ރޭ ލަންކާގެ މިސްކިތަކަށް ޕެޓްރޯލް ބޮމުގެ ހަމަލާއެއްދިން: ލަންކާ ފުލުހުން

ލަންކާގައި އިއްޔެ ދިން ހަމަލާއެއްގެ އަމާޒަކަށްވި ފައްޅިއެއް ކައިރީ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ/އޭޕީ

ކޮލަމްބޯ (އޭޕްރިލް 22): ސްރީލަންކާގައި އިއްޔެ ދިން ހަމަލާތަކަށް ފަހު ރޭގެ ވަގުތެއްގައި އެގައުމުގެ މިސްކިތަކަށް ޕެޓްރޯލް ބޮމުގެ ހަމަލާއެއް ދިން ކަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.

ރޮއިޓާސްގައިވާ ގޮތުން ޕުއްޓަލަމްގައި ހުންނަ މިސްކިތަކަށް ދިން ހަމަލާގެ އިތުރުން އެގައުމުގެ ކަލުތަރާ ޑިސްޓުރިކްޓުގައި ހުންނަ، މުސްލިމުން ހިންގާ ދެ ފިހާރައެއްގައި ބަޔަކު ވަނީ ރޯކޮށްލާފަ އެވެ. އެހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމަށް ރޮއިޓާސްއިންވެސް އަދި ލަންކާގެ މީޑިއާއަކުންވެސް އަދި ރިޕޯޓުކޮށްފައި ނުވެ އެވެ.

ލަންކާގައި އިއްޔެ ދިން އަށް ހަމަލާ އަމާޒުކޮށްފައި ވަނީ ތިން ފައްޅިއަކަށާއި ހަތަރު ހޮޓަލަކަށެވެ. އަށް ވަނަ ބޮން ގޮއްވާލީ، އެހަމަލާއާ ގުޅިގެން މީހަކު ހައްޔަރު ކުރަން ފުލުހުން ދިޔަ ޑެމަޓަގޮޑާގެ ގެއެއްގަ އެވެ. އެހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290އަށް އަރާފައިވާ އިރު އަނިޔާވި މީހުންގެ އަދަދު ވަނީ 500އަށް ވުރެ އިތުރުވެފަ އެވެ.

އަދި އެހަމަލާތަކާ ގުޅިގެން ގައުމުގައި ހަމަނުޖެހުން އުފެދިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. މިދިޔަ އަހަރުގެ މާޗް މަހުވެސް ލަންކާގައި މުސްލިމުންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވެ އެވެ. އެހަމަލާތައް ފެށުނީ، އެއަހަރުގެ ފެބްރުއަރީ މަހު ކެންޑީ ޑިސްޓުރިކްޓުގެ ތެލެދޭނިޔާގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މުސްލިމުންނާއި ބުދިސްޓުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައި، ބުދުދީނުގެ މީހަކު މަރުވުމުންނެވެ.

އެހަމަނުޖެހުންތަކުގައި މިސްކިތްތަކަށާއި މުސްލިމުންގެ ގެތަކަށާއި ފިހާރަތަކަށް ގެއްލުންދީފައިވެ އެވެ. އަދި އެހަމަލާތަކާ ގުޅިގެން ކެންޑީގައި ކާފިއު ހިންގައި ގައުމު ކުއްލި ހާލަތަށް ގެނަ އެވެ. ފަނަރަ ދުވަހަށް ދެމިގެންދިޔަ އެހަމަލާތަކުގައި ދެ މީހުން މަރުވި އެވެ.

comment ކޮމެންޓް