ޕީޕީއެމްގެ ފައިސާ ހިފަހައްޓާފައިވާ މައްސަލަ ކޯޓުގައި

ޕީޕީއެމް އިން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ބޭވި ސައިޒު ޖަލްސާގެ ތެރެއިން -- ފައިލް ފޮޓޯ/ރައީސް އޮފީސް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ދައުލަތުން ދޭން ޖެހޭ ފައިސާ ދޫނުކޮށް ހިފަހައްޓާފައިވާ މައްސަލަ އޮތީ ސިވިލް ކޯޓުގައި ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަމުން ޝިޔާމް ވިދާޅުވީ، ޕީޕީއެމްގެ ފައިސާ ދީފައި ނުވާ މައްސަލައިގައި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މިއަދު އެ މައްސަލައިގެ ޑިސްޕިއުޓް ރިޒޮލޫޝަންގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބޭނުންވެގެން ބައެއް ކަންތައްތައް ސާފު ކުރަން އިތުރު ފުރުސަތު ދީފައިވާ ކަމަށާއި، ހަތް ދުވަސް ފަހުން އަނެއްކާވެސް ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްއަށް ނުދެވި ހުރި ފައިސާ ހިފަހައްޓާފައި ވަނީ އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕީޕީއެމްގެ ހިންގުން ހަވާލުކުރުމަށް އެދި ސިވިލް ކޯޓުގައި އޮތް މައްސަލައެއް ނިމެންދެނެވެ.

އެ މައްސަލަ ނިމުމުން، އިލެކްޝަންސްއިން ވަނީ އެ ފައިސާ ޕީޕީއެމްއަށް ދިނުމަށް ފިނޭންސްގައި އެދިފައެވެ. ނަމަވެސް، ފިނޭންސް މިނިސްޓްރީން އަދިވެސް އެ ފައިސާ ދީފައެއް ނުވެއެވެ.

މެމްބަރުންގެ އަދަދަށް ބަލައި ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ދޭން ޖެހޭ ސިޔާސީ ޕާޓީއަކީ ޕީޕީއެމް އެވެ. އެ ޕާޓީއަށް ލިބެން ޖެހޭ ފައިސާއަކީ 11،538،660.13 ރުފިޔާ އެވެ. އެޕާޓީއަށް ނުދީ ހިފަހައްޓާފައި ވަނީ 8،683،477.44 ރުފިޔާ އެވެ.

comment ކޮމެންޓް