ލަންކާގައި މިރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ

ސްރީލަންކާގައި އިއްޔެ ދިން ހަމަލާތައް އަމާޒު ކުރީ ގިނަ މީހުން އެއްވެ އުޅޭ ފައްޅިތަކަށާއި ހޮޓާތަކަށް -- ފޮޓޯ: ގެޓީ

ކޮލަމްބޯ (އޭޕްރިލް 22): ސްރީލަންކާގައި މިރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމައިފި އެވެ.

ލަންކާއިން ކުއްލި ހާލަތު އިއުލާން ކުރަނީ އިއްޔެ އެގައުމުގައި ދިން ސިލްސިލާ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެވެ. މީގެ ކުރިން އެގައުމުން ވަނީ މިރޭ 8:00އިން މާދަމާ ފަތިހު 4:00އާ ހަމައަށް ކާފިއު ހިންގާނެކަން އިއުލާންކޮށްފަ އެވެ.

އެހަމަލާތަކާ ބެހޭ ގޮތުން އެގައުމުގެ ކެބިނެޓުގެ ތަރުޖަމާނު އަދި ހެލްތް މިނިސްޓަރު ރަޖިތާ ސެނަރަޓްނަ ދެއްވި ޕްރެސް ކޮންފަރެންސެއްގައި އޭނާ ވަނީ މާދަމާއަކީ ގައުމީ ހިތާމަ ފާޅު ކުރުމުގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި އިއްޔެގެ ހަމަލާ ދީފައި ވަނީ ބައިނަލްއަގުވާމީ ނެޓްވޯކެއްގެ އެހީގައި ކަމަށާއި އެހެންކަމުން އެހާދިސާ ތަހުގީގު ކުރަން ބޭރުގެ އެހީ ހޯދާނެ ކަމަށް ސެނަރަޓްނަ ވިދާޅުވި އެވެ. އެހަމަލާތަކާ ގުޅިގެން ލަންކާގެ ފުލުހުން ވަނީ މިހާތަނަށް 24 މީހުން ހައްޔަރުކޮށްފަ އެވެ.

ކްރިސްޓިއަނުން ފާހަގަ ކުރާ އީސްޓާ ސަންޑޭގައި ލަންކާގެ ތިން ފައްޅިއަކާއި ހަތަރު ހޮޓަލަކާއި ގެއަކަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 290އަށް ވުރެ އިތުރުވެފަ އެވެ. އަދި މަރުވި މީހުންގެ ތެރޭގައި 36 ބިދޭސީން ހިމެނޭ އިރު އޭގެ ތެރޭގައި އިންޑިއާ، ޕޯޗުގަލް، އިނގިރެސިވިލާތް، އެމެރިކާ، ތުރުކީ އަދި ޖަޕާންގެ ރައްޔިތުން ހިމެނެ އެވެ.

comment ކޮމެންޓް