މައުސޫމް އާއި އާޒިމްގެ ސަސްޕެންޝަން އުވާލައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ގޭގައި މަޑުކުރައްވަން އެންގެވި ފެންކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރު އަބްދުﷲ އާޒިމްގެ ސަސްޕެންޝަން އުވާލައިފި އެވެ.

އެ ދެބޭފުޅުންގެ ސަސްޕެންޝަން އުވާލުމާ ޢެކު ވަޒީފާ އަށް ނިކުންނަވަން ފެއްޓެވީ މިއަދު އެވެ.

މައުސޫމް ގޭގައި މަޑުކުރައްވަން އެންގެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެފައިވާތީ އެވެ. ނަމަވެސް މައުސޫމު ވިދާޅުވީ އޭނާ އަކީ އެ ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގައި އެއްވެސް ޒިންމާއެއް ނަންގަވާ ބޭފުޅެއް ނޫން ކަމަށާއި ކުންފުނި ހިންގަވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށެވެ. އަދި އޭނާ އަކީ ކުންފުނީގެ ހިއްސާދާރެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި ބުނެފައި ވަނީ ގ. ޕްލެޒެންޓް ވޭވްސް އަހުމަދު މައުސޫމުގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް ހިޔާނަތުގެ ފައިސާ އިން އަށް ލައްކަ ޑޮލަރު ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ.

އާޒިމް ސަސްޕެންޑު ކުރީ، އޭނާގެ އެކައުންޓަށް އެސްއޯއެފގެ އެކައުންޓުން ފައިސާ ޖަމާކޮށްފައިވާކަމަށް ތަހުގީގު ރިޕޯޓުގައި ބުނެފައިވާތީ އެ މައްސަލަ ބެލުމަށެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނުން މައުސޫމަށް ފޮނުވި ސިޓީއެއްގައި ބުނީ، އެ ކޮމިޝަނުން މައުސޫމްގެ މައްސަލައެއް ބަލަމުން ނުދާ ކަމަށެވެ.

އެމްއެމްޕީއާރުސީ ރިޕޯޓާ ގުޅިގެން ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން އެންގެވުމަށް ފަހު މިިދިޔަ ހަފްތާ އެ ދެބޭފުޅުންގެ ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ.

މި ސަރުކާރަކީ ކޮރަޕްޝަނުގެ އަމަލުތަކަށް ޒީރޯ ޓޮލަރެންސް ދޭނެ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް