ޑރ. އަފްރާޝީމާއި ރިލްވާން އަދި ޔާމީންގެ މައްސަލައިގެ އަޑީގައި ތިބި މީހުން ދެނެގަނެވިއްޖެ: ސުއޫދު

އަފްރާޝީމް، ރިލްވާން އަދި ޔާމީން: އެ ތިން މައްސަލައިގެ އަޑީގައި ތިބި މީހުން ދެނަގަނެވިފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައި ---

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ވީނުވީ އެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލަތަކުގެ އަޑީގައި ތިބި މީހުން ދެނެގަނެވިފައިވާ ކަމަށް މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނު ސުއޫދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ސުއޫދު ވިދާޅުވީ، އެ ތިން މަރުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިފައިވާ ކަމަށާއި އެ މީހުންނާ ހަމައަށް އިންސާފްއަރާ ހަމަ ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތުން އެ މަރުތަކުގެ މޯޓިވްއާއި އެ މަރުތަކުގެ ފަހަތުގައި ތިބި މީހުން ވަނީ ހޯދިފައި. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ކޮމިޝަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެއީ. މި މަރުތަކުގެ ފަހަތުގައި ތިބި މީހުން އެ މީހުނާ ހަމައަށް ވާސިލް ނުވެވި އޮތީ ކީއްވެތޯ. އެއީ އަދި އެހެން ސުވާލެއް،" ސުއޫދު ވިދާޅުވި އެވެ.

އެ މަރު ތަކުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވުނު ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ސުއޫދު ފާހަގަ ކުރެއްވި އެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ވެސް ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ޔަގީން އިންސާފު ހޯދައިދެވޭނެ ކަމަށް. އަޅުގަނޑަށް މިހާރު ލިބިފައިހުރި މައުލޫމާތުތަކުގެ އަލީގައި އިންސާފު އެ އާއިލާތަކަށް ހޯދައިދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ސުއޫދު ވިދާޅުވި އެވެ.

ރާއްޖޭގައި މި ފަހުން ހިނގި އަޑި ނޭނގޭ ބޮޑު ތިން މަރުގެ ގޮތުގައި ބެލެވިފައިވާ އެ ތިން މައްސަލައިގައި އެއް މައްސަލަ އަނެއް މައްސަލައާ ގުޅުން އެބަހުރި ކަމަށް މަރުތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެ މަރުގެ މައްސަލަތަކުގެ ތެރެއިން ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައި ވަނީ ޔާމީން ރަޝީދު މަރާލި މީހުން ގަބޫލުކުރާގޮތުގައި އޭނާ އަކީ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށެވެ. ނަމަވެސް އެކަމުގެ އެންމެ އަޑީގައި ތިބި މީހުން ހޯދިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިލްވާން ގެއްލުނު މައްސަލާގައި ފުލުހުން ހިނގި ތަހުގީގުން އޭނާއަށްވީ ގޮތެއް އަދިވެސް ހޯދިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މަގުސަދެއް ވެސް ފުލުހުންގެ ތަހުގީގުން ހޯދިފައެއް ނުވެއެވެ.

comment ކޮމެންޓް