މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ މިމަހު 29 ގައި

ގާސިމް މަޖިލީހުގެ ރިޔާސަތުގައި--- ފޮޓޯ: މަޖިލިސް

މިހާރު ކުރިއަށްދާ 18 ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މިމަހުގެ 29ވާ ހޯމަދުވަހު ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު އިއުލާން ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ގާސިމް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އޭޕްރީލް 29 ވާ ހޯމަދުވަހުގެ ހެނދުނު 9:00 ގައި ކަމަށެވެ.

އެގޮތަށް ނިންމީ، ޕާލެމަންޓްރީ ގްރޫޕުތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"އެހެންވީމާ މާދަމާ އާއި އަނެއްދުވަހާ އެކަނި މަޖިލިސް ހިނގާނީ ރަސްމީ ސިފައެއްގައި. 29 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި އެންމެ ފަހު ޖަލްސާ އޮންނާނީ،" ގާސިމް ވިދާޅުވި އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިމަހުގެ ހަވަނަ ދުވަހު ބޭއްވި އިރު، އަލަށް އިންތިހާބުވި މަޖިލިސް ހުވާކުރާނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.

މަޖިލިހުގެ 87 ދާއިރާއަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާ އަށް ބަލާއިރު، ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް 65 ގޮނޑި ލިބުނުއިރު ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމަށް ފަސް ގޮނޑި ލިބުނެވެ. ކޮންގްރެސް ޕާޓީ އާއި އެމްޑީއޭއަށް ދެ ގޮނޑި އަދި މިނިވަން ކެންޑިޑޭޓުންނަށް ހަތް ގޮނޑި ލިބުނެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން މި މަސް ނިމުމުން، މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެ އެވެ. އަދި އެ މެންބަރުންގެ ދައުރު ވެސް އެ ހިސާބުން ނިމުނީ އެވެ. ގަވައިދުގައިވާ ގޮތުން އަލަށް ހުވާކުރެއްވި މެންބަރުންނާ އެކު ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ޖޫން މަހުގެ ކުރީކޮޅެވެ.

comment ކޮމެންޓް