ޕާކް ކޮށްފައި އޮތް ކާރެއްގައި ޖެއްސި ޕިކަޕް ޑްރައިވަރެއްގެ ލައިސެންސް ހިފަހައްޓައިފި

މިދިޔަ ހަފްތާގައި އަމީނީ މަގުގައި ޕިކަޕެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓް: އެ އެކްސިޑެންޓްގައި ޕިކްޕް ދުއްވަން އިން މީހާގެ ލައިސެންސް ވަނީ ދެ އަހަރަށް ހިފަހައްޓާފައި ---- ސަން ފައިލް ފޮޓޯ: އަހްމަދު އަވްޝަން

އަމީނި މަގުގައި ޕާކް ކޮށްފައި އޮތް ކާރެއްގައި ޖެއްސި ޕިކަޕް ޑްރައިވަރުގެ ލައިސެންސް ދެ އަހަރަށް ހިފަހައްޓައިފި އެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު، އަމީނީ މަގު އެވިޑް ކޮލެޖް ކައިރީގައެވެ.

އެ އެކްސިޑެންޓްގައި، ޕިކަޕް ފަހަތަށް ޖެހިވަގުތު ފަހަތުގައި ސައިކަލެއްގައި އިން އަންހެނެއްގެ ގައިގަ ޖެހި އޭނާއަށް އަނިޔާވެފައިވާއިރު ކުރިމަތީގައި އޮތް ކާރުގައި ޖެހި އެ ކާރުގެ ފަހަތު ސްކްރީން ތަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މިދިޔަ ހަފްތާގައި އަމީނީ މަގުގައި ޕިކަޕެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓް: އެ އެކްސިޑެންޓްގައި ކާރުގެ އިތުރުން މީހަކަށް ވެސް ވަނީ އަނިޔާވެފައި ---- ސަން ފައިލް ފޮޓޯ: އަހްމަދު އަވްޝަން

ފުލުހުން މިއަދު ބުނީ، އެ އެކްސިޑެންޓްގައި އިހުމާލުވި ޕިކަޕް ޑްރައިވަރަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

"އެގޮތުން އޭނާގެ ލައިސެންސް ވަނީ ދެ އަހަރު ދުވަހަށް ހިފަހައްޓާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތީރިޓީން ވަނީ މިދިޔަ ހަފްތާގައި ވެސް ތިން މީހެއްގެ ލައިސެންސް ހިފަހައްޓާފަ އެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވަށިގަނޑަށް ލައިގެން ދުއްވި މީހާ އާއި ސެނަހިޔާ ކައިރީ އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސް ކުރަނިކޮށް ޓެކްސީ އަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޓެކްސީ ދުއްވަން އިން މީހާ ހިމެނެ އެވެ.

comment ކޮމެންޓް