ފަޒީލް ޝިމާ ގޮވައިގެން އެހެން ތަނަކަށް ދިޔަ ކަމަށް ގަބޫލެއް ނުކުރެވޭ: ފުލުހުން

ގެއްލިގެން ހޯދަމުންދާ އައިޝަތު ޝިމާ ނާފިިޒް ---- ފޮޓޯ/ ފޭސްބުކް ފޮޓޯ

ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު ކަމަށް ބުނާ، 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު އެހެން ތަނަކަށް ގެންދިޔަ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ޝިމާ ގެއްލުނު މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުތައް އަމާޒުވެފައި ވަނީ އޭނާއާ އެކު ދަތުރު ކުރި އިބްރާހިމް ފަޒީލަށެވެ. ފަޒީލް ޝިމާ ގޮވައިގެން އެހެން ރަށަކަށް ދިޔަ ކަމަށް ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިން ތުހުމަތުކޮށްފައެވެ. އަދި އެކަމާ ގުޅިގެން ލ. މާމެންދޫ ކައިރީގައި އޮންނަ ފަޅުކޮށްފައިވާ ރަށެއް ކަމަށްވާ ގާދޫވެސް ބަލާފައިވެއެވެ.

ޝިމާ ގެއްލުނު ހާދިސާއާ ގުޅުގެން ފަޒީލް ބުނެފައި ވަނީ، ޝިމާ ކަނޑުމައްޗަށް ދޫކޮށްލާފައި ދިޔައީ ފެންމަތީގައި އޮންނާނެ ހަމެއް ދީފައި ކަމަށެވެ. އަދި ޝިމާ ދޫކޮށް ގޮސްފައި ވަނީ އެހީތެރިކަން ހޯދުމަށް ކަމަށެވެ.

ޝިމާ ގެއްލުނު މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފަޒީލްގެ ކިޔައިދިން ގޮތާ ހިލާފު ކަމެއް ފާހަގަވާ ހެއްކެއް ލިބިފައިވޭތޯ "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، ފަޒީލް ޝިމާ ގޮވައިގެން އެހެން ތަނަކަށް ދިޔަ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން، އެއީ ޓެކްނިލަ ވަސީލަތްތައް ބޭނުންކޮށްގެން ވިޔަސް، މީހުން ދައްކާފައި ހުރި ވާހަކަތަކުން ވިޔަސް، މީހުން ދައްކާފައި ހުރި ވާހަކަތަކޭ މިދަންނަވަނީ އެސްޓެބްލިޝް ކުރެވޭ ގޮތަށް ދައްކާފައި ހުރި ވާހަކަތައް. ވަރަށް ބައިވަރު ޔޯލަ ވާހަކަވެސް އެބަ ހުރި. އެހެންނަމަވެސް، އެސްޓެބްލިޝް ކުރެވޭ ގޮތަށް ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު އިތުރު ތަނަކަށް ގެންގޮސް އިތުރު އެކަހަލަ ކަމެއް ހިނގި ކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ފައިރޫޝް ވިދާޅުވިއެވެ.

ޝިމާ ގެއްލުނު މައްސަލައިގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ފަޒީލް ޝިމާ ގޮވައިގެން އެހެން ތަނަކަށް ދިޔަ ކަމުގެ ހެއްކެއް ފުލުހުންނަށް ލިބިފައި ނެތް ނަމަވެސް، ކަނޑުމަތީގައި ހިނގައި ދިޔަ ކަންކަމުގައި ފުލުހުންނަށްވެސް ސުވާލު އުފެދޭ ކަންކަން އެބަ ހުއްޓެވެ. އަދި ފަޒީލް ދައްކާފައި ހުރި ބައެއް ވާހަކަތައް ހަގީގަތާ ދިމާ ނުވުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ.

"އެހެން ނަމަވެސް ކަނޑުގައި ދިމާވި ހާދިސާއާ ގުޅިގެން އެބަ ހުރި އަޅުގަނޑުމެންނަށް ވެސް ސުވާލު އުފެދޭ ކަންކަން،" ފައިރޫޝް ވިދާޅުވިއެވެ.

ފަޒީލް ދައްކާފައި ހުރި ވާހަކަތަކުގެ ތެރެއިން ދިމާ ނުވަނީ ކޮން ވާހަކަތަކެއްކަން މިއަދު ފައިރޫޝް ހާމައެއް ނުކުރައްވައެވެ.

"ކުރު ޖަވާބަކީ އެބަ ހުރި [ދެކޮޅު ނުޖެހޭ ކަންކަން]. އެހެންނަމަވެސް، އެ އެއްޗެއްސަކީ މިކަމާ ގުޅިގެން ވިޔަސް އެހެން ގޮތަކުން ވިޔަސް އަޅުގަނޑުމެންނަށް ތަހުގީގުގެ ތެރޭގައި ހިމެނޭ ކަންތައްތަކަށް ވާތީ އަޅުގަނޑަށް އަކުރުން އަކުރަށް ދަންނަވާލަން ދަތި،"

ފަޒީލް ޝިމާ ގޮވައިގެން ކަނޑު ގަދަ އިރެއްގައި ދަތުރު ކުރަން ނުކުތުމަކީ އެކަމުގައި ގާނޫނީ ފިޔަވަޅު އެޅޭނެ ކަމެއްކަން މިއަދު ފައިރޫޝް ފާހަގަކުރެއްވިއެވެ. އަދި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ޝިމާ ގެއްލުނު މައްސަލައިގައި 46 މީހުންގެ ބަޔާން ފުލުހުން ނަގާފައިވާ އިރު، އެ މައްސަލައާ ގުޅިގެން އާންމުގެ ތެރޭގައި ދެކެވޭ ވާހަކަތައް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

"އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން އިވޭ އަޑުތައް ވެސް ވެރިފަރި ކުރެވުމުގެ ގޮތުން މަސައްކަތް ކުރަމުން ދަނީ. މިއަދު ހެނދުނުވެސް އަޅުގަނޑުމެން ގއ. ގެ ދެ ރަށެއް ބަލައިފިން މި މައްސަލައާ ގުޅިގެން. މީހުން ނޫޅޭ ދެ ރަށް އެއީ،"

އޭނާ ވިދާޅުވި ގޮތުގައި އެ ދެ ރަށް ބަލާފައި ވަނީ އެއިން ރަށަކަށް ޝިމާގެ ހަށިގަނޑު ގެންގޮސް ހަށިގަނޑު އަންދާލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނާތީއެވެ. މިއަދު އެ ދެ ރަށް ބަލާފައިވާ އިރު، އެއާއެކު ޝިމާ ހޯދުމަށް ބަލާފައިވާ ރަށްތަކުގެ އަދަދު ވަނީ 17 އަށް އަރާފައެވެ.

ޝިމާ ގެއްލުނު މައްސަލައިގެ ތަހުގީގު އަދިވެސް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. ނަމަވެސް، ފަޒީލް ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދިޔަ މައްސަލައިގެ ތަހުގީގު މިހާރު ވަނީ ނިންމާފައެވެ. އަދި އެ މައްސަލައިގައި ދައުވާ ކުރަން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

comment ކޮމެންޓް