މަޖިލީސް ރިޔާސަތަށް އަންހެނަކު އައުމަކީ ނަމޫނާއަކަށް ވާނެ

ޖެންޑަ ފެމިލީ އެންޑް ސޯސިއަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފު -- ފޮޓޯ/ ޖެންޑަ މިނިސްޓްރީ

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ނުވަތަ ނައިބު ރައީސަކަށް އަންހެން މެންބަރަކު ގެނައުމަކީ ނަމޫނާ އަކަށްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުން އަންހެން މެންބަރަކު ފެނިގެން ދިޔުމަކީ ބައިނަލްއަގުވާމީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް ކަމަށެވެ.

"ޝައުޤުވެރިކަން ފާޅުކުރައްވައިފައިވާ 2 މެންބަރުންނަށް ވެސް ކާމިޔާބަށް އެދެން،"

ޝިދާތާ މިހެން ވިދާޅުވިއިރު މަޖިލީހުގެ ނައިބު ރައީސްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އަދި ރައީސަކަށް ވުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

އަލަށް އިންތިހަބުކުރި މަޖިލީހުގައި ތިއްބަވާނީ ހަތަރު އަންހެން މެންބަރުންނެވެ. އެއީ އީވާ އާއި ރޮޒައިނާގެ އިތުރުން ތުޅާދޫ ދާއިރާގެ އިންތިހާބީ މެންބަރު ހިސާން ހުސައިނާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.

ރައްޔިތުންގެ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން އަންހެނުންނަށް އެންމެ ހަތަރު ގޮނޑި ލިބުމަކީ ހިތާމައެއް ކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

https://sun.mv/118201

comment ކޮމެންޓް