ހުރިހާ ކަމެއް ދިޔައީ ގޯހުން ގޯހަށް: ސޮލްޝަޔާ

މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-4 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އެވަޓަންއިން --- ފޮޓޯ/ ރޮބް ލެންކެސްޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ އެވަޓަން އަތުން ލަދުވެތިގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗުގައި ކަން ހިނގައި ދިޔަ ގޮތުން ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޮލްޝަޔާ އެ ޓީމުގެ ސަޕޯޓަރުން ގާތުން މާފަށް އެދިއްޖެ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު އެ މެޗުން އެ ޓީމު ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދީ 0-4ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު އެވަޓަން ތާވަލުގެ ހަތް ވަނައަށް ޖެހިލި އިރު މެޗުން ބަލިވި ޔުނައިޓެޑް ވަނީ ތާވަލުގެ ހަވަނަ އަށް ވެއްޓިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޮލްޝަޔާ --- ފޮޓޯ/ ރޮބް ލެންކެސްޓާ

އާދަޔާހިލާފު މޮޅު ކުޅުމެއް އެވަޓަންގެ ފަރާތުން ފެނުނު އެ މެޗުގައި އެ ޓީމަށް ގޯލުތައް ޖަހައިދީފައި ވަނީ، ރިކާލިސަންއާއި ގިލްފީ ސިގާޑްސަން އަދި ލޫކަސް ޑީނޭގެ އިތުރުން ތިއޯ ވޮލްކޮޓް އެވެ.

ލީގުގައި ބާކީ ހަތަރު މެޗު ކުޅެން އޮތް އިރު ގަދަ ހަތަރެއްގެ ވާދަވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފަ އެެވެ. އެގޮތުން ތާވަލުގެ ތިން ވަނައިގައި އޮތް ޓޮޓެންހަމް އާއި ހަ ވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އޮތީ އެންމެ ތިން ޕޮއިންޓްގެ ފަރަގެކެވެ. ބާކީ އޮތް މެޗުތަކުގެ ތެރެއިން އެންމެ މެޗަކުން ބަލިވިޔަސް ދެން ތިބި ޓީމުތަކުން އޭގެ ފައިދާ ނަގާނެ އެވެ.

ވޭތުވެ ދިޔަ ހަފްތާ ބާސެލޯނާ އަތުން ބޮޑު ބައްޔަކުން ބަލިވެ ޗެމްޕިއަންސް ލީގުން އަލްވަދާއު ކިޔަން ޖެހުނު ޔުނައިޓެޑްއަށް އިއްޔެ ކުޅުނު މެޗުން މޮޅުވެގެން ހަތަރުވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އެ މެޗުން ލިބުނު ބައްޔާ އެކު އެ ޓީމުގެ ސަޕޯޓަރުން ވަނީ ޓީމުގެ ކޯޗަށާއި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

ޔުނައިޓެޑްގެ ކޯޗު ސޮލްޝަޔާ ވަނީ އެ މެޗުގައި ކަން ހިނގައި ދިޔަ ގޮތުން ސަޕޯޓަރުން ގާތު މާފަށް އެދިފަ އެވެ.

"މި ބައްޔަކީ ވަރަށް ލަދުވެތި ބައްޔެއް. ޔުނައިޓެޑްގެ ފެންވަރެއް ނޫން މިއީ. ވަރަށް ދަށް ފަންތީގެ ކުޅުމެއް މި މެޗުން ފެނިގެން މިދިޔައީ،" އިއްޔެގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސޮލްޝަޔާ ބުންޏެވެ.

"އަހަރެން ބޭނުން މިކަމުގައި ޔުނައިޓެޑްގެ ހުރިހާ ސަޕޯޓަރުން ގާތުން މާފަށް އެދެން. މިއަދުގެ ހަގީގީ ޔުނައިޓެޑަކީ ސަޕޯޓަރުން. ކުޅުންތެރިންގެ ފަރާތުން އެކަމެއް ނުފެނުނު."

މީގެ އިތުރުން އެވަޓަން އިން ޔުނައިޓެޑްގެ މައްޗަށް ހުރިހާ ގޮތަކުން ވެސް ގަދަވެގެންފައި ވާ ކަމަށާއި އެ މެޗުގައި ހުރިހާކަމެއް ވެސް ދިޔައީ ޔުނައިޓެޑާ އިދިކޮޅަށް ކަމަށް ސޮލްޝަޔާ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑް ދެން އަންނަ މެޗުގައި ބައްދަލު ކުރަން ޖެހޭނީ މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އެ ޓީމާއި އެންމެ ވާދަވެރި މެންޗެސްޓާ ސިޓީއާ އެވެ.

comment ކޮމެންޓް