ސްރީލަންކާގެ ހަމަލާތަކުގައި މަރުވި އެމެރިކާ މީހުންގެ އަދަދު ނޭނގޭ: ޕޮމްޕެއޯ

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ

ވޮޝިންޓަން (އެޕްރީލް 22) : ސްރީލަންކާގެ ނަސޯރާއިންގެ ބައެއް ފައްޅިތަކާއި ލަގްޒަރީ ބައެއް ހޮޓާތަކާ އެނޫންވެސް ބައެއް ތަންތަނަށް ސިލްސިލާ ގޮތެއްގައި އިއްޔެ ދިން ޓެރަރިސްޓް ޙަމަލާތަކުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި އެމެރިކާގެ ރައްޔިތުން ހިމެނޭކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ވަރަށް ގާތުން ބަލަމުން ގެންދާކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ހާރިޖީ ވުޒާރާގާއި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޕޮމްޕެއޯ ވިދާޅުވީ ސްރީލަންކާގެ ހަމަލާތަކުގެ ޝިކާރައަކަށްވި އެމެރިކާ ރައްޔިތުންނަކީ ކޮންބައެއްކަން އަދި ނޭންގޭ ކަމަށާއި މަރުވީ ކިތައް މީހުންކަން އަދި ޒަހަމްވީ ކިތައްމީހުންކަންވެސް ނޭންގޭ ކަމަށެވެ. ސްރީލަންކާގައި ހުންނަ އެމެރިކާގެ އެންބަސީން އެކަން ބަލަމުން ގެންދާކަމަށާއި ނަމަވެސް އެމެރިކާ މީހުންގެ ހަށިތައް ހޯދުމަށް ފޮރިންސިކް ތަޖްރިބާކާރުންގެ ޓީމެއް ފޮނުވުމާމެދު ވިސްނަމުންދާ ކަމަށް ޕޮމްޕެއޯ ވިދާޅުވި އެވެ.

ސްރީލަންކާގެ ހަމަލާތަކުގައި 291 މީހުން މަރުވެފައިވާއިރު އޭގެތެރޭގައި ބޭރުގައުމުތަކުގެ 35 މީހުން ވެސް ހިމެނެ އެވެ. އެ 35 މީހުން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ޗައިނާ، ޕާކިސްތާން، ޑެންމާކް، ޖަޕާން، އިންޑިޔާ، ނެދާލޭންޑްސް އަދި ބަންގްލަދޭޝް ގެ ރައްޔިތުން ހިމެނޭކަމަށް ސްރީލަންކާގެ މީޑިޔާ ބުނެ އެވެ. އެ ހަލަމަލާތަކުގައި 450 މީހުން ޒަހަމްވެސް ވެފައިވެ އެވެ. ސްރިލަންކާގެ ދާހިލީ ހަނގުރާމަ ނިމި އެގައުމަށް އަމާންކަމާއި ހިމޭންކަން އައިސްފައިވާތާ 10 އަހަރަށްފަހު އިއްޔެ ދިން މި ޓެރަރިސްޓް ހަމަލާތަކާއެކު ސްރީލަންކާގެ ރައްޔިތުންވަނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

ދާހިލީ ހަނގުރާމައިގެ ދުވަސްވަރު ސްރީލަންކާގެ ރޭލް އަދި ބަސްސްޓޭޝަންތަކާއި އެއާޕޯޓްތަކާއި ހޮސްޕިޓަލުތަކާއި އެނޫންވެސް ތަންތަނުގައި ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރިވި ގޮތަށް އަނެއްކާވެސް ސިފައިން މިވަނީ ހަމައެގޮތަށް ކޮލަންބޯގައި ހަރަކާތްތެރިވާން ފަށާފަ އެވެ. މީގެއތުރުން އިތުރު ޓެރަރިސްޓް ހަމަލާތަކެއް ކުރިމަތިވުމުގެ ބިރުވެސް ބޮޑުވެފައިވާއިރު ކޮލަންބޯގެ އެއާޕޯޓަށް ދާ ހައިވޭން ރޭވެސް ވަނި ބޮމެއްފެނިފަ އެވެ.

ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ސްރީލަންކާގައި ވީރާނާވެފައިވާ ސަރަހައްދުތައް އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތް އެގައުމުން ފަށާފައިވާއިރު ގައުމުގެ މުސްތަގްބަލާމެދުވެސްވަނީ ބޮޑެތި ސުވާލުތަކެއްގެ ތެރޭގަ އެވެ. ސްރީލަންކާއަށް އެންމެ ބޮޑަށް ބޭރުފައިސާ ވަންނަ ސެކްޓަރު ކަމަށްވާ ޓޫރިޒަމްގެ ސެކްޓަރަށް މިވަނީ ދާހިލީ ހަނގުރާމަ ނިމުމަށްފަހު ނާރާވަރުގެ ބޮޑު ލޮޅުމެއް އަރާފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް