ކުރީގެ މެންބަރުންނަށް އިނާޔަތްތަކެއް ހޯދަން ހުށަހެޅި ބިލަށް އެމްޑީޕީގެ ތާއީދެއް ނެތް

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ --- ސަންފޮޓޯ/ މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ދޭން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ތަކާ ދެކޮޅަށް އެމްޑީޕީން ވިޕްލައިނެއް ނެރޭން ކަމުގެ އިޝާރާތެއް ދީފި އެވެ.

ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވަކި ވަކިން ހުށަހެޅި ދެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

މަޖިލީހުގެ މެމްބަރު ކަމުގައި ތިބެ ވަކިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ލިބޭނެ ގޮތަށް އިމްތިޔާޒު ގާނޫނަށް ހުށަހެޅި އެ އިސްލާހާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ދޭން ޖެހޭ ގޮތަށް ހުށަހެޅި ބިލާ ދެކޮޅަށް އެމްޑީޕީން ވިޕްލައިނެއް ނެރޭނެ ކަމަށެވެ.

އަބްދުއްލަތީފު އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބިދޭން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރާށެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބޭނީ ހަމައެކަނި މެމްބަރުކަން ކުރި މީހަކަށެވެ. އާއިލާގެ މީހަކަށް ނުލިބޭނެ އެވެ.

އޭގެ އިތުރުން މެމްބަރުކަން ކުރި މީހުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް މެމްބަރުކަން ކުރި މީހާއަށާއި އެމީހާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް ބަދަލު ގެންނަން އަބްދުއްލަތީފް ވަނީ ހުށަހަޅުއްވާފަ އެވެ.

މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު

  • އަށްވަނަ މާއްދާގެ (ކ) - ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށާއި ފިރިމީހާ / އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ އެވެ. މި ޕާސްޕޯޓް ހެދުމުގެ ހަރަދު ހަމަޖައްސަން ވާނީ އެމީހަކު އަމިއްލައަށެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އަދި ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް ހެލްތް އިންޝުއަރެންސް ލިބެން ޖެހޭ ގޮތަށްވެސް އަބްދުއްލަތީފް ވަނީ ހުށަހަޅުއްވާފަ އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެން ޖެހޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރާށެވެ.

މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު

  • އަށްވަނަ މާއްދާގެ (އ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން - ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ އެވެ.

އިމްތިޔާޒު ތަކާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް މުސްތަފާ ވިދާޅުވަނީ މަޖިލިސް މެމްބަރުންނަކީ ދައުލަތަށް އެތަކެއް ހިދުމަތެއް ކޮށްފައިވާ ފަރާތްތަކަކަށް ވާތީ އަބުރުވެރި ކަމާއި ޝަރަފުވެރިކަމާއެކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު ލިބިދިނުމެވެ.

އިމްތިޔާޒު ގާނޫނަށް އިސްލާޙު ހުށަހެޅުއްވި މުސްތަފާ އަދި އަބްދުއްލަތީފަކީވެސް ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވި ދެ މެމްބަރުންނެވެ.

comment ކޮމެންޓް