ސަގާފީ ތަރިކައިގެ ބިލާއެކު ހަތަރު ބިލެއް ކޮމިޓީތަކަށް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަގާފީ ތަރިކައިގެ ބިލާ އެކު ހަތަރު ބިލެއް ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީތަކަށް ފޮނުވައިފި އެވެ.

ސަގާފީ ތަރިކައިގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

އެ ބިލުގެ އިތުރުން މިއަދު ކޮމިޓީތަކަށް ފޮނުވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ހުށަހެޅުއްވީ ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލާއި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މިއަދު މަޖިލީހަށް ހާޒިރުވީ 50 މެމްބަރުންނެވެ. އޭގެތެރެއިން 45 މެމްބަރުން ވަނީ ސަގާފީ ތަރިކައިގެ ބިލު މަޖިލީހަށް ބަލައި ގަތުމަށް ވޯޓު ދީފަ އެވެ. ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލު ބަލައިގަތުމަށް ވޯޓު ދިނީ 49 މެމްބަރުންނެވެ.

އޭގެ އިތުރުން މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލު ބަލައިގަތުމަށް 48 މެމްބަރުންނެވެ. އަދި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް 49 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

ހަތަރު ބިލު ދިރާސާ ކުރުމަށް އެ ބިލުތަކާއި ގުޅުން ހުރި ދާއިރާތަކުގެ ކޮމިޓީތަކަށް ވަނީ ފޮނުވާފަ އެވެ.

މިއަދު ޖަލްސާގައި އެ ބިލުތައް ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައި އިބްތިދާއީ ބަހުސް މަރުހަލާ ކުރިއަށް ގެންގޮސްފަ އެވެ.

ސަގާފީ ތަރިކައިގެ ބިލު ހުށަހަޅުއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ސަގާފީ ތަރިކައަކީ މީހާ މީހަކަށް ހެދުމުގެ އަދި އެމީހެއް އައިޑެންޓިޓީ ގެނައުމުގެ އެންމެ މުހިންމު އެއްބައި ކަމަށެވެ.

"އަޅުގަނޑުމެންގެ ސަގާފީ ތަރިކަ އަޅުގަނޑުމެން ހިމާޔަތް ކޮށްދިނުން ވަރަށް މުހިންމު. އެއީކީއެއް އަޅުގަނޑުމެންގެ އެކަނި އެއްޗެއް ނޫން. އެއީ އެތަކެއް ޒަމާނުއްސުރެ އަޅުގަނޑުމެންނާ ހަމައަށް ވާރުތަ ވެފައޮތް އަދި އަޅުގަނޑުމެން އަޅުގަނޑުމެންގެ ދަރިންނަށާއި އަންނަން އޮތް އެތައް އެތައް ޖީލުތަކަކަށް އަޅުގަނޑުމެން ވާސިލުކޮށްދޭން ޖެހޭނެ އެއްޗެހި." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ސަގާފީ ތަރިކައިގެ ބިލުގައި ސަގާފީ ތަރިކަ ދެނެގަންނާނެ ގޮތައި ލިސްޓު ކުރާނެ ގޮތް ބަޔާންކޮށްފައި ވާނެ ކަމަށެވެ. އަދި ސަގާފީ ތަރިކަ ހިމާޔަތް ކުރާނެ ހުރިހާ ގޮތެއްވެސް އެ ބިލުގައި ބަޔާންކޮށްފައި ވާނެ ކަމަށް އީވާ ވިދާޅުވި އެވެ.

ރާއްޖޭގެ ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ބިލުގައި ބުނެފައިވާގޮތުން ތަރިކައަށް ގެއްލުން ދޭ މީހަކަށް ތަރިކައިގެ ސަގާފީ އަގަށް ބަލައި ޖޫރިމަނާ ކުރެވޭނެއެވެ. ނޫނީ ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

ޖޫރިމަނާ ކުރެވޭނީ އެއްލައްކަ އާއި އެއް މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ކަމަށާއި ޖަލު ހުކުމް އަންނާނި ފަސް އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ކަމަށް އެ ބިލުގައި ވެއެވެ.

ސަގާފީ ތަރިކައަށް ގެއްލުން ދިނުމުގެ ގޮތުގައި ބަލާނެ ކަންތައްތައް:

  • ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއް، އެއްޗެއް ނުވަތަ ސަރަހައްދެއް ހަލާކުކޮށް، ގެއްލުންދީ ނެތިކޮށްލުމަށް ކުރާ ކަންތައް
  • ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗަކަށް ބަދަލުގެނެސް އެ އެއްޗެއްގެ އަސްލު އޮޅުވާލުން ނުވަތަ އުނި އިތުރު ގެނައުން
  • ރާއްޖެ ނުވަތަ އެހެން ގައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗެއް ވެރިފަރާތުގެ ހުއްދަ ނެތި އިމްޕޯޓު ކުރުން، އެކްސްޕޯޓު ކުރުން ނުވަތަ ވިއްކުން/ ޑިސްޓްރިބިއުޓް ކުރުން
  • އެޖެންސީގެ ހުއްދަނެތި އަގެއްހުރި އެއްޗެއް ހޯދުމުގެ ބޭނުމުގައި ތަންތަން ކޮނެހެދުން
comment ކޮމެންޓް