އިއްޔެގެ ބިންހެލުން އައީ މެނީލާގެ ހުޅަނގުއުތުރުން 6.1 މެގްނިޓިއުޑުގެ ބާރުމިނުގަ އެވެ. އަދި މިއަދުގެ ބިންހެލުން އައީ ގައުމުގެ މެދުތެރެއަށް 6.3 މެގްނިޓިއުޑުގެ ބާރުމިނުގަ އެވެ.

އިއްޔެގެ ބިންހެލުމުގައި ގިނަ އަދަދެއްގެ ގެތަކާއި ދުވަސްވީ ފައްޅިތަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި އެހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ޕަމްޕަންގާ ޕްރޮވިންސުން 10 މީހަކު މަރުވެ، އެސަރަހައްދުގައި އޮންނަ ކްލާކް އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ގެއްލުންތައް ލިބިފަ އެވެ.

ފިލިޕީންސްގެ ޑިޒާސްޓާ ރެސްކިއު އޭޖެންސީން ބުނި ގޮތުގައި އިއްޔެގެ ބިން ހެލުމުގައި 81 މީހުންނަށް އަނިޔާވެ، 24 މީހަކު ވަނީ ގެއްލިފަ އެވެ. އަދި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފިލިޕީންސް އޮންނަނީ ދުނިޔޭގެ 90 ޕަސެންޓު ބިންހެލުންތައް އަންނަ ޕެސިފިކް ރިންގް އޮފް ފަޔާގަ އެވެ. އެގައުމަށް 2013 ވަނަ އަހަރު 7.1 މެގްނިޓިއުޑުގެ ބާރުމިނުގައި އައި ބިންހެލުމެއްގައި 220 މީހުން މަރުވެފައިވެ އެވެ.

comment ކޮމެންޓް