ލަންކާގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރައިފި

ސްރީލަންކާގައި އިއްޔެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 290އަށް އަރާފަ -- ފޮޓޯ/އޭޕީ

ކޮލަމްބޯ (އޭޕްރިލް 22): ސްރީލަންކާގައި އިއްޔެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290އަށް އަރައިފި ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ކްރިސްޓިއަނުން ފާހަގަ ކުރާ އީސްޓާ ސަންޑޭގައި ފައްޅިތަކަކަށާއި ހޮޓެލްތަކަކަށް އަމާޒުކޮށް ދިން އެހަމަލާތަކުގައި ގާތްގަނޑަކަށް 500 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި މަރުވި މީހުންގެ ތެރޭގައި 36 ބިދޭސީން ހިމެނޭ އިރު އޭގެ ތެރޭގައި އިންޑިއާ، ޕޯޗުގަލް، އިނގިރެސިވިލާތް، އެމެރިކާ، ތުރުކީ އަދި ޖަޕާންގެ ރައްޔިތުން ހިމެނެ އެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލް ރައްޒާގު ވަނީ އެހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުން ނުވާ ކަމަށް "ސަން"އަށް އިއްޔެ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ލަންކާގައި ދިރިއުޅޭ ދިވެހިން ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ގެއިން ނުނިކުމެ، ގޭތެރޭގައި މަޑުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ލަންކާގެ ފުލުހުން ވަނީ އިއްޔެ އަށް ސަރަހައްދަކަށް ދިން ހަމަލާތައް މިހާރު ތަހުގީގު ކުރަން ފަށާފަ އެވެ. އަދި ފުލުހުން ވަނީ މިހާރު 24 މީހުން ހައްޔަރުކޮށްފަ އެވެ. އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ހަމަލާ ދިން ކަމަށް ބެލެވެނީ އެއް ގުރޫޕަކުންނެވެ. އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރޭ ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގެގޮތުގައި ހަމަލާ ދިނުމުގައި ބައިވެރިވީ އެގައުމަށް ނިސްބަތްވާ މީހުން އެކަންޏެވެ.

އެހަމަލާތަކާ ގުޅިގެން އިއްޔެ ލަންކާގައި ކާފިއު އިއުލާންކުރި ނަމަވެސް މިހާރު އެހާލަތު ވަނީ އުވާލާފަ އެވެ. އެއީ 2009ވަނަ އަހަރު ލަންކާގެ ދާހިލީ ހަނގުރާމަ ނިމުނު ފަހުން އެގައުމުގައި ދިން އެންމެ ނުރައްކާތެރި ހަމަލާތަކެވެ.

comment ކޮމެންޓް