އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށް ޝާޒް ތާރީހުގެ ތެރެއަށް

ފުޓުބޯޅައިގެ ރޮނގުން މިވަގުތު ހާސިލު ކުރެވޭން އޮތް އެންމެ މަތީ ފުޓުބޯޅަ ލައިސަންސް ކޯސް ފުރިހަމަ ކުރި ފުރަތަމަ ދިވެއްސަކަށް މުހައްމަދު ޝާޒްލީ (ޝާޒް) ވެއްޖެ އެވެ.

ޝާޒް ފުރިހަމަ ކުރި އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ.

https://twitter.com/bassam_jaleeI/status/1120405335167127552

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހޯދައިދިން މި ފުރުސަތުގެ ބޭނުން ހިފައި، ޝާޒް އޭއެފްސީ ޕްރޯ ލައިސަންސް ގެ ކޯހުގައި ކިޔަވަން ފަށައިފައި ވަނީ 2016 ވަނަ އަހަރެވެ. އެ ކޯހުގެ ފަސް މޮޑިއުލެއް ޝާޒް ފުރިހަމަކޮށްފައި ވާ އިރު އޭނާ ވަނީ މެލޭޝިއާ، ޗައިނާގެ އިތުރުން ކޮރެއާއާއި ސްވިޒަލޭންޑްގައި ވެސް ކޯހުގެ ބައިތައް ފުރިހަމަ ކޮށްފައެވެ.

ޝާޒް ވަނީ މީގެ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކަށް ކޯޗުކަން ކޮށްދީފައެވެ. އޭނާއަށް މިފަދަ ޝަރަފެއް ހާސިލު ކުރުމަށް ފުރުސަތު ދެއްވީތީ އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަދި މިހާރުގެ ރައީސް ބައްސާމް ގެ އިތުރުން އެ އިދާރައިގެ ޓެކްނިކަލް ޑިރެކްޓަރު ސާންތިއަށް ވެސް އޭނާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްފަ އެވެ.

އޭއެފްސީ ޕްރޯ ލައިސަންސްގެ ސެޓްފިކެޓް ރަސްމީ ގޮތެއްގައި ޝާޒްއާއި ހަވާލުކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އެ ސެޓްފިކެޓް ޝާޒްއާ ހަވާލުކޮށްދެއްވާފައި ވާ އިރު އޭނާ ވިދާޅުވީ އެފަދަ ކާމިޔާބީއެއް ރާއްޖޭގެ ކޯޗަކު ހޯދުމަކީ ފުޓުބޯޅަ ތާރީހުގައިވެސް ފަހުރުވެރި ވަގުތުކޮޅެއް ކަމަށެވެ. އަދި އުންމީދަކީ އިތުރު ލޯކަލް ކޯޗުންވެސް އެ ލެވެލްއަށް ދިޔުމަށް މަސައްކަތް ކުރުން ކަމަށްވެސް ބައްސާމް ފާހަގަކުރައްވާފައިވެއެވެ.

ޝާޒްގެ އިތުރުން އޭއެފްސީ ޕްރޯ ލައިސަންސް ނެގުމަށް ރާއްޖޭގެ ކާމިޔާބު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް މިވަގުތު ހުރީ ތައިލެންޑުގަ އެވެ. ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޯހުގެ ފުރަތަމަ ބައި މޯހަން މިހާރު ފުރިހަމަ ކުރަމުން އަންނަ އިރު ކޯސް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ ޖުލައި މަހު އެވެ.

ފުޓުބޯޅައިގެ ރަނގަޅު ޖީލެއް ބިނާކުރުމަށް އެންމެ މުހިއްމު ދައުރެއް އަދާ ކުރާ ފުޓުބޯޅަ ކޯޗުންނާއި އިންސްޓްރަކްޓަރުން ތަމްރީނު ކުރުމަށް އެފްއޭއެމް އިން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ވެސް ކޯޗުންނާއި އިންސްޓްރަކްޓަރުން ތަމްރީނު ކުރުމަށް ބޭރުގެ ތަޖުރިބާކާރުން ބޭނުން ކޮށްގެން އެފްއޭއެމް އިން ވަނީ ކޯސްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް