އެމްބާޕޭގެ ހެޓްރިކާ އެކު މޮނާކޯ ބަލިކޮށް ޕީއެސްޖީއިން ލީގު ކަށަވަރު ކޮށްފި

ޕީއެސްޖީއިން ރޭ ކުޅުނު މެޗުން މޮޅުވެ ފްރާންސް ލީގު ކާމިޔާބުކޮށް އުފާ ފާޅު ކުރަނީ --- ފޮޓޯ/ސަޗާ ޕިސަނީ

ކިލިއަން އެމްބާޕޭގެ ހިތްގައިމު ހެޓްރިކާ އެކު މޮނާކޯ ބަލިކޮށް ބާކީ ފަސް މެޗު އޮއްވައި، ޕީއެސްޖީއިން ފްރާންސް ލީގުގެ ތަށި ކަށަވަރު ކޮށްފި އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައ ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-3 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު އެ ޓީމުން ލީގުގެ ތަށި ޔަގީންކޮށްފައި ވަނީ 33 މެޗު ކުޅެ 84 ޕޮއިންޓް ހޯދައިގެންނެވެ. އެ މެޗުން ބަލިވި މޮނާކޯ މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ.

ރޭގެ މެޗުގައި ހެޓްރިކް ހެދި ކިލިއަން އެމްބާޕޭއާއި ޕީއެސްޖީގެ ކޯޗު ތޯމަސް ޓަޗެލް --- ފޮޓޯ/ ސަޗާ ޕިސަނީ

ޗެމްޕިއަންސް ލީގުގެ ނާކާމީޔާބީއަށް ފަހު ލީގުގައި ވެސް ގިނަ މެޗުތަކުން ޕީއެސްޖީ ބަލިވެފައި ވާ އިރު އެ ޓީމުގެ ކުޅުމާ ދޭތެރޭ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވާ ޕީއެސްޖީއިން ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މެޗު ފެށިގެން ފުރަތަމަ 15 މިނަޓުގެ ތެރޭގައި އެމްބާޕޭ ކާމިޔާބުކޮށްދިން ގޯލާ އެކު އެ މޮނާކޯއަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. އަދި އެ ގޯލާ އެކު ޓީމު ހަމަޔަކަށް ނޭޅުވި އުޅެނިކޮށް އެމްބާޕޭ ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން ވެސް ޕީއެސްޖީ ދިޔައީ މޮނާކޯގެ ގޮލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 55 ވަނަ މިނަޓުގައި އެމްބާޕޭގެ ތިންވަނަ ގޯލާ އެކު އޭނާ ވަނީ ހެޓްރިކް ހަމަކޮށްފަ އެވެ.

މި ސީޒަނުގައި 30 ގޯލު ފްރާންސް ލީގުގައި ޖެހި އެމްބާޕޭ ވެގެން ގޮސްފައި ވަނީ ފްރާންސް ލީގުގެ ތާރީހުގައި ވެސް އެ އަދަދަށް ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

އެ މެޗުގައި މޮނާކޯއިން ޖެހި ހަމައެކަނި ގޯލު މެޗުގެ 80 ވަނަ މިނެޓުގައި ޖަހައިދިނީ އެލެކްސަންޑަރާ ގޮލޮވިން އެވެ.

މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށް ފަހު ނޭމާ ޖޫނިއާ ވަނީ ރޭގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ. މިދިޔަ ޖަނަވަރީ މަހު އޭނާގެ ފަޔަށް ލިބުނު އަނިޔާއާ އެކު އޭނާ ޖެހުނީ ފައިގެ ބޮޑު ސާޖަރީއެއް ކުރާށެވެ.

comment ކޮމެންޓް