ޔޫކްރެއިންގެ ރައީސްކަމަށް ކޮމީޑިއަން، ޒެލެންސްކީ އިންތިހާބުވެއްޖެ

ޔޫކްރެއިންގެ އިންތިހާބީ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ -- ފޮޓޯ: ރޮއިޓާސް

ކިއެވް (އޭޕްރިލް 22): ޔޫކްރެއިންގެ ކޮމީޑިއަންއެއް ކަމަށްވާ ވޮލޮޑްމިއާ ޒެލެންސްކީ އެގައުމުގެ ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ.

ޔޫކްރެއިންގައި އިއްޔެ ބޭއްވި އިންތިހާބުގެ ގާތްގަނޑަކަށް ހުރިހާ ވޯޓުތައް މިހާރު ގުނާފައިވާ އިރު ޒެލެންސްކީ ވަނީ 73 ޕަސެންޓު ވޯޓު ހޯއްދަވާފަ އެވެ. އަދި އޭނާއާ ވާދަކުރެއްވި ގައުމުގެ ރައީސް ޕެޓްރޯ ޕްރޮޝެންކޯއަށް ލިބުނީ އެންމެ 24 ޕަސެންޓު ވޯޓެވެ.

އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕްރޮޝެންކޯ ވަނީ ބަލި ގަބޫލު ކުރައްވާފަ އެވެ. އަދި އިންތިހާބީ ރައީސަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޔޫކްރެއިންގެ ރައީސް ޕެޓްރޯ ޕްރޮޝެންކޯ ވަނީ އިންތިހާބުން ނާކާމިޔާބުވެފަ -- ފޮޓޯ: ގެޓީ

އުމުރުން 41 އަހަރުގެ ޒެލެންސްކީ އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ސާވެންޓް އޮފް ދަ ޕީޕަލް ކިޔާ ސިޔާސީ ކޮމެޑީއެއްގެ އެކްޓަރުގެ ގޮތުގަ އެވެ. އެސީރީސްގައި އޭނާ ކުޅެނީ ޔޫކްރެއިންގެ ރައީސަކަށްވާ ސްކޫލު ޓީޗަރެއްގެ ރޯލެވެ. ޒެލްންސްކީގެ ޕާޓީއަށްވެސް ކިޔަނީ އެސީރީސްއަށް ކިޔާ ނަމެވެ.

އިއްޔެގެ އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަ ކުރައްވަމުން ޒެލެންސްކީ ވަނީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޔޫކްރެއިންގެ ބިލިއަނަރު ޕްރޮޝެންކޯ ދެވަނަ ދައުރަކަށް އިންތިހާބު ނުވި މައިގަނޑު ސަބަބަކީ ގައުމުގެ ކޮރަޕްޝަން އިންތިހާއަށް ގޮސް، އެކަން ހުއްޓުވުމަށް ސަރުކާރުން އެކަށީގެންވާ ވަރަށް ފިޔަވަޅު ނާޅާ ކަމަށް ރައްޔިތުން ގަބޫލު ކުރާތީ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

comment ކޮމެންޓް