އެވިޑް ކޮލެޖުން ޝަރީއާ އެންޑް ލޯ ކޯހެއް ތައާރަފުކޮށްފި

އެވިޑް ކޮލެޖުގެ ޝަރީއާ އެންޑް ލޯ ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ފޭސްބުކު

އެވިޑް ކޮލެޖުން ޝަރީއާ އެންޑް ލޯ ކޯހެއް މިރޭ ތައާރަފްކޮށްފިއެވެ.

މިރޭ ބީހައިވް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި، އެވިޑް ކޮލެޖުން ވަނީ އެ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ކޯސް އިފްތިތާހުކޮށްފައެވެ. އެ ރަސްމިއްޔާތު ޝަރަވެރިވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދެވެ. އެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދެން ފަށާ ސެމިސްޓާގައި އެވިޑް ކޮލެޖުގައި މުޅިން އަލަށް ޝަރީއާ އެންޑް ލޯ ކިޔަވައިދޭން ފަށާ އިރު، އެ ކޯހަށް ކިޔަވައިދޭން ހަމަޖެހިފައި ވަނީ އެވިޑް ކޮލެޖުގެ އިސްލާމިކް ފެކަލްޓީގެ ދަށުންނެވެ. އެ ފެކަލްޓީގެ ޑީން އަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

މިރޭ ޒިޔާދު ވިދާޅުވީ، އެވިޑްގެއާ ކޯހަކީ ރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި ފާސްކޮށް އެޕްރޫލަވް ދީފައިިވާ ކޯހެއް ކަމަށެވެ. އަދި އެ ކޯހަކީ ރާއްޖޭގައި ހަމައެކަނި "ކްރިޓިކަލް ތިންކިން" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭ ޝަރީއާ އެންޑް ލޯ ކޯސްކަމަށް އޭނާ ވިދާޅުވިއެވެ.

އެވިޑްގެ ޝަރީއާ އެންޑް ލޯ ކޯހަކީ ތިން އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ ކޯހެކެވެ. އެ ކޯހުގައި ކިޔަވައިދޭން ހަމަޖެހިފައި ވަނީ ދިވެހި ބަހުންނެވެ. ކޯހުގެ ފުރަތަމަ އަހަރު، ފީގެ ގޮތުގައި ދައްކަން ޖެހޭނީ 2350 ރުފިޔާއެވެ. ކޯހުގެ ފަހު ދެ އަހަރު ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 2500 ރުފިޔާއެވެ.

ކޯހުގެ ފުރަތަމަ އަހަރުގައި ކިޔަވައިދޭ މާއްދާތަކަކީ، ޕްރިންސިޕަލްސް އޮފް ލޯ، ކްރިޓިކަލް ތިންކިން، ރިސާޗް މެތަޑްސް، އަރަބި ބަސް، ކޮންސްޓިޓިއުޝަނަލް ލޯ އެންޑް ޕޮލިޓިކަލް ސިސްޓަމްސް، އުސޫލުލް ފިގުހް، ލޯ އޮފް ޓޯޓްސް އަދި މޯލްޑިވިއަން ލީގަލް ސިސްޓަމްސް އެވެ.

ދެވަނަ އަހަރުގައި ކިޔަވައިދޭ މާއްދާތަކަކީ، ކްރިމިނަލް ލޯ، ކޮމްޕެނީ ލޯ، ފިގުހުލް މުއާމަލާތު، އިސްލާމިކް ފެމިލީ ލޯ، އިސްލާމިކް ކްރިމިނަލް ލޯ، ޓްރަސްޓް އެންޑް އިކުއިޓީ ލޯ، ގަވާއިދުލް ފިގުހިއްޔާ، އިންގްލިޝް ފޯ ލޯ އަދި ޕަބްލިކް އިންޓަނޭޝަނަލް ލޯއެވެ.

ފަހު އަހަރުގައި ކިޔަވައި ދޭނީ، ލީގަލް ޕްރެކްޓިސް، އެމްޕްލޯއިމެންޓް ލޯ، ޕްރޮޕަޓީ ލޯ، އެޑްމިނިސްޓްރޭޓިވް ލޯ، ސިވިލް އެންޑް ކޮމާޝަލް ޕްރޮސީޖާ، ލޯ އޮފް އެވިޑެންސް، އިސްލާމިކް އިންހެރިޓެންސް ލޯ، ކްރިމިނަލް ޕްރޮސީޖާ އަދި ކޮންޓެމްޕްރަރި ފިގުހުއެވެ.

comment ކޮމެންޓް