ޝިމާގެ ކޮއްކޮ ގޮވައިގެން ފިލި މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި

ގެއްލުނު ޝިމާ ގޮވައިގެން ދިޔަ ޑިންޑީ ދުއްވަން އިން ފަޒީލް ---

ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނީ ކަމަށް ބުނާ، 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދިޔަ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު މައްސަލަ މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް އެމައްސަލައިގެ މާ ބޮޑު ތަފްސީލެއް ފައިރޫޝް ނުދެއްވަ އެވެ. ދައުވާ ކުރަން ފޮނުވީ ކިތައް މީހުންނަށް ކަމެެއްވެސް ވިދާޅެއް ނުވެ އެވެ.

ސިކްސް ސެންސަސް ލާމު ރިސޯޓު ކައިރިން ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް އެ ތިން މީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ޝިމާ ގެލުނު އިރު ޑިންގީ ދުއްވަން އިން އިބްރާހިމް ފަޒީލް ހިމެނެ އެވެ. އަދި އިތުރު ތިން މީހަކުވެސް ހިމެނެ އެވެ. އޭރު ހައްޔަރު ކުރި ނަމަވެސް މިހާރު އެމީޙުން ތިބީ ދޫކޮށްލާފަ އެވެ.

ޝިމާ ގެއްލުނީ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އަދިވެސް މިއަދާ ހަމައަށް އޭނާގެ ހިލަމެއް ނުވެ އެވެ. އަދި އޭނާ ދަތުރުކުރި ޑިންގީވެސް ފެނިފައެއް ނުވެ އެވެ. ޑިންގީ ދުއްވަން އިން ފަޒީލްގެ މައްޗަށް އާއިލާއިން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. ޝިމާ ގެއްލުނީ ނޫން ކަމަށް ގެއްލުވާލީ ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.

ފަޒީލް ބުނާ ގޮތުން ޑިންގީ ބަންޑުން ޖަހާލުމުން އޭނާ ސިކްސް ސެންސް ރިސޯޓަށް އެރީ ފަތާފަ އެވެ. އަދި ޝިމާ ގެއްލުމުން ދެރަވާ ކަމަށް އޭނާ މީގެ ކުރިން ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް