ދެމަހަށް ދިގުދެމިގެންދާ އިންޑިއާ އިންތިހާބުގެ ތިން ވަނަ ފިޔަވަހި ފަށައިފި

އިންޑިއާގެ އިންތިހާބުގެ ތިން ވަނަ ފިޔަވަހީގައި ވޯޓުލާ ދާއިރާތަކުގެ ތެރޭގައި ރާހުލް ގާންދީ ވާދަ ކުރައްވާ ވަޔަނާޑް ދާއިރާ ހިމެނޭ -- ފޮޓޯ: ގެޓީ

ދިއްލީ (އޭޕްރިލް 23) -- މިމަހުގެ 11 ގައި އިންޑިއާގައި ފެށި އާއްމު އިންތިހާބުގެ ތިން ވަނަ ފިޔަވަހީގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

އިންޑިއާގެ 14 ސްޓޭޓެއްގައި މިއަދު ވޯޓުލުން ކުރިއަށްދާ އިރު އޭގެ ތެރޭގައި ގުޖުރާތު، ކެރަލާ، ގޯއާ، ކަރުނާޓަކާ، މަހާރަޝްތުރާ، އުއްތަރަ ޕްރަދޭޝް، ޗައްތިސްގަރު، އޮޑިޝާ، ބިހާރު، ވެސްޓް ބެންގާލް، އައްސާމް އަދި ތިން ޔޫނިއަން ޓެރިޓަރީ ހިމެނެ އެވެ.

އެވޯޓުތަކުގެ ތެރެއިން މިއަދު އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދާނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތުގެ ދާއިރާތަކަށާއި އިދިކޮޅު ރާހުލް ގާންދީ ވާދަ ކުރައްވާ ކެރަލާގެ ވަޔަނާޑްއަށެވެ.

ބޮޑުވަޒީރު މޯދީ ޕާލިމެންޓަށް ވާދަ ކުރައްވަނީ ގުޖުރާތުގެ ގޮނޑިއަކުން ކަމަށް ނުވި، ނަމަވެސް އެސްޓޭޓުގެ ތާއިދު ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އަށް މުހިއްމު ވާނެ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ގުޖުރާތުގައި ބޭއްވި ސްޓޭޓް އެސެމްބްލީ އިންތިހާބު ބީޖޭޕީން ވަނީ ކާމިޔާބުކޮށްފަ އެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ މިހާރު ތަމްސީލު ކުރައްވާ އުއްތަރަ ޕްރަދޭޝްގެ އަމެތީގެ ގޮނޑީގެ އިތުރުން ކެރަލާގެ ވަޔަނާޑަށްވެސް މިފަހަރު އޭނާ ވާދަ ކުރައްވާނެކަން އިއުލާން ކުރުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެކެވެ.

ވަޔަނާޑްގެ ވޯޓުލުން މިއަދު އޮތް ނަމަވެސް އަމެތީގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ ހަޔެއްގަ އެވެ. އަދި އެދެ ގޮނޑިވެސް ގާންދީއަށް ކާމިޔާބު ކުރެވިއްޖެ ނަމަ އޭގެ ތެރެއިން އެއް ގޮނޑި ދޫކޮށްލައްވަން ޖެހޭނެ އެވެ.

ވަޔަނާޑްގެ ގޮނޑިއަކީ ކޮންގްރެސް ޕާޓީއަށް ގާތްގަނޑަކަށް ޔަގީން ސީޓެކެވެ. އެގޮތުން 2009 ވަނަ އަހަރު އެދާއިރާއިން ވޯޓުލާން ފެށި ފަހުން ބޭއްވި ދެ އާއްމު އިންތިހާބުގައިވެސް އެދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސް ޕާޓީ އެވެ.

އަމެތީއަކީ ގާންދީ އާއިލާއަށް ތާއިދު ބޮޑު ދާއިރާއެކެވެ. އެގޮތުން ރާހުލް ގާންދީ އަމެތީ ތަމްސީލު ކުރައްވާތާ 15 އަހަރުވެއްޖެ އެވެ. އަދި މީގެ ކުރިން ސޯނިއާ ގާންދީ އާއި ރާޖީވް ގާންދީ އާއި ސަންޖޭ ގާންދީވެސް ވަނީ އަމެތީގެ މެމްބަރުކަން ކުރައްވާފަ އެވެ.

އެހެންކަމުން ރާހުލް ގާންދީ އަމެތީގެ އިތުރުން ވަޔަނާޑްގެ ގޮނޑިއަށްވެސް ވާދަ ކުރައްވަނީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން ސުވާލު ކުރި އެވެ. ކޮންގްރެސް ޕާޓީން ބުނާ ގޮތުގައި އެއީ އެޕާޓީން "ދެކުނުގެ ސްޓޭޓުތަކަށް ކުރާ އިހުތިރާމު ރަމްޒުކޮށްދިނުމުގެ ގޮތުން" ނިންމި ނިންމުމެކެވެ. ނަމަވެސް ބީޖޭޕީން ވަނީ އެއީ އަމެތީގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ގާންދީއަށް ނެތުމުން ނިންމެވި ނިންމުމެއް ކަމަށް ބުނެފަ އެވެ. އަދި 2014 ވަނަ އަހަރު ގާންދީ އެގޮނޑި ކާމިޔާބު ކުރެއްވީ 100،000 ވޯޓުގެ ތަފާތަކުން ކަމަށާއި، އެއީ މާކުޑަ ފަރަގެއް ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

އިންޑިއާގެ އިންތިހާބުގެ ވޯޓްލުން ދެ މަސް ދުވަހަށް ދެމިގެންދާއިރު، އިންތިހާބު ނިމޭނީ އަންނަ މަހު 19ގަ އެވެ. އަދި ނަތީޖާ އިއުލާން ކުރާނީ އަންނަ މަހުގެ 23ގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް