ލަންކާގެ އެއާޕޯޓަކުން ފެނުނު ބޮމެއް އެހެން ސަރަހައްދަކަށް ގެންގޮސް ގޮއްވާލައިފި

ސްރީލަންކާގެ ކަތުނަޔަކަ އެއާޕޯޓަށް ދާ ހައިވޭ --

ސްރީލަންކާގެ ނިގަމްބޯގައި ހުންނަ ކަޓަނަޔަކަ އެއާޕޯޓުން ފެނުނު ބޮމެއް މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް ގޮއްވާލައިފިއެވެ.

ލަންކާގެ އެއާފޯސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކަޓުނަޔަކަ އެއާޕޯޓުން ފެނުނު ބޮން، އެއާފޯސްގެ އެކްސްޕްލީސިވް އޯޑްނަންސް ޓީމުން ވަނީ މީހުން ދިރުއުޅޭ ސަރަހައްދާ ދުރަށް ގެންގޮސް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ގޮއްވާލާފައެވެ.

ލަންކާގެ އަށް ސަރަހައްދެއްގައި މިއަދު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 215 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 35 މީހުން ވެސް ހިމެނެ އެވެ. އަދި އެގައުމުން ވަނީ ހަމަލާތަކާ ގުޅިގެން ހަތް މީހުން ހައްޔަރުކޮށްފަ އެވެ.

ލަންކާގެ ޑިފެންސް މިނިސްޓްރީން ވަނީ ހުރިހާ ހަމަލާތައް ވެސް ދިނީ އެއް ޖަމާއަތަކުން ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލް ރައްޒާގު ވަނީ އެހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުން ނުވާ ކަމަށް "ސަން"އަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ލަންކާގައި ދިރިއުޅޭ ދިވެހިން ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ގެއިން ނުނިކުމެ، ގޭތެރޭގައި މަޑުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

comment ކޮމެންޓް