ބަޝީރުގެ ގެކޮޅުން ފެނުނު 113 މިލިޔަން ޑޮލަރާ ބެހޭ ގޮތުން އޭނާއާ ސުވާލުކުރަނީ

ބަޝީރުގެ ގެކޮޅުން ނެރުނު ފައިސާ ސޫދާންގެ ފުލުހުން ދައްކާލަނީ

ޚުރްތޫމް (އެޕްރީލް 22) : މަގާމުން ދުރުކޮށްފައިވާ ސޫދާންގެ ރައީސް އުމަރުލްބަޝީރުގެ ގެކޮޅުން ފެނުނު ފައިސާ އާ ބެހޭ ގޮތުން އޭނާއާ ސުވާލުކުރާނެ ކަމަށް އެގައުމުގެ ޕަބްލިކް ޕްރޮސެކިއުޝަނުން ބުނެފި އެވެ.

ބަޝީރުގެ ގެކޮޅުން ފެނުނު 113 މިލިޔަން ޑޮލަރާ ބެހޭ ގޮތުން ޕަބްލިކް ޕްރޮސެކިއުޝަންގެ ވަކީލަކު ވިދާޅުވީ އެ އިދާރާއިން ގެންދަނީ މަނީލޯންޑްރިންގެ ދެ މައްސަލައެއް ތަހްގީގް ކުރަމުން ކަމަށާއި މިފައިސާ ހޯދިގޮތާ އަދި ބަޝީރުގެ ގެކޮޅުގައި މިހާގިނަ އަދަދެއްގެ ފައިސާ ބެހެއްޓި ސަބަބު ތަހްގީގްކޮށް ބަލައި އޭގެ އެންމެ ފުންމިނަށް ދާނެކަމުގަ އެވެ.

ބަޝީރުގެ ގެކޮޅުން ފެނުނު ފައިސާ، ފުލުހުން ނޫސްވެރިންނަށް ދައްކާފައިވާ އިރު އޭގެތެރޭގައި ތިންލައްކައަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި ފަސްލައްކައަށް ވުރެ ގިނަ ޔޫރޯ އާއި ސަތޭކަ މިލިޔަނަށް ވުރެ ގިނަ ސޫދާން ޕައުންޑް ހިމެނެ އެވެ. އެ ފައިސާ ރައްކާކޮށްފައި ވަނީ ފޮށިފޮށިގަނޑުގައި ކަމަށް ސޫދާނުގެ ފުލުހުން ބުނެ އެވެ. ފުލުހުން އެފައިސާ ދައްކާލި އިރު ފައިސާ ހުރީ ޕްލާސްޓިކް ގޯނިތަކެއްގަ އެވެ.

ބަޝީރުގެ އިތުރުން އޭނާގެ ދެ ކޮއްކޮގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑްރިންގެ ތުހުމަތުކޮށްފަ އެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ޚުރްތޫމުގެ މަރުކަޒީ ޖަލުކަމަށްވާ ކޮބަރ ޖަލަށް ގެންގޮސް އެޖަލުގައި ހައްޔަރުކޮށްފަ އެވެ. ސޫދާން ރައްޔިތުންގެ އެތަށް ހާސްބަޔަކު ފަސް މަސް ވަންދެން ބަޝީރުގެ އިސްތިއުފާއަށް ގޮވާލައި ކުރި މުޒާހަރަތަކެއްގެ ނަތީޖާއެއްގެ ގޮތުން ސިފައިން އިސްކޮށް ތިބެގެން ބަޝީރު މަގާމުން ދުރުކޮށްފައި ވަނީ މި އެޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް