ލަންކާގެ ހަމަލާގައި ޒަހަމްވި ވިލާކޮލެޖުގެ ލެކްޗަރާއެއް ސީރިޔަސް ހާލަތުގައި

ޝާން އާއި އޭނާގެ އަންހެނުން ނިސަންގާ މަޔަޑުންނޭ -- ފޮޓޯ: ފޭސްބުކް

އިއްޔެ އަކީ ސްރީލަންކާގެ މި ފަހުގެ ތާރީހުގައި ބިރުވެރި ދުވަހެކެވެ. އެގައުމުގެ އަށް ސަރަހައްދެއްގައި ދިން ބޮމުގެ ހަމަލާތަކުގައި 290 އަށްވުރެ ގިނަ މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. ބޮން ގޮއްވާލި ސަރަހައްދުތަކުގެ ތެރޭގައި ލަންކާގެ މަޝްހޫރު ތިން ހޮޓަލެއްވެސް ހިމެނެ އެވެ.

އޭގެ ތެރެއިން އެއް ހޮޓަލަކީ ކޮޅުނބުގައި ހުންނަ ޝަންގްރިއްލާ ހޮޓަލެވެ. ޝަންގްރިއްލާގައި ބޮމުގެ ހަމަލާދިނީ ހެނދުނުގެ ނާސްތާވަގުތުގައި، ރެސްޓޯރެންޓު ތެރޭގަ އެވެ. އެ ހާދިސާ ހިނގިވަގުތު ހެނދުނުގެ ނާސްތާ ނަގަން އެތަނުގައި އިންނެވި އެއް ބޭފުޅަކީ އެކައުންޓިން ދާއިރާގައި ލަންކާގައި ފާހަގަކޮށްލެވޭ އަދި ވިލާ ކޮލެޖުގެ ވިޒިޓިން ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޝާން ޖަޔަސެކެރާ އެވެ.

ހާދިސާ ހިނގިއިރު ޝާން އިނީީ އޭނާގެ އާއިލާ އާއެކު ހެނދުނުގެ ނާސްތާ އަށް އންސާފު ކުރާށެވެ. އެ ވަގުތުކޮޅުގެ އުފާވެރިކަން ޝާންގެ އަންހެނުން ވަނީ ފޭސްބުކްގައިވެސް ހިއްސާކޮށްފަ އެވެ. "އީސްޓާ ބްރޭކްފާސްޓް ވިތް ފެމެލީ :)" ޖަހާ އާންމު ކުރި ފޮޓޯ ޕޯސްޓު ކޮށްފައިވަނީ އިއްޔެ ހެނދުނު 8:17 ގައެވެ.

ބޮމުގެ ހާދިސާ ހިނގީ އޭގެ 30 ވަރަކަށް މިނެޓު ފަހުންނެވެ. މި ހާދިސާގައި ޝާންގެ އަންހެނުންނާއި މައިދައިތަ ވަނީ މަރުވެފަ އެވެ. ހާދިސާގައި ޝާން އަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އޭނާގެ ހާލު ސީރިޔަސް އެވެ.

ޝާންގެ އަންހެނުންނާއި މައިދައިތަ އަދި އާއިލާގެ އިތުރު ދެ މެންބަރުންނާއެކު ހޭދަކުރެއްވި އުފާވެރި ވަގުތުކޮޅު އާންމުވެފައިވަނީ ފޭސްބުކް ފޮޓޯއެއްގެ ޒަރިއްޔާއިންނެވެ. އެ އާއިލާ އަށް ކުރިމަތިވި ހިތާމަވެރި ހާދިސާ ގައި ބައިވެރިވެ އެތައް ބަޔަކު ދަނީ ހެޔޮ ދުއާ ފޮނުވުމަމުންނެވެ. ޝާންގެ މައިދައިތަ އަކީ ލަންކާގެ ސެލެބްރިޓީ ޝެފެއްކަމަށްވާ ޝާންތާ މަޔަޑުންނޭ އެވެ.

ޝާން އަށް ކުރިމަތިވި ހިތާމާގައި ބައިވެރިވެ ވިލާ ކޮލެޖުން ވަނީ އޭނާ އަށް ތައުޒިޔާ ފޮނުވައިފަ އެވެ. އަދި ހާދިސާގައި ލިބުނު ސީރިޔަސް ޒަހަމްތަކަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާކުރާ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

އެ ހަމަލާތައް ހިނގި ޝަންގްރިއްލާ ހޮޓަލް މިހާރު ވަނީ ބަންދުވެސް ކޮށްފަ އެވެ.

comment ކޮމެންޓް