ބާރު ދުވުންތެރިޔާ ސާއިދު މިފަހަރުވެސް އޭޝިއަން ޗެމްޕިއަންޝިޕްގެ ސެމީއަށް

ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، ރިއޯ 2016 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ރައުންޑުގައި ދުވަނީ. އޭނާ ވަނީ ހީޓުގެ އެއްވަނައިގެ ގޮތުގައި ފުރަތަމަ ބުރުން ޖާގައެއް ހޯދާފައި. އެހެން ނަމަވެސް ސެމީން ޖާގައެއް ލިބޭގޮތެއް ނުވި -- ފޮޓޯ: ރިއޯ2016

ގަތަރުގެ ދޯހާގައި އިއްޔެ ފެށި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 ދުވުމުން ސެމީ ފައިނަލަށް ހަސަން ސާއިދު ދަތުރު ކޮށްފި އެވެ.

ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ނިސްބަތްވާ އޭޝިޔާގެ ބައްރުގެ 100 މީޓަރު ދުވުމުން މީގެ ދެ އަހަރު ކުރިން ހަތަރު ވަނަ ހޯދި ސާއިދަކީ ބައިނަލް އަގުވާމީ ބޮޑު މުބާރާތަކުން ރާއްޖެއަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދައިދިން އެތުލީޓެވެ.

ގައުމީ ރެކޯޑްތައް ވެސް އެތައް ފަހަރަކު މުގުރާލާފައިވާ ސާއިދު އިއްޔެ އޭޝިއަން ޗެމްޕިއަންޝިޕުގެ ސެމީފައިނަލަށް ދަތުރު ކޮށްފައި ވަނީ ފުރަތަމަ ހީޓުގައި 10.47 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރޭހުން އޭނާ ގޮސްފައި ވަނީ ފަސްވަނަ އަށެވެ.

މިދިޔަ ފަހަރު އެ މުބާރާތުގެ ފައިނަލުގައި ސާއިދު ވާދަ ކުރި އިރު އޭނާ ރޭސް ނިންމާފައި ވަނީ 10.37 ސިކުންތުންނެވެ. މިއީ އިއްޔެ ސާއިދު ރޭސް ނިންމި ވަގުތެއް ވުރެން އަވަސް ވަގުތެކެވެ.

މިފަހަރު ސާއިދު ދުވި ހީޓުގެ އެއްވަނަ ހޯދާފައި ވަނީ ބަހުރޭނުގެ ފިޝާ އެންޑްރިއު އެވެ. އޭނާ އެ ރޭސް ނިންމާފައި ވަނީ 10:15 ސިކުންތުންނެވެ. ހީޓުގެ ދެވަނަ ހޯދި ގަތަރުގެ ދުވުންތެރިޔާ 10.22 ސިކުންތުން ރޭސް ނިންމި އިރު ތިންވަނައަށް ދިޔަ އީރާންގެ ދުވުންތެރިޔާ ރޭސް ނިންމާފައިވަނީ 10.26 ސިކުންތުން ނެވެ.

މީގެ އިތުރުން ސާއިދުގެ ކުރިން ރޭސް ނިންމި ހަތަރުވަނަ އެތުލީޓަކީ ތައިލަންޑުގެ ދުވުންތެރިއެކެވެ.

ސާއިދުގެ އިތުރުުން އެ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ އިތުރު ދުވުންތެރިންނަކީ އިބްރާހިމް އަފްޝާން އަލީ (އައްޕި) އާއި ނުޖޫމް ހަސަން އާއި ހުސެއިން ފަޒީލް ހާރޫނާއި ސަރީސް އަހުމަދާއި އިބާދުﷲ އާދަމް އަދި ހުސެއިން ރިޒާ އެވެ.

އޭގެތެރެއިން ފަޒީލް ވަނީ 10،000 މީޓަރު ދުވުމުގައި ބައިވެރިވެ ގައުމީ ރެކޯޑު ތިންވަނަ ފަހަރަށް މުގުރާލާފަ އެވެ. އޭނާ އެ ރޭސް އިއްޔެ ނިންމާފައި ވަނީ 33:44 މިނެޓުންނެވެ.

comment ކޮމެންޓް