މުއިއްޒުވުމޭ، ކިޔުމުން މުއިއްޒުއަށް ލިބެނީ ހިތްވަރު

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު--- ސަން ފޮޓޯ/ އަހްމަދު އާޒިފް

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއް ބޭފުޅަކީ އެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އާ ހަމައަށް މުއިއްޒުގެ ބެލުމުގެ ދަށުން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ހަޔެއްކަ އަހަރު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން މުއިއްޒުގެ ބެލުމުގެ ދަށުން އެތައް ބައިވަރު މަޝްރޫއުތަކެއް ކުރިއަށް ގެންދެވި އިރު، އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާޑުކިޔުންް އަމާޒުކުރި އެއް ފަރާތަކީ ވެސް މުއިއްޒު އެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރާ މަސައްކަތްތައް ތަކުރާރު ކުރަން ޖެހޭ ހާލަތްތައް ގިނަވެ، މަސައްކަތް ނުނިމެނީސް މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ހިސާބުން މަސައްކަތް ހުއްޓާލާ، އަލުން އާފެށުމަކުން ފަށަން ޖެހުނު ތަންވެސް ފެނިގެން ދިޔައެވެ. އަދި ބައެއް މަޝްރޫއުތައް ނިންމައި އާންމުންނަށް ހުޅުވާލުމުން ވެސް މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ބޭނުން ހާސިލް ނުވެ ދިޔަތަން ފެނުނެވެ.

ފެބްރުއަރީ 8، 2017: ރަސްފަންނުގައި ބާބަކިއު ފިހާރައަކާއި މޫދު ކުޅިވަރަށް ހާއްސަ ވަސީލަތްތަކެއް ގާއިމްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގު ހެދުމުގެ މަސައްކަތް ނިންމާލެވޭ އިރު މަގުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ނުވެ ދިޔަ އެވެ. ތާރު އަޅާ ނިމުނު އިރު އަލުން ތާރު އަޅަން ޖެހުނު ތަންވެސް ކުރިމަތިވި އެވެ. އޭރު އިދިކޮޅު ފަރާތްތަކުން މި މައްސަލަތައް ސިފަކުރީ "މުއިއްޒުވުމުގެ" ގޮތުގަ އެވެ. މަގެއްގައި ފެން ބޮޑުވިޔަސް މަގު މުއިއްޒުވީ އެވެ.

"ދެފަހަރު ހަދަންޖެހިފައި ހުރި ތަންތަނަށް ބަލާ އިރު އެއީ މުޅިން ރަނގަޅު ވާހައެއް ނޫން ކަންނޭނގެ. އަޅުގަނޑުމެން ކުރިއަށް ގެންގޮސްފައި ހުރި މަޝްރޫއުތަކަށް ބަލާއިރު، ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާގެ މަސައްކަތް ކުރެވިފައި އެބަހުރި،" ސަން އޮންލައިންގެ 50 މިނެޓުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.

"އޭގެ ތެރެއިން އެއްކަމެއް ނޫނީ ދެކަމެއް ނަގައިގެން މި ވާހަކަ ދައްކަނީ. މަސައްކަތެއް ކުރަންޏާ އޭގެ ތެރޭގައި ހުންނާނެ ރަނގަޅު ކުރަންޖެހޭނެ ކަންތައް. ހަމައެކަނި ރާއްޖެއަކު ނޫން، ދުނިޔޭގެ އެހެން ތަންތަނުގައި ކުރާ މަސައްކަތްތަކުގައި ވެސް ހުންނާނެ މުޅިން ފުރިހަމަ ނުވާ ކަންތައް،" މުއިއްޒު ވިދާޅުވީ އެފަދަ ކަންތައްތަކަކީ ދެންހުރި އެހެން ކަންތައްތައް ގޯސްކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"ހިޔާ" މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ކޮންމެ ކަމެއްވެސް ތަފްސީލަށް ދާއިރު ފެންނާނެ މުޅިއަކުން ރަނގަޅު މަގްސަދެއްގައި ދައްކާ ވާހަކައެއް ނޫންކަން މިއީކީ،" އޭރު ކުރިއަށްގެން ދިޔަ ހުރިހާ މަޝްރޫއެއްގެ މަސައްކަތްތައް ދެވަނަ ފަހަރަށް ކުރަން ނުޖެހޭ ކަމަށާއި އެންމެ މުހިއްމު ކަމަކީ ކަމެއް ކުރެވޭތޯ އުޅުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އޭރު ސަރުކާރުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ. ކުރި ހުރިހާ ކަމެއްގެ ތެރެއިން އެއްކަމެއް، ދެކަމެއްގައި ރަނގަޅުކުރަން ޖެހޭ ކަމެއް ހުރުމަކީ އެ ހުރިހާ ކަމެއް އޭގެ ތެރޭގައި ޝާމިލުވާން ޖެހޭ ކަމެއް ނޫން،" މުއިއްޒު ވިދާޅުވީ ގިނަ މަސައްކަތްތަކެއް ކުރީމާ، އެކަމެއް ކުރަން އުޅުނު މީހާ އާއި ދިމާއަށް ސިޔާސީ ބޭނުމަކަށް ނޫނީ އެހެން މަގުސަދެއްގައި ވިޔަސް އެއްޗެއް ބުނުމަކީ އެކަމާ ކަންބޮޑުވެލައްވާ ކަމެއް ނޫން ކަމަށެވެ.

"އެއްވެސް ވަރަކަށް އަޅުގަނޑު ފަރުވާލެއް ނުބަހައްޓަން އެކަމަކަށް. އަޅުގަނޑު ދެކެނީ މަސައްކަތް ކުރާތީ، ސިޔާސީ ވިސްނުމެއްގައި ދައްކާ ވާހަކައެއް ކަމަށް. އޭގެ ސަބަބުން ހިތްވަރު ލިބެނީ ހަގީގަތުގައި، ވީހާވެސް ގިނަ މަސައްކަތްތަކެއް ރައްޔިތުންނަށް ޓަކައި ކުރުމަށް،"

comment ކޮމެންޓް