ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރު އިލްތިމާސް ކުރައްވައިފި

ހޯމް މިނިސްޓަރު އިމްރާން އަދި ރައީސް ސޯލިހު: ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ނުފެތެރުމަށް އިމްރާން ވަނީ އިލްތިމާސް ކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސްރީލަންކާގައި އިއްޔެ ދިން ޓެރަރިޒަމް ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަގީގަތާއި ހިލާފް މައުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ އިލްތިމާސް ކޮށްފި އެވެ.

އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަގީގަތާ ހިލާފް މައުލޫމާތު ފެތުރުމާއި އެފަދަ މައުލޫމާތު ފެތުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުން އެއްކިބާވެތިބުމަށް އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

އިއްޔެ ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ރާއްޖެއާ އެއްވެސް ގުޅުމެއް ނެތްކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ވެސް ވަނީ ބުނެފައެވެ.

އެންސީޓީސީ އިން ކުރި ޓްވީޓެއްގައި ބުނީ މި ހަމަލާތަކާ ދިވެހިންނާ ގުޅުމެއް ނެތްކަން އެންސީޓީސީގެ އިންޓަނޭޝަނަލް އަދި ލޯކަލް ޕާޓްނަރުން ޔަގީންކޮށްދީފައިވާ ކަމަށެވެ.

"މިހާދިސާ އާއި ދިވެހިންނާ ގުޅުމެއް ވާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން. މިފަދަ ވާހަކަ ދައްކާއިރު، މައުލޫމާތުގެ ސައްހަކަން ޔަގީންކުރުމަށްފަހު ނޫނީ މިފަދަ ވާހަކަތައް ނުފެތުރުމަށް އެދެން،" އެންސީޓީސީގެ ޓްވީޓުގައި ވެއެވެ.

އިއްޔެގެ ބޮމުގެ ހާދިސާތަކުގައި 290 މީހުން މަރުވެ 500 މީހުން ވަނީ ޒަހަމްވެފައެވެ.

comment ކޮމެންޓް