"ތޭރޭ ނާމް"ގެ ސީކުއެލް އެއް ހަދަން ނިންމައިފި

މީގެ 16 އަހަރު ކުރިން ރިލީޒްކުރި ސަލްމާން ޚާންގެ ކާމިޔާބު ފިލްމު، 'ތޭރޭ ނާމް'ގެ ދެވަނަ ބައެއް ހަދަން ނިންމައިފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ސަތީޝް ކޯޝިކް ހާމަކޮށްފި އެވެ.

ދެހާސް ތިން ވަނަ އަހަރު ރިލީޒްކުރި 'ތޭރޭ ނާމް' އަކީ އިމޯޝަނަލް ޑްރާމާ އެކެވެ. ފިލްމުގައި ސަލްމާން އާ އެކު ފެނިގެން ދިޔައީ ބޫމިކާ ޗައުލާ އެވެ.

'ތޭރޭ ނާމް 2' އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަތީޝް ބުނީ ފިލްމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެއީ ލޯބީގެ ވާހަކައެއް ކަމަށެވެ. ފިލްމާ ގުޅޭ އިތުރު މައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށް ވެސް ސަތީޝް ބުންޏެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ގޭންގްސްޓާރަކަށެވެ.

ފިލްމުގެ ސީކުއެލްގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، 'ތޭރޭ ނާމް'ގައި ސަލްމާން ކުޅުނު '"ރާދޭ"ގެ ރޯލާ އެކު އޭނާ ދެވަނަ ބައިން ފެނިގެންދާނެ ކަން އަދި ޔަގީނެއް ނޫނެވެ. ސަލްމާން ވަނީ ވަރަށް ފަހުން ސަތީޝްގެ 'ބާރަތު'ގައި ވެސް މަސައްކަތް ކޮށްފަ އެވެ. 'ތޭރޭ ނާމް' ހިޓް ފިލްމަކަށް ވެގެން ދިޔަ އިރު، ފިލްމުގެ ލަވަތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ. އެގޮތުން 'ލަގަން ލަގީ'، 'ކިޔުން ކިސީ ކޯ'، 'އޯޑްނީ'، އަދި 'ތުމްސެ މިލްނާ' ފަދަ ލަވަތައް ފާހަގަ ކޮށްލެވެ އެވެ.

ހަމައެއާ އެކު ފިލްމުގައި ސަލްމާން ބޭނުންކުރި ހެއާސްޓައިލް އަކީ އަދި ވެސް ސަލްމާންގެ ސަޕޯޓަރުންގެ މެދުގައި މަގުބޫލު ހެއާސްޓައިލެކެވެ.

comment ކޮމެންޓް