މަސްވެރިކަމުގެ ބިލު އަނބުރާ ގެންގޮސްފި

މަސްވެރިން މަސް ހިފާގެން ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްވެރިކަމުގެ ގިނަ ކަންތައްތަކެއް ހަނިވާ ގޮތަށް މަޖިލީހަށް ހުށަހަޅާފައި އޮތް މަސްވެރިކަމުގެ ބިލު އިސްލާހު ކުރުމަށް އެ ބިލު އަނބުރާ ގެންގޮސްފި އެވެ.

ސަރުކާރުގެ ފަރާތުން މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

އެ ބިލު އަނބުރާ ގެންގޮސްފައިވާކަން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ މިއަދުގެ ޖަލްސާގައި އިއުލާނު ކުރައްވާފަ އެވެ. އެ ބިލު އަނބުރާ ގެންދެނީ ބިލު ހުށަހެޅުއްވި މެމްބަރު އެގޮތަށް އެދިވަޑައިގަތުމުން ކަމަށް ގާސިމް ވިދާޅުވި އެވެ.

އެ ބިލުގައި ވާގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްރޭސް ބާއްވާ ނަމަ ވެސް ކުރިއާލައި ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނުހޯދައި މަސްރޭސް ނުބޭއްވޭނެ އެވެ.

ބިލާމެދު އާންމުންނާއި ގިނަ މަސްވެރިން ވަނީ ސޯޝިއަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އާންމުންގެ ކަންބޮޑުވުމަށް ޖަވާބުދެއްވަމުން ބިގޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެރިކަމަށް ލޯބިކުރައްވާ މީހުންނަށް ގޮންޖަހާފައި ބިލެއް ހުށަހަޅާ މީހަކަށް އޭނާ ނުވާނެ ކަމަށެވެ.

"ބިލު އަނބުރާ ނެގުމަށްފަހު ރައްޔިތުން އެދޭ އިސްލާހުތައް ގެންނާނަން." ބިގޭ ވިދާޅުވި އެވެ.

އާންމުންގެ ކަންބޮޑުވުމަކީ މަސްވެރިކަމުގެ ކުދި ކުދި ކަންކަމުގައި މިނިސްޓްރީގެ ހުއްދަ ނަގާ ގޮތަށް އޮތުމެވެ. އަދި މަސްރޭސް ފަދަ މުބާރާތްތަށް ދިވެހިން ދިވެހިންގެ ކަނޑުގައި ބާއްވަން ބައެއްގެ ހުއްދަ ހޯދަން ޖެހުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މަސްރޭސް ބޭއްވޭނީވެސް ހުއްދައެއް ނަގައިގެން

މަޖިލީހަށް ހުށަހެޅި މަސްވެރިކަމާ ބެހޭ ބިލުގައި ވާގޮތުން އެ ބިލު ގާނޫނަކަށްވުމުން ކުޅިވަރުގެ ބޭނުމަށް ނުވަތަ އެހެންވެސް ބޭނުމަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން މަސްރޭސް ފަދަ މުބާރާތްތައް ބޭއްވޭނީ ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ.

މުނިފޫހި ފިލުވުމަށް ނުވަތަ ކުޅިވަރުގެ ބޭނުމަށް ކުރާ މަސްވެރިކަން 17 (ހ)

  • މިނިސްޓްރީގެ ހުއްދަ ކުރިއާލާ ލިއުމުން ލިބިގެން މެނުވީ މުނިފޫހި ފިލުވުމަށް ނުވަތަ ކުޅިވަރުގެ ބޭނުމަށް އެއްވެސް ފަރާތަކުން މަސް ރޭސް ފަދަ އެއްވެސް ހަރަކާތެއް ނުވަތަ މުބާރާތެއް

އޭގެ އިތުރުން ރާއްޖޭގެ ކަނޑުން ބޭރުގެ ފަރާތްތަކަށް ހުއްދަ ހޯދައިގެން މަސްވެރިކަން ކުރެވޭ ގޮތަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. މިނިސްޓްރީގެ ހުއްދައަކާ ނުލައި ބޭރުގެ މަސްވެރި އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެހެންނަމަވެސް އެޅޭނެ ފިޔަވަޅުތަކެއް ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. ބިލު ގާނޫނަކަށް ވުމުން އެ ގާނޫނުގެ ދަށުން ގަވާއިދުތައް ހަދައި ފިޔަވަޅުތައް ބަޔާން ކުރުމުގެ ބާރު ބިލުން ވަނީ ފިޝަރީޒް މިނިސްޓްރީއަށް ދީފަ އެވެ.

މަސްވެރިކަން ކުރުމަށް ދިވެހިންނަށް އަދި ބޭރުގެ ފަރާތްތަކަށްވެސް ހުއްދަދީ ލައިސަންސް ދޫކުރެވޭނީ ފީއެއް ދައްކައިގެން ކަމަށް ބިލުގައި ބަޔާންކޮށްފައިވީ ނަމަވެސް ފީއަކީ ކިހާވަރެއް ކަމެއް ބުނެފައެއް ނެތެވެ. ފީ ކަނޑައަޅާނީ ވެސް މިނިސްޓްރީއިން ހަދާ ގަވައިދަކުން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މަސްވެރިކަން ކުރުން މަސްވެރިކަމާ ބެހޭ ބިލުން މަނާކުރެ އެވެ. ނަމަވެސް މިނިސްޓްރީން ދޫކުރާ ސައްހަ ލިޔުމެއް އޮވެ، ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ގަރާރުތަކާ ހިލާފު ނުވާގޮތަށް ރާއްޖޭގެ ކަނޑުން ބޭރުން މަސްވެރިކަން ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް